ރާއްޖެއާއި ސީޝެލްސްއާ ދެމެދު ކުޅެވޭ ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުތަކުގެ ތެރެއިން ފުރަތަމަ މެޗު ރާއްޖެއިން ކުރި ހޯދައިފި އެވެ.

މިދިޔަ ނުވަ އަހަރުގެ ތެރޭ ގައުމީ އަންހެން ފުޓުބޯޅަ ޓީމުން ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު ބައިނަލްއަގްވާމީ އެކުވެރިކަމުގެ ފުރަތަމަ މެޗަށް ވާއިރު، މިމެޗް ރާއްޖެއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

Ad
rt

ރާއްޖެއިން ފުރަތަމަ ލަނޑު ޖެހީ މެޗުގެ 10 ވަނަ މިނެޓްގައި ސީޝެލްސްގެ ގޯލު އޭރިޔާ ތެރެއިން އެ ޓީމުގެ ޑިފެންޑަރަކަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މަރިޔަމް ނޫރާއެވެ.

ފުރަތަމަ ހާފު ނިމުނީ 1-0 އިން ރާއްޖެއިން ކުރީގައި އޮވެގެންނެވެ.

މިރޭގެ މޮޅަކީ ރާއްޖޭގެ އަންހެން ގައުމީ ފުޓުބޯޅަ ޓީމު 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ސްރީ ލަންކާ އަތުން މޮޅުވި މެޗަށް ފަހު މޮޅެއް ހޯދި ފުރަތަމަ ފަހަރެވެ. އެ މެޗުގެ ފަހުން އަންހެން ޓީމު ކުޅެފައިވަނީ ދެ މެޗެކެވެ. އެއީ މިދިޔަ އަހަރު އޮތް އޭޝިއަން ކަޕް ކޮލިފައިންގެ ދެ މެޗެވެ.

އައު ކޯޗް، ބިއާގެ ކޯޗު ޑޭވޯ ބާބާގެ އިރުޝާދުގެ ދަށުން ގައުމީ ޓީމުން އަންނަ ބުރާސްފަތި ދުވަހުގެރޭ ނުކުންނާނީ ވެސް ސީޝެލްސްއާ ދެކޮޅަށެވެ. އަދި ފަހު މެޗުގައި އަންނަ ހަފްތާގެ ބުރާސްފަތި ދުވަހު ނުކުންނާނީ ސައުދީ އަރަބިއްޔާއާ ދެކޮޅަށެވެ.

އަންހެން ޓީމުން 2013 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭ ގަލޮޅު ދަނޑުގައި ގަތަރާ ދެކޮޅަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެފައިވެއެވެ.