އިޓާލިއަން ސީރިއާ އޭގައި ޔުވެންޓަސްއާއި ޓޮރީނޯ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ހުކުރު ދުވަހުގެ ރޭ ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެއްވަރު ވެފައި ވަނީ 1-1 ގެ ނަތީޖާއިންނެވެ.
ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި ކުޅުނު ނަމަވެސް މި މެޗުގައި ޔުވެންޓަސްއަށްވުރެ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެފައި ވަނީ ޓޮރީނޯއިންނެވެ. އަދި ގިނަ ހަމަލާ ވެސް އުފައްދާފައި ވަނީ އެ ޓީމުންނެވެ.
މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނަގާފައި ވަނީ ޔުވެންޓަސްއިންނެވެ. މި ލަނޑު 13 ވަނަ މިނެޓުގައި ކުއަޑާޑޯ ނަގައިދިން ކޯނަރެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ ނެދަލެންޑް ޑިފެންޑަރ ޑި ލައިޓެވެ.
މެޗުގައި ޓޮރީނޯއިން ނަތީޖާ ހަމަހަމަ ކޮށްފައި ވަނީ 62 ވަނަ މިނެޓުގައި ޖޯސިފް ބްރެކާލޯ ތަނަވަސް ކޮށްދިން ފުރުބަތެއްގައި އެ ޓީމްގެ ކެޕްޓަން އަންދްރޭ ބެލޮއްޓީ ކާމިޔާބު ކޮށްދިން ލަނޑުންނެވެ.
މި ނަތީޖާއާއިއެކު މިވަގުތު ޔުވެންޓަސް އޮތީ ޕޮއިންޓް ތާވަލުގެ ހަތަރު ވަނާގައެވެ. އެ ޓީމަށް 26 މެޗުން ލިބިފައި ވަނީ 47 ޕޮއިންޓެވެ. ޓޮރީނޯ މިވަގުތު އޮތީ ތާވަލުގެ 10 ވަނާގައެވެ. އެ ޓީމަށް 25 މެޗުން ލިބިފައި ވަނީ 33 ޕޮއިންޓެވެ. މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގއި އޮތީ 25 މެޗުން ލިބުނު 55 ޕޮއިންޓާއިއެކު އޭސީ މިލާނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!