ދިވެހި ރާއްޖޭގައި އިނގިރޭސި ވިލާތުގެ ހައިކޮމިޝަންގެ އޮފީހެއް ހުޅުވައިފިއެވެ.
ރާއްޖޭގެ ޚާރިޖީ ވުޒާރާއިން ވިދާޅުވި ގޮތުގައި ސްޓޭޓް މިނިސްޓަރު އަޙުމަދު ޚަލީލް ވަނީ އެ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފައެވެ.
ރާއްޖޭގައި އިނގިރޭސި ހައިކޮމިޝަންގެ އޮފީހެއް ހުޅުވިގެން ދިޔުން ފާހަގަކުރައްވައި ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވަނީ ހާއްސަ ވީޑިއޯ މެސެޖެއް ފޮނުއްވާފައެވެ.
އެ މެސެޖުގައި ޝާހިދު ވަނީ މި އޮފީސް ހުޅުވިގެން ދިޔުމަކީ ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް އެޅޭ ފިޔަވަޅެއް ކަމަށް ވިދާޅުވެފައެވެ.
ޝާހިދު ވިދާޅުވި ގޮތުގައި އިނގިރޭސިވިލާތަކީ ރާއްޖޭގެ މިނިވަންކަން ބަލައިގަތް ފުރަތަމަ ގައުމެވެ. އަދި ރާއްޖެ އދ.ގެ މެންބަރަކަށްވުމަށް އިނގެރޭސިވިލާތުން ތާއީދު ކުރެއްވީ ކުދި ގައުމުތައް އދ.ގެ މެންބަރުކަން ދިނުން މަގުބޫލު ނޫން ދުވަސްވަރެއްގައިކަން ވެސް އޭނާ ވަނީ ފާހަގަ ކުރަށްވާފައެވެ.
މިއަހަރަކީ، އިނގިރޭސި ރާނީ އެލިޒަބަތު ރާއްޖެއަށް ކުރެއްވި ދަތުރުފުޅަށް 50 އަހަރުފުރޭ އަހަރުކަން ފާހަގަކުރައްވަމުން، ޝާހިދުގެ މި މެސެޖްގައި ވަނީ ރާނީ އެލިޒަބަތުގެ ރަނިކަމަށް 70 އަހަރު ފުރޭ އަލިމަސްޔޫބީލްގެ ތަހުނިޔާ ވެސް ފޮނުއްވައިފައިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!