އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ލިވަޕޫލާއި ޗެލްސީގެ އިތުރުން އާސެނަލް ކުޅުނު މެޗުތައް އެ ޓީމްތަކުން ކާމިޔާބު ކޮށްފިއެވެ.
ލިވަޕޫލުގެ އަމިއްލަ ދަނޑުގައި ނޯވިޗް ސިޓީއާއި ބައްދަލުކުރި މެޗު، ލިވަޕޫލުން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއިންނެވެ.
މި މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ ނޯވިޗުންނެވެ. މި ލަނޑު 48 ވަނަ މިނެޓުގައި ޖޯސެފް ސާޖެންޓް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ މިލޮޓް ރަޝިކާއެވެ.
ލިވަޕޫލުން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައި ވަނީ 64 ވަނަ މިނެޓުގައި ސަޑިއޯ މާނޭ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ނަތީޖާ އެއްވަރުވިތާ ތިން މިނެޓް ފަހުން ލިވަޕޫލުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ މުހައްމަދު ސަލާހެވެ. ލިވަޕޫލުން ކާމިޔާބުކުރި ތިންވަނަ ލަނޑު 81 ވަނަ މިނެޓުގައި ހެންޑަސަން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮސްދީފައި ވަނީ ލުއިސް ޑިއާޒެވެ.
ކްރިސްޓަލް ޕެލަސްގެ ދަނޑުގައ ޗެލްސީ ކުޅުނު މެޗު، އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ.
މި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ޗެލްސީން މޮޅަށް ކުޅުނު ނަމަވެސް ލަނޑެއް ޖެހުމުގައި އެ ޓީމަށް ވަނީ އުނދަގޫތަކެއް ކުރިމަތިވެފައެވެ. މި މެޗުގައި ޗެލްސީން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައި ވަނިކޮށް މާކޮސް އެސެންސިއޯ ހުރަސް ކޮށްދިން ބޯޅައަކުން ކާމިޔާބު ކޮށްދީފައި ވަނީ ހަކީމް ޒިޔެޗްއެވެ.
އާސެނަލްގެ އަމިއްލަ ދަނޑުގައި ބްރެންޓްފޯޑާއި ބައްދަލުކޮށް، އާސެނަލުން މެޗު ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ.
މި މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ އާސެނަލުންނެވެ. މި ލަނޑު 48 ވަނ މިނެޓުގައި ލަކަޒޭޓް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ސްމިތު ރޯވ އެވެ. އާސެނަލްގެ ދެވަނަ ލަނޑު 79 ވަނަ މިނެޓުގައި ޕާޓޭ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ބުކަޔޯ ސަކާއެވެ. ބްރެންޓްފޯޑުން މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބު ކޮށްދީފައި ވަނީ ނޯގާޑެވެ.
މިރޭ މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ލިވަޕޫލަށް ވަނީ ކުޅުނު 25 މެޗުން 57 ޕޮއިންޓް ލިބިފައެވެ. ލިވަޕޫލް މިވަގުތު އޮތީ ތާވަލުގެ ދެވަނާގައެވެ. ލިވަޕޫލު އަތުން ބަލިވި ނޯވިޗް މިވަގުތު ޕޮއިންޓް ތާވަލުގެ ފުލުގައި އޮތްއިރު، އެ ޓީމަށް ލިބިފައި ވަނީ 25 މެޗުން 17 ޕޮއިންޓެވެ. ތިންވަނާގައި ޗެލްސީ އޮތީ ކުޅުނު 25 މެޗުން ލިބުނު 50 ޕޮއިންޓާއިއެކުއެވެ. ޗެލްސީއަތުން ބަލިވި ކްރިސްޓަލް ޕެލަސް މިވަގުތު އޮތީ ތާވަލުގެ 13 ވަނާގައެވެ. އެ ޓީމަށް ލިބިފައި ވަނީ 25 މެޗުން 26 ޕޮއިންޓެވެ. އާސެނަލް ގަދަ ހަތަރަކަށް ވަނުމަށް މަސައްކަތް ކުރަމުން އަންނައިރު، އާސެނަލް މިވަގުތު އޮތީ 6 ވަނާގައެވެ. އެ ޓީމަށް 23 މެޗުން ލިބިފައި ވަނީ 42 ޕޮއިންޓެވެ. އާސެނަލް އަތުން ބަލިވި ބްރެންޓް ފޯޑް މިވަގުތު އޮތީ ތާވަލުގެ 14 ވަނާގައެވެ. އެ ޓީމަށް 26 މެޗުން ލިބިފައި ވަނީ 24 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!