މަޝްރޫޢުތަކުގެ ނަން ބަދަލު ކުރުމަށްވުރެ ރައްޔިތުން އެދެނީ ކަން ކޮށްދިނުމަށް ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީޕީއެމްގެ އެއް ނާއިބުރައީސްގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ޑރ. މުޢިއްޒު މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.

Ad
rt

"ހިޔާވަހި މަޝްރޫޢު، ރީތިގަސް އެޕާޓްމަންޓަށް ނަން ބަދަލުކޮށް، ދެ އަހަރު ތެރޭގައި މަސައްކަތް ނިންމަނީ" މި ސުރުޚީގެ ދަށުން އޮންލައިން ނޫހަކުން ގެނެސްދީފައިވާ ޚަބަރަކަށް އިޝާރާތް ކުރަށްވަމުން ޑރ. މުޢިއްޒު ވިދާޅުވީ، އެއީ އަނެއްކާ ރައީސް ޔާމީން ސަރުކާރުން ފެށި މަޝްރޫޢުއެއްގެ ނަން ބަދަލުކުރުން ކަމަށެވެ.

އެކަމަކީ މީގެކުރިން ރަސްރަނި ބަގީޗާގެ ނަން ސުލްތާން ޕާކަށް ބަދަލުކުރި ގޮތަށް، ސީއެމްއީސީ (ޗައިނާ މެޝިނަރީ އިންޖިނޭރިން ކޯޕަރޭޝަން) ފޭސް3ގެ ނަން ވިނަރެސްއަށް ބަދަލުކުރި ގޮތަށް ކުރާކަމެއް ކަމަށް ވިދާޅުވިއެވެ.

"ނަން ބަދަލު ކުރުމަށްވުރެ ރައްޔިތުން އެދެނީ ކަން ކޮށްދިނުމަށް، ކަން ނުވާނަމަ ނަމަކުން ލިބޭނެ ފައިދާއެއް ނެތް" މޭޔަރު ޑރ. މުޢިއްޒު ވިދާޅުވެފަވެއެވެ.

ޑރ. މުޢިއްޒު ވަނީ ރާއްޖޭގެ އެހެން ރަށްތަކުގެ ރައްޔިތުންނެކޭ އެއްފަދައިން މާލޭ ރައްޔިތުންނަށް ވެސް ގޯތި ދޭން ޖެހޭނީ ހިލޭ ކަމަށް ވެސް ވިދާޅުވެފައެވެ. އެހެން ރަށްތަކުގައި ރައްޔިތުންގެ ޓެކްސް ފައިސާއިން ބިން ހިއްކުމަށްފަހު އެކަމަށް ދިޔަ ފައިސާ އަނބުރާ ހޯދަން ރައްޔިތުންނަށް ބިން ނުވިއްކާ ކަމަށާއި ދެނީ ހިލޭ ކަމަށާއި، ނަމަވެސް މާލޭގެ ބިމުން މާލޭ ރައްޔިތުންނަށް ހިލޭ ބިން ނުލިބޭ ކަމަށާއި މާލޭގެ އިޚްތިޞާޞް ހިމެނޭ ބިމެއް ހިއްކިޔަސް މާލޭ ރައްޔިތުން ޖެހެނީ ބިން ގަންނަން ކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ. އަދި މިއީ އެއްވެސް ގޮތަކަށް ހަމަހަމަ އުޞޫލެއް ނޫން ކަމަށް ވެސް ވިދާޅުވެފަވެއެވެ.

މޭޔަރު، ޑރ. މުޢިއްޒު ވަނީ ގޯތިގެދޮރުގެ ދަތިކަމުގައި މާލޭ ރައްޔިތުން އުޅޭތާ އެތައް އަހަރެއް ވެއްޖެ ކަމަށާއި ރައްޔިތުން އުޅެނީ ވަރަށް ޙާލުގައިކަން ފާހަގަ ކުރަށްވާފައެވެ. އަދި ރައްޔިތުން ގާތަށް ވަރަށް ގިނައިން ޒިޔާރަތް ކުރައްވާފައިވާނެ ކަމަށާއި ރަސްމީ މަސައްކަތުގެ ތެރެއިން ވެސް ހަފުތާއަކު ތިންހަތަރު ދުވަހު ގޭގެއަށް ޒިޔާރަތް ކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި މި ޒިޔާރަތްތައް ކޮވިޑާހެދި މިވަގުތަށް މަޑުޖައްސާލާފައި އޮތް ނަމަވެސް މިހާތަނަށް ގޭގެއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ވެސް ރައްޔިތުން އުޅޭ ނިކަމެތި ޙާލަތު ފެނިވަޑައިގެންފައިވާ ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން އެ ޙާލުގައި އުޅޭ މީހުންނަށް ގޯތި ގަތުމަށް މަޖުބޫރު ކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށާއި އެއީ އިންސާފެއް ނޫން ކަމަށް ވިދާޅުވެފަވެއެވެ.