ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް 50 އަހަރު ފުރުން ފާހަގަކުރަމުންދާއިރު “ޓޫރިޒަމް ނެތް ހދ“ އަށް ޓޫރިޒަމް ގެނައުމަށް މިސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު ހާމަކޮށްފި އެވެ.

ހދ. އަތޮޅު ކައުންސިލްގެ ކުރީގެ ރައީސްކަން ކުރައްވާފައިވާ އަދި މިހާރު ޓޫރިޒަމް މިނިސްޓްރީގެ ނައިބްގެ މަގާމު ފުރުއްވަމުން ގެންދަވާ އަޙްމަދު އާތިފް ވިދާޅުވީ “50 އަހަރު ވީއިރު ގާވެފައި ހުރި އެއްޗެއް ހެޔޮކުރަން އިރުކޮޅެއް ވާނެ” ކަމަށެވެ. އަދި ހދ އަތޮޅަށް ޓޫރިޒަމް ގެނައުމަށް މަސައްކަތް ކުރަމުން އަންނަކަމުގައި ވިދާޅުވި އެވެ. އިރާދަކުރެއްވިއްޔާ އެތަން ވަރަށް އަވަހަށް ފެނިގެންދާނެ ކަމުގައި ވިދާޅުވި އެވެ.

Ad
rt

މީގެ އިތުރު ހދ. އަތޮޅުގައި ޓޫރިޒަމް ފުޅާކުރުމަށް، މިސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު އާތިފް ދެއްވާފައިވަނީ “ޓޫރިޒަމްއަށް 50، ހދ އަށް 0 ޑޮލަރު“ މިމޭރުމުން ކުޅުދުއްފުށި ސިޓީއަށް ނިސްބަތްވާ ޒުވާނަކު މީސްމީޑިޔާގައި ކުރެއްވި ޕޯސްޓަކަށް ކޮމެންޓް ކުރައްވަަމުންނެވެ.

އެގޮތުން އާތިފް ވަނީ 5 ޕޮއިންޓެއް ފާހަގަ ކުރައްވާފަ އެވެ. އެގޮތުން، އިންވެސްޓަރުން ޝައުޤުވެރި ކުރުވުމަށްޓަކައި ބިމުކުލި ވާނީ ކުޑަ ކުރެވިފައި (އެގޮތުން ހއ، ހދ އަދި ށ.އަތޮޅުން މީހުން ދިރިއުޅޭ ރަށްރަށުން ޓޫރިޒަމަށް ދޫކުރާ ބިންބިމުގެ ކުއްޔަކީ އަކަ މީޓަރަކަށް އަހަރަކަށް 2 ޑޮލަރު، ރިޒޯޓް ހަދަން ދޫކުރާ ރަށްރަށުގެ ބިމުކުލި 8 ޑޮލަރުން 4 ޑޮލަރަށް ކުޑަކުރެވިފައި). ކަމަށް ވިދާޅުވި އެވެ.

ދެވަނަކަމަކަށް ހދ. ވައިކަރަމުރައިދޫގެ 14 ހެކްޓަރ ރިސޯޓް ތަރައްޤީކުރުމަށް އިޢުލާންކުރެވުނު ނަމަވެސް ކުރިމަތިލާނެ ބަޔަކު ނުވި، އަދި ހދ. ކުޑަފަރު ފަސްގަނޑު މިހާރުވަނީ ދެވަނަ ފަހަރަށް އިޢުލާންކުރެވިފައިކަން ފާހަގަ ކުރެއްވި އެވެ.

ތިންވަނަ ކަމަކަށް ނާގޯށީގެ ތަފްސީލު ދެއްވަމުން ވިދާޅުވީ، “ރިސޯޓް ހަދަން އެމްޓީޑީސީއަށް ދޫކުރެވިފައިވާ ހދ. ނާގޯށީގެ ދަރަނީގެގޮތުގައި އޮތް އަދަދު ރަށްމަތިން ނަގައި އެމްޓީޑީސީއަށް ބަދަލުކޮށް، ބަހާލައިގެން ދެއްކޭނެ އިންތިޒާމްވާނީ ހަމަޖައްސައި ދެވިފައި، އޭގެ ސަބަބުން ރިސޯޓް ތަރައްޤީކުރުމަށް ސަބްލީސް ކުރެވޭ ފަރާތުގެ ބޮލުގައި އެ ދަރިނި ނޭޅޭނެ. ނާގޯށި ތަރައްޤީކުރުމަށް ސަރުކާރުން ނުވަތަ ޓޫރިޒަމް މިނިސްޓްރީއިން ވެދެވޭނެ ހުރިހާ އެހީއެއް މިދަނީ ފޯރުކޮށްދެމުން.” ކަމަށެވެ.

“ނާގޯށީގައި ރިސޯޓެއް ތަރައްޤީކުރުމަށް އެމްޓީޑީސީ އިން ކުރިން ސަބްލީސްކުރި ތްރީކޭ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްއަށް އެމަސައްކަތް ފުރިހަމަ ނުކުރެވުމުން އެ އެގްރީމެންޓް ބާތިލްކޮށް، މިހާރު އެމްޓީޑީސީއިން ވަނީ ޔޫއޭއީގެ އާރުއޭޑަބްލިޔު ގަލަދާރީ ހޯލްޑިންގްސްއާއެކު 10 އޮގަސްޓް 2020 ގައި ސަބްލީސް އެގްރީމެންޓްގައި ސޮއިކޮށްފައި، އެރަށުގެ ވޯކް ޕްލޭން ވަނީ 14 ފެބްރުއަރީ 2021 ގައި އަދި ކޮންސެޕްޓް ޑްރޯވިންގ 29 ޖޫން 2021 ގައި ޓޫރިޒަމް މިނިސްޓްރީ އިން އެޕްރޫވްކޮށްދެވިފައި، އެމްޓީޑީސީއިން އިއްޔެ މަޢުލޫމާތު ދިންގޮތުގައި މަސައްކަތް ފެށުމަށް ރަށުގައި ދަނީ ތައްޔާރުވަމުން އަދި އީއައިއޭވަނީ އީޕީއޭއަށް ހުށަހަޅިފައި، އީއައިއޭ އެޕްރޫވްވާހާ އަވަހަކަށް މަސައްކަތް ފެށިގެން ދާނެ،”

އުއްމީދަކީ 2023 ގައި ނާގޯށި ރިސޯޓްގެ ބޮޑު ބައެއް އޮޕަރޭޝަނަށް ގެނައުން ކަމުގައި އާތިފް ވިދާޅުވި އެވެ.

ފަހުކަމަށް ތަފްސީލު ދެއްވީ ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓްގެ ތަފްސީލް އެވެ. އެގޮތުން، ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް އަހަރަކު 1.3 މިލިއަން ދަތުރުވެރިންނަށް / ފަތުރުވެރިންނަށް ޚިދުމަތް ދެވޭ ފެންވަރަށް ތަރައްޤީ ކުރުމަށް ޓެންޑަރ ކުރެވިފައިވީހިނދު، އެއާޕޯޓް ހިންގޭނީ އެކަށީގެންވާ އަދަދަކަށް މީހުން ދަތުރުކޮށްގެންކަމަށް ވާއިރު، ސަރަޙައްދުގައި އެކަށީގެންވާ އަދަދެއްގެ އެނދު ހުރެގެން ނޫނީ އެއާޕޯޓް ވައިބަލްއެއް ނުކުރެވޭނެކަމަށް ވިދާޅުވި އެވެ.

“އެހެން ކަމުން ކުދި މަލްޓިޕްލް އިންވެސްޓްމަންޓްތަކަކާއެކު އެންމެ ފަސޭހައިން އެނދު އިތުރުކުރެވި އާދާއިގެ ރައްޔިތު މީހާއަށް ޑޮލަރު ފޮއްޗެއް ލިބޭނެ އެންމެ ފަސޭހަ މަގަކީ ހޯމްސްޓޭ ގެސްޓްހައުސްކަމަށް ވާތީ އެ މޮޑެލްވަނީ 1 ޖެނުއަރީ 2022 ގައި ތަޢާރަފްކުރެވިފައި، ހޯމްސްޓޭގެ މަޢުލޫމާތު ދިނުމަށާއި، ޖުމްލަ ގޮތެއްގައި ޓޫރިޒަމް ލޯކަލައިޒޭޝަން އެންޑް ޑައިވާސިފިކޭޝަންގެ ޕްރޮޖެކްޓްގެ ދަށުން ކުރެވެން ހުރިކަންކަން ބަލައި ކައުންސިލަތަކާއެކު މަޝްވަރާކުރުމަށް މުޅި ރާއްޖޭގެ ހުރިހާ ރަށްރަށަށް ޒިޔާރަތްކޮށް ކައުންސިލްތަކާއި، ޑަބްލިޔުޑީސީ އަދި ސްޓެކް ހޯލްޑަރުންނާ މިދަނީ ބައްދަލުކުރަމުން، އިރާދަ ކުރެއްވިއްޔާ މާރޗް މަހުގެތެރޭގައި ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށުގެ ތެރެއިން މިހާރު ނުދެވިވާ 11 ރަށަށް ޒިޔާރަތްކޮށް މި މަސައްކަތްތައް ކުރެވޭނެ.”

އެއާޕޯޓް ވައިބަލް ކުރުމަށް ކުރަމުން އަންނަ ބައެެއް ކަންކަން ފާހަގަ ކުރައްވަމުން ވިދާޅުވި އެވެ.

އާތިފް އިތުރަށް "ތިލަދުން" އަށް ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމްގެ ގޯލްޑަން ޖުބްލީ ފާހަގަކުރާއިރު ޖުމްލަގޮތެއްގައި ކުރެވެނީ އުފާވެރި އިހްސާސެއްކަމަށާއި، ނަމަވެސް ރާއްޖޭގެ އެންމެ އުތުރާއި، ދެކުނުގައި އަދި ވަކިން ޚާއްޞަގޮތެއްގައި ހދ.ގައި ޓޫރިޒަމް ނެތުމަކީ ހިތްދަތި އިހްސާސްތަކެެއް ކުރުވާ ކަމެއްކަމަށެވެ.

”ތާރީޚްތަކެއްގެ ވާހަކަ ދައްކާކަށް ނެތިން، ތާރީޚަކުން ތަސައްލީއެއް ލިބޭވަރަށްވުރެ ހދ.އަތޮޅު ރައްޔިތުންގެ ހިތްތަށްވަނީ މާބޮޑަށް ޒަޚަމްވެފައި، އަދި ރައްޔިތުން ތިބީ އުއްމީދު ގެއްލިފައިކަމަށާއި، ކުޑަވެސް އުއްމީދެއް ލިބޭނީ ނާގޯށީގެވެސް އަމަލީ މަސައްކަތްތައް ކުރިއަށްދާތަން ފެނިގެންކަމަށާއި، ޒަޙަމްތަކަށް ޝިފާއެއް ލިބޭނީ އެތަންތަން އޮޕަރޭޝަނަށް ގެނެވި ރައްޔިތުންނަށް ވަޒިފާލިބި ރައްޔިތުންގެ އަތްމަތި ތަނަވަސްވެގެން”

އާތިފް ވިދާޅުވިއެވެ.

މިފަދަ ދިގުތާރީހެއް އޮތްކަމެެއް ބަދަލުވެ، ހދ.އަތޮޅުގައި ޓޫރިޒަމްގެ ނަފާވެރިކަން ލިބިގެންދިއުމަށް ޔުނިފައިޑް އެޕްރޯޗެއްގައި މަސައްކަތްކޮށްގެން ނޫނީ ކާމިޔާބު ނުކުރެވޭނެކަމަށާއި، މިހާރު ކުރެވެމުން މިދާ މަސައްކަތްތަކުން އިރާދަފުޅު ކުރެއްވިއްޔާ ވަރަށް އަވަހަށް ޓޫރިޒަމްގެ ފޮނިމީރުކަން ހދ. އަތޮޅުގެ ރައްޔިތުންނަށްވެސް ލިބިގެންދާނެކަމަށް އުއްމީދު ކުރެވޭކަމަށް އާތިފް ވިދާޅުވިއެވެ.