ޓެރަރިޒަމަށް ހިތްވަރު ދީ އަދި އައިއެސް ޖަމާއަތާ ގުޅުން އޮންނަ ބައެއްގެ އަތުން ފައިސާ ހޯދިކަމަށް ބުނެ ދައުލަތުން ދައުވާކުރި ހދ. ނޭކުރެންދޫ ގެ މައްޗަށް ކުށް ސާބިތުނުވެ ސަލާމަތްވެއްޖެ އެވެ.
މުނާޒަށް ދައުލަތުން ދައުވާކުރީ އަބޫ ޔޫސުފް އަދި އަބޫ މިޝްކާގެ ނަމުގައި އޭނާ ގެންގުޅުނު އެކައުންޓަކުން 2018 ވަނަ އަހަރު ޓެރަރިޒަމަށް ހިތްވަރު ދިނުމާއި އައިއެސްއަށް ތާއީދު ކުރާތީ އެމެރިކާގައި 2016 ވަނަ އަހަރު ތުހުމަތުގައި ހައްޔަރުކުރި ލަޔަނަލް ވިލިއަމްސް އާއި ޕާކިސްތާނު މީހެއްގެ އަތުން ފައިސާ ހޯދިކަމަށް ބުނެ އެވެ.
ކްރިމިނަލް ކޯޓުން ކުރި ބުރާސްފަތި ދުވަހު ކުރި ހުކުމުގައިވަނީ ޓެރަރިޒަމަށް ހިތްވަރު ދީ ފޭސްބުކްގައި ޕޯސްޓްކުރީ މުނާޒްގެ އެކައުންޓަަކުން ކަމަށް ވީ ނަމަވެސް، އެ އެކައުންޓް އެވަގުތު ބޭނުންކުރީ އޭނާ ކަމަށް އޭނާ އިންކާރުކުރާ ކަމަށެވެ. އަދި ޕޯސްޓްތައްކުރީ މުނާޒްގެ ފޯނު ނުވަތަ ލެޕްޓޮޕުން ކަން ކަށަވަރުކުރަން ފުލުހުން ހެކި ހޯދާފައިނުވާތީ އެއީ އޭނާ ކުރި ޕޯސްޓްތަކެއް ކަން ސާބިތުނުވާ ކަމަށް ހުކުމުގައިވެ އެވެ.
މީގެ އިތުރުން ވިލިއަމްސް އެމެރިކާގައި ހައްޔަރު ކޮށްފައިވީ ނަމަވެސް، އޭނާގެ ފަރާތުން މުނާޒަށް ފައިސާ ލިބުނު ކަމުގެ ހެއްކެއް ނެތް ކަމަށް އެ ހުކުމުގައިވެ އެވެ. އަދި ފައިސާ ލިބުނު ކަމަށް ބެލިޔަސް، އެއީ ޓެރަރިޒަމްގެ އަމަލެއް ކުރަން ހޯދި ފައިސާއެއް ކަން ސާބިތުވާނެ ހެއްކެއް ނެތް ކަމަށް ހުކުމުގައިވެ އެވެ.
އެމެރިކާގެ އެފްބީއައި އާއި އެ ގައުމުގެ ޖަސްޓިސް ޑިޕާޓްމެންޓްގެ ބައެެއް ލިޔުންތައް ހެކީގެ ގޮތުގައި ދައުލަތުން ހުށަހެޅި އެވެ. ކޯޓުން ނިންމީ އެ ލިޔުންތަކުން، މުނާޒަށް ތުހުމަތުކުރި އެއްވެސް ކަމެއްގެ ހެއްކެއް ނެތް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!