ސަރުކާރުގެ ސިއްރު ބޭޒާރު ކުރުމުގެ ތުހުމަތުގައި ފުލުހުންގެ ޚިދުމަތުން ތަހްގީގު ކުރަމުން ގެންދިޔަ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު ޙުސައިން އަރީފް (ހުސެންބެ) ގެ މައްސަލަ ފައިލް ކޮށްފިއެވެ.
އިތުރު މައުލޫމާތު ލިބުމުން މައްސަލަ ކުރިއަށް ގެންދާ ގޮތަށް އެ މައްސަލަ ފައިލް ކުރިކަން ފުލުހުންގެ ޚިދުމަތުން މިއަދު ވަނީ ހުސެންބެ އަށް އަންގާފައެވެ.
އެ މައްސަލައަކީ ކުރީގެ ސަރުކާރު ދުވަސްވަރު 5 އޮކްޓޯބަރު 2017 ގައި ބަލަންފެށި މައްސަލައެކެވެ. އެ މައްސަލަ ނިންމައި ފައިލްކޮށްފައި ވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ.
އެ މައްސަލަ ފައިލްކޮށް، ފުލުހުންގެ ޚިދުމަތުން ހުސެންބެއަށް ފޮނުވި ލިޔުމުގައި ވާގޮތުން އެ މައްސަލައަކީ ސަރުކާރުގެ ސިއްރު ބޭޒާރު ކުރުމުގެ ތުހުމަތުގައި ބަލަން ފެށި މައްސަލައެކެވެ.
ހުސެންބެ މައްޗަށް ތުހުމަތު ކުރެވިގެން ފުލުހުންގެ ޚިދުމަތުގެ ފަރާތުން އެ މައްސަލަ ތަހްގީގު ކުރި ކުރުމުން ހުސެންބެގެ މައްޗަށް ދައުވާ ކުރުމަށް އެކަށީގެންވާ މިންވަރަށް ހެކި ޤަރީނާ ލިބިފައި ނުވާކަމަށް އެ ލިޔުމުގައި ބުނެފަވެއެވެ.
"އިތުރު މައުލޫމާތު ލިބުމުން މައްސަލަ ކުރިއަށް ގެންދާ ގޮތަށް މި ސަރވިސްގައި މައްސަލަ ފައިލް ކުރެވިފައިވާ ވާހަކަ ދެއްނެވީމެވެ." އެ ލިޔުމުގައި ފުލުހުން ވިދާޅުވެފަވެއެވެ.
މި މައްސަލައާއި ގުޅިގެން ހުސެންބެ ވިދާޅުވީ، މި މައްސަލައަކީ ރައީސް ޔާމީންގެ ވެރިކަމުގައި، އޭރުގެ އިދިކޮޅު ފަރާތްތަކާއި ގުޅިގެން އޭނާ އިސްލާހީ މައްސައްކަތުގައި އުޅުއްވަނިކޮށް ސަރުކާރުގެ ސިއްރު ބޭޒާރު ކުރަނީ ކަމަށްބުނެ ކުރިމަތި ކުރި މައްސަލައެއް ކަމަށެވެ.
2014 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ހުސެންބެ ވަނީ އެ އަހަރުގެ ތެރޭގައި އޭރު ވެރިކަމުގައި އޮތް ޕީޕީއެމާ ގުޅިވަޑައިގެންފައެވެ. ފަހުން ހުސެންބެ އެމްޑީއޭގައި ވެސް އުޅުއްވިއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އިދިކޮޅު "ހިންދެމިލައި ހަމައިސްކޮޅަށް ތެދުވިއިރު" ހުސެންބެއަކީ އެ ހަރަކާތުން އޭރު އެންމެ އިސްކޮށް ފެނުނު އެއް މޫނެވެ.
އެ ދުވަސްވަރު އިދިކޮޅު ހަރަކާތުގެ "ކުޅިބައި އަތުރާލުމުގައި" ރައީސް މައުމޫނާއި، ރައީސް މައުމޫނުގެ ދަރިކަލުން ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު ފާރިޝް މައުމޫނުގެ އަރިހުގައި އިދިކޮޅު ފިކުރުތައް އެއްތަން ކުރުމުގައި ހުސެންބެ ވަނީ ވަރަށް އިސް ސަފުގައި މަސައްކަތް ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!