ހދ. މަކުނުދޫ އާއި ށ. ބިލެއްފަހި ހިމެނޭހެން ހަ ރަށެއްގައި ޑޮމެސްޓިކް އެއާޕޯޓު އަޅާނެ ބަޔަކު ހޯދަން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އަނެއްކާވެސް އިއުލާންކޮށްފިއެވެ.

އެމިނިސްޓްރީން މިއަދު ކުރި އިޢުލާނެއްގައި ބުނީ މި 6 ރަށުގައި އެއަރޕޯޓް ތަރައްޤީކުރުމަށް ޝައުގުވެރިކަން ފާޅުކުރުމުގައި އެއަރޕޯޓެއް ތަރައްޤީ ކުރުމަށް ހުށައެޅޭނެ އެންމެ ދަށް އަގު ކުޑަކޮށް، މިކަމަށް އަނެއްކާވެސް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.

Ad
rt

މަކުނުދޫ އާއި ބިލެއްފަހި އިތުރުން އެއަރޕޯޓް ތަރައްޤީކުރުމަށް ހުޅުވާލާފައިވަނީ، ބ. ތުޅާދޫ، ތ.ވިލުފުށި، ފ.މަގޫދޫގެ އިތުރުން ރ.އަތޮޅުގެ ދެކުނު ބިތުގައެވެ.

ހައުސިން މިނިސްޓްރީން ބުނީ، ކްރޮސް-ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދުގެ 7 ވަނަ މާއްދާގެ (ށ)ގެ ދަށުން 6 ޞަރަހައްދުގައި ޑޮމެސްޓިކް އެއަރޕޯޓް ތަރައްގީކުރުމަށް ނުވަތަ ތަރައްގީ ފައިނޭންސް ކުރުމަށް އާންމުކޮށް ހުޅުވާލެވުނު ދައުވަތު މިހާރު ބަދަލުވެފައިވާ ކަމަށެވެ. އަދި މިގެނައި ބަދަލާއިއެކު މިއެއަރޕޯޓްތައް ތަރައްޤީ ކުރުމަށް ނުވަތަ ތަރައްޤީ ފައިނޭންސް ކުރުމަށް ޝައުޤުވެރިކަން ފާޅުކުރުމަށް މިހާރު އަލުން ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން މިއެއަރޕޯޓްތައް ތަރައްޤީކުރުމަށް ޝައުގުވެރިކަން ފާޅުކުރުމުގައި އެއަރޕޯޓެއްގެ ތަރައްޤީ ފައިނޭންސް ކުރުމަށް އެންމެ މަދުވެގެން ހުށަހެޅޭނީ 3 މިލިއަން ޑޮލަރު ކަަމަށްވެސް އެމިނިސްޓްރީން ބުނެއެވެ. މީގެކުރިން މިކަމަށް އެދި ޝައުގުވެރިކަން ފާޅުކުރުމަށް ހުޅުވާލީ، އެންމެ މަދުވެގެން 5 މިލިއަން ޑޮލަރު ހުށައަޅަންޖެހޭ ގޮތަށެވެ.

އަދި މިކަމަށް ޝައުޤުވެރިކަން ފާޅުކުރުމުގައި މުޅި އެއަރޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ފައިނޭންސް ނުވަތަ ބައެއް ތަރައްޤީކުރުމަށް ފައިނޭންސް ކުރަން ހުށަހެޅޭ ކަމަށާއި، މިއިން ކޮންމެ އެއަރޕޯޓަކީ ވަކި މަޝްރޫއެއް ކަމަށްވާތީ، ޝައުޤުވެރިކަން ފާޅުކުރުމުގައި ތަރައްޤީ ފައިނޭންސް ކުރާ އެއަރޕޯޓް މަޝްރޫއެއް ސާފުކޮށް ބަޔާންކުރަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.

މީގެއިތުރުން އެއަރޕޯޓް ތަރައްޤީ ފައިނޭންސް ކުރުމަށް ހުށަހަޅާ އިންވެސްޓްމަންޓް އަދަދު، އެ މަޝްރޫޢެއްގެ މުޤާބިލުގައި، ފަތުރުވެރިކަމަށް ކުއްޔަށް ދޫކުރާނެ ރަށް ނުވަތަ ބިން ނުވަތަ ފަޅުގެ އެކްއިޒިޝަން ކޮސްޓު އަދި އެތަނެއްގެ ބިމު ކުލީގެ ގޮތުގައި ކަނޑައެޅޭ ފައިސާގެ އަދަދާ އަޅައިކަނޑައި ދެވޭނެ ކަމަށްވެސް އެމިނިސްޓްރީން ބުނެއެވެ.

މި 6 އެއަރޕޯޓް ތަރައްޤީކުރުމަށް 133މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ހައުސިންގ މިނިސްޓްރީން އަންދާޒާކުރެއެވެ. މިއެއަރޕޯޓްތައް ތަރައްޤީކުރުމަށް ޝައުޤުވެރިކަން ފާޅުކުރުމަށް ވަކި މުއްދަތެއް ކަނޑައަޅާފައެއްނުވެއެވެ.

މި މޮޑެލްގެ ދަށުން، ބިޑްކުރުމުގެ ދަޢުވަތަކާ ނުލައި ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ އުސޫލު (އަންސޮލިސިޓަޑް ޕްރޮޕޯޒަލްސް ޕޮލިސީ)ގެ ދަށުން، ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅަންޖެހޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށެވެ. އީމެއިލުންނަމަ ފޮނުވާނީ، proposals@trade.gov.mv އަށެވެ. އަދި ޝައުގުވެރިކަން ހުށަހެޅުމުގައި، އަންސޮލިސިޓަޑް ޕްރޮޕޯޒަލްސް ޕޮލިސީ އެޕްލިކޭޝަން ފޯމު ފުރިހަމަކޮށްފައި، އެ ފޯމު ހުށަހަޅަންވާނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.

މި 6 ރަށުގައި އެއަރޕޯޓް އެޅުމަށް އެމިނިސްޓްރީން އެންމެ ފުރަތަމަ އިޢުލާންކުރީ މިދިޔަ ޑިސެމްބަރ މަހުގެ 20 ވަނަ ދުވަހު އެވެ.