ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި އަންގާރަ ދުވަހުގެ ރޭ ޗެލްސީއާއި ލިލް ބައްދަލުކުރި މެޗު ޗެލްސީން ކާމިޔާބު ކުރިއިރު ޔުވެންޓަސް އާއި ވިލަރެއާލް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ.

ޗެލްސީގެ އަމިއްލަ ދަނޑުގައި ފްރާންސްގެ ލިލްއާއި ދެކޮޅަށް ކުޅުނު މެޗު، ޗެލްސީން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ.

Ad
rt

މެޗެ ފެށިތާ ކުޑައޮރުކޮޅެއް ތެރޭ ޗެލްސީން ވަނީ ލިލްގެ ގޯލަށް ނުރައްކާ ކޮށްފައެވެ. މެޗުގެ ތިންވަނަ މިނެޓުގައި ޗެލްސީގެ ކެޕްޓަން އަޒްޕިލްކުއޭޓާ ތިރިތިރިން ލިލްގެ އޭރިއާ ތެރެއަށް ހުރަސްކޮށްދިން ބޯޅަ ލިބުނީ އެ ޓީމްގެ ފޯވާޑް ކައި ހަވާޓްޒްއަށެވެ. އޭނާ އެއްފަހަރުން ފޮނުވާލި ބޯޅަ ގޮސްފައި ވަނީ ހުރަސް ދަނޑި މަތިން ބޭރަށެވެ. އޭގެ ތިން މިނެޓް ފަހުން ވެސް ހަވާޓްޒް ވަނީ ނުރައްކާތެރި ހަމަލާއެއް ލިލްގެ ގޯލަށް ފޮނުވާލާފައެވެ. އެ ހަމަލާ ވަނީ ލިލްގެ ކީޕަރު މަތަކޮށްފައެވެ.

މި މެޗުގައި ޗެލްސީން ލީޑު ނަގާފައި ވަނީ 8 ވަނަ މިނެޓުގައެވެ. ޗެލްސީގެ ހަކީމް ޒިޔެޗް ނަގައިދިން ކޯނަރެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ހަވާޓްޒްއެވެ. އެއަށް ފަހު ޗެލްސީގެ އެލަންސޯ ލިލްގެ ގޯލާއި އަމާޒުކޮށް ބާރު ހަމަލާއެއް ފޮނުވާލިއިރު، ލިލްގެ ބެންޖަމިން އަންދްރޭ ވަނީ ޗެލްސީގެ އޭރިޔާ ބޭރުގައި ހުރެ ބާރު ހަމަލާއެއް ފޮނުވާލާފައެވެ. ނަމަވެސް ޗެލްސީގެ ކީޕަރު މެންޑީ ވަނީ އެ ހަމަކާ ހުއްޓުވާފައެވެ.

ފުރަތަމަ ހާފާއި ޚިލާފަށް ލިލްއިން ވަނީ މެޗުގެ ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް ގިނަ ވަގުތު ބޯޅަ ހިފަހައްޓާފައެވެ. ނަމަވެސް މެޗެ 63 ވަނަ މިނެޓުގައި ޗެލްސީން އުފެއްދި ކައުންޓަ އެޓޭކެއްގައި ކަންޓޭ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކްރިސްޓިއަން ޕުލިސިޗް ކާމިޔާބުކުރި ލަނޑާއިއެކު ޗެލްސީން ވަނީ ލީޑު ފުޅާކޮށްފައެވެ. މި މެޗުގައި މާ ހުސް ފުރުޞަތެއް ލިލްއަށް ހޯދިފައިނުވެއެވެ. މި މޮޅާއިއެކު ޗެލްސީއަށް ވަނީ ކުއާޓާގެ އުންމީދު ބޮޑުވެފައެވެ. މި ދެ ޓީމް ވާދަކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ ލިލްގެ ދަނޑުގައެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މާޗް މަހުގެ 16 ވާ ބުދަ ދުވަހުގެ ރެއެވެ. އެ މެޗު ފަށާނީ ރާއްޖެ ގަނޑިން ދަންވަރު 01:00 ގައެވެ.

ވިލަރެއާލްއާއި ޔުވެންޓަސް ބައްދަލުކުރި މެޗު ނިމިފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.

ވިލަރެއާލްގެ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައި ވަނީ ޔުވެންޓަސްއިންނެވެ. މި ލަނޑު މެޗު ފެށިތާ 32 ސުކުންތުގެ ތެރޭ ޔުވެންޓަސްގެ ބްރެޒިލް ޑިފެންޑަރ ޑަނީލޯ ކުޅުނު ދިގު ބޯޅައެއް ކޮންޓްރޯލް ކުރުމަށް ފަހު ދުރުކަނަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ 58 މިލިއަން ޕައުންޑަށް ފިއޮރެންޓީނާއިން ޔުވެންޓަސްއާއި ގުޅުނު އުމުރުން 22 އަހަރުގެ ޑޫސަން ވަލްހޮވިޗެވެ. މިއީ ޔުވެންޓަސް ޖޯޒީގައި އޭނާ ކުޅުނު ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗެވެ.

ފުރަތަމަ ހާފުގައި ވިލަރެއާލުން ނުރައްކާތެރި ދެ ހަމަލާއެއް އިފެއްދިއިރު، އެ ޓީމްގެ ޖިއޮވާނީ ލެ ސެލްސޯ ފޮނުވާލި ހަމަލާ އަމާޒުވެފައި ވަނީ ޔުވެންޓަސްގެ ގޯލުގެ ދަނޑިއަށެވެ. މި ހާފުގައި ޔުވެންޓަސްއަށްވުރެ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅެފައި ވަނީ ވިލަރެއާލުންނެވެ.

ޓީމް ކުރިއަށް ޖައްސައި ވިލަރެއާލުން ނަތީޖާ ހަމަހަމަ ކުރުމަށް ކުރި މަސައްކަތް ކާމިޔާބު ވެފައި ވަނީ މެޗުގެ 66 ވަނަ މިނެޓުގައެވެ. މި ލަނޑު ކަޕޫ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޕަރޭހޯއެވެ. ޔުވެންޓަސްގެ ފޯވާޑް ވަލްހޮވިޗަށް ވެސް ވަނީ މެޗުގެ ދެވަނަ ހާފުގައި ރަނގަޅު ފުރުޞަތެއް ލިބިފައެވެ. އޭނާ ފޮނުވާލި ހަމަލާ ވަނީ ވިލަރެއާލްގެ ކީޕަރު ދިފާއު ކޮށްފައެވެ.

މި ދެ ޓީމް ވާދަކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ ޔުވެންޓަސްގެ ދަނޑުގައެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މާޗު މަހުގެ 16 ވާ ބުދަ ދުވަހުގެ ރެއެވެ.