ބޭންކް އޮފް މޯލްޑިވަސް އިން ތަޢާރަފުކުރި "އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑު" ގެ ތިންވަނަ ކުއާޓަރގައި ހދ ކުޅުދުއްފުށީގައި ކުޑަކުދިންގެ ޕާކެއް ތަރައްޤީކުރުމަށާއި ހއ ކެލާ ސްކޫލު ކުރިމަތީގައި ދަރިވަރުންނާއި ބެލެނިވެރިން ބޭނުންކުރުމަށް ހިޔާވާ ތަނެއް ބައިސްކަލް ޕާކް ކުރެވޭގޮތަށް ހެދުމަށް، އެހީ ދިނުމަށް ބީއެމްއެލް އިން ނިންމައިފިއެވެ.
ތިންވަނަ ކުއާޓަރގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 5 މަޝްރޫޢެއް ބީއެމްއެލް އިން ހޮވާފައިވާއިރު މިފަހަރު އެހީދޭ އަނެއް 3 ޕްރޮޖެކްޓަކީ ނ. ހޮޅުދޫ ބަނދަރު ޞަރަޙައްދުގައި މަސް ކަނޑާ ތަނެއް ހެދުމަށާއި، ރ. ހުޅުދުއްފާރުގައި އަތިރިމަތީ ޞަރަޙައްދުގައި ހިތްފަސޭހަ މައިޒާނެއް ތަރައްޤީކުރުމަށާއި އަދި ތ. ކަނޑޫދޫގެ ތުނޑީކޮޅުގައި ޕިކްނިކް ޞަރަޙައްދެއް ޤާއިމުކުރުމަށެވެ.
ބީއެމްއެލް އިން ހާމަކުރި ގޮތުގައި ބޭންކުގެ އެންމެ ބޮޑު އެއް ޢަމާޒަކީ ބޭންކަށް ލިބޭ ފައިދާ އަނބުރާ މުޖުތަމަޢަށް ފޯރުކޮށްދިނުމެވެ. އެގޮތުން މިހާތަނަށް 10 ރަށަކަށް ބީއެންއެލް ކޮމިއުނިޓީ ފަންޑު މެދުވެރިކޮށް، މުޖުތަމައަށް ފައިދާކުރަނިވި މަޝްރޫޢޫތަކެއް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށްވެސް ބީއެމްއެލް އިން ހާމަކޮށްފައިވެއެވެ.
އަދި މި ޕްރޮގްރާމުގެ ދަށުން މިއަހަރު ތެރޭ ބީއެމްއެލް އިން ވަނީ ނުކުޅެދުންތެރިކަން ހުންނަ 60 ފަރާތަކަށް މޮޓޮރައިޒްޑް ވީލްޗެއަރ ހަދިޔާކޮށްފައެވެ.
"އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑު" އަކީ އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ މަޝްރޫޢޫތަކަށް އެހީވުމުގެ ގޮތުން ބީއެމްއެލް އިން ތަޢާރަފުކުރި ޕްރޮގްރާމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!