މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ ޕްރިޒަން އޮފިސަރުން ތެރެއިން ފްރޮންޓްލައިންގައި ހަރަކާތްތެރިވާ ޓްރަޔަލްއެއްގެ ގޮތުގައި ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފެށުމަށް، އެ ތަކެތި ރާއްޖެ އެތެރެކޮށް ޑިސްޓްރިބިއުޓްކުރާ ޒެޓާ ޓެކްނޮލަޖީސްއާ އެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ބޮޑީ ވޯން ކެމެރާ ދިވެހިރާއްޖެއަށް އެތެރެކޮށް ޑިސްޓްރިބިއުޓްކުރާ ޒެޓާ ޓެކްނޮލަޖީސްއާއެކު މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅުއެވެ. އަދި ޒެޓާ ޓެކްނޮލޮޖީސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު އައިމަން އާދަމްއެވެ.

Ad
rt

ކަރެކްޝަނަލް ސާވިސްއިން ވިދާޅުވި ގޮތުގައި، މި ކެމެރާތަކަކީ އެމެރިކާގެ އެކްސޮން ކުންފުނީގެ އުފެއްދުމެކެވެ. އަދި މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ މުއްދަތަކީ ތިން (03) މަސް ދުވަހެވެ.

މި މުއްދަތުގައި ކަރެކްޝަނަލް ސާވިސް އަށް އެ ކުންފުނިން 15 ބޮޑީ ވޯން ކެމެރާއާއި ތިން ޓޭޒަރ ފޯރުކޮށްދޭން އެއްބަސްވެފައިވާއިރު، އަދި ޓޭޒަރ ޒިންމާދާރުކޮށް ބޭނުންކުރުމާއި ބޭނުންކުރާނެ ޙާލަތްތަކާ ބެހޭގޮތުން ތަމްރީން ފެށުމުގެ އިންޒިތާމްވަނީ ހަމަޖެހިފައިކަމަށް ކަރެކްޝަނަލް ސާވިސް އިން ވިދާޅުވިއެވެ.

މި ތަކެތި ބޭނުން ކުރާނީ ޖަލުތަކުގެ ފްރަންޓްލައިންގައި މަސައްކަތްކުރާ ޕްރިޒަން އޮފިސަރުންނެވެ. މި ފަދަ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރުމުގެ ސަބަބުން ޕްރިޒަން އޮފިސަރުން މިހާރަށްވުރެ ޒިންމާދާރުވެ، ޖަވާބުދާރީވުން އިތުރު ވެގެންދާނެ ކަމަށް ކަރެކްޝަނަލް ސާވިސް އިން ވިދާޅުވެއެވެ.

މިއީ ޖަލުގައި ބަންދުކޮށްފައި ތިބޭ ފަރާތްތަކާއި ޕްރިޒަން އޮފިސަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މުޙިއްމު ދައުރެއް އަދާކުރާނެ ފިޔަވަޅެއް ކަމަށް ވެސް ކަރެކްޝަނަލް ސާވިސް އިން ވިދާޅުވެއެވެ.