ޓެކާސްއިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވަމުން އަންނަ "ޓެކާސް މައިލޯ ޗެމްޕިއަންޝިޕް މޯލްޑިވްސް ކަޕް" ފުޓްސަލް މުބާރާތުގެ ޒޯން-1 ގެ ޗެމްޕިއަންކަން ޓީމް ކުޅުދުއްފުށިން ކާމިޔާބުކުރި އިރު ގިނަބައެއްގެ ލޯ އަމާޒުވި އެއް ކުޅުންތެރިއައީ އެ ޓީމްގެ ޒުވާން ގޯލް ކީޕަރު މާހީ އަބްދުﷲ އެވެ.

ޓެކާސް ފުޓްސަލް މުބާރާތުގެ ހދ. އަތޮޅު ބުރާއި ޒޯން މެޗު ހިމެނޭހެން ކުޅުދުއްފުށިން ޖުމްލަ ހަ މެޗު ކުޅުނުއިރު އެ ހުރިހާ މެޗެއްގައި މާހީގެ މޮޅު ކުޅުން ވަނީ ފާހަގަ ކުރެވިފައެވެ.

Ad
rt

ޓެކާސް ފުޓްސަލް މުބާރާތުގެ ހދ. އަތޮޅު ބުރުގެ ގްރޫޕް ސްޓޭޖުގައި ކުޅުދުއްފުށިން ހަތަރު މެޗު ކުޅުނު އިރު އެ ޓީމް ކޮޅަށް ވަދެފައި ވަނީ އެންމެ ތިން ލަނޑެވެ. އެ ހަތަރު މެޗުގެ ތެރެއިން ދެ މެޗުގަ ކްލީން ޝީޓް ހެދިއިރު، މުބާރާތުގައި އެންމެ މަދުން ލަނޑު ވަދެފައި ވަނީ ވެސް މާހީ ބެލެހެއްޓި ގޯލަށެވެ.

ޒޯން 1 ފައިނަލް މެޗްގެ ތެރެއިން، ފޮޓޯ: ކުޅުދުއްފުށީ ސްޕޯޓްސް އަޕްޑޭޓް

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ހަތަރު މެޗުގެ ތެރެއިން ދެ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ވެސް ހޯދާފައި ވަނީ މާހީއެވެ. އެއީ ނޭކުރެންދޫއަތުން 2-0 ގެ ނަތީޖާއިން ކުޅުދުއްފުށި މޮޅުވި މެޗާއި، ނޮޅިވަރަންފަރު އަތުން 2-1 ގެ ނަތީޖާއިން ކުޅުދުއްފުށި މޮޅުވި މެޗުގައެވެ. އެ ދެ މެޗުގައި ވެސް މާހީ ވަނީ އާދަޔާ ޚިލާފް މޮޅު ކުޅުމެއް ދައްކާފައެވެ.

ހދ. އަތޮޅު ބުރުގެ ފައިނަލަށް ކުޅުދުއްފުށި ނުކުމެފައި ވަނީ މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ނުކުތް ޓީމް ހަނިމާދޫއާއި ދެކޮޅަށެވެ. ހަނިމާދޫއިން އަވަސް ގޭމެއްކުޅެ ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް މާހީ ބެލެހެއްޓި ގޯލަށް ލަނޑު ޖެހުން ވީ އުންދަގޫ ކަމަކަށެވެ. ނަތީޖާއެއްގެ ގޮތުން މެޗުން މޮޅުވެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުދުއްފުއްޓެވެ. މުބާރާތުގެ އެންމެ މޮޅު ކީޕަރުގެ މަޤާމް ވެސް ލިބިފައި ވަނީ އުމުރުން އެންމެ 22 އަހަރުގެ މާހީ އަށެވެ.

މި މުބާރާތުގެ ޒޯން-1 ގެ ފައިނަލު މެޗަށް ކުޅުދުއްފުށި ނުކުމެފައި ވަނީ ބޮލޮކް-2 ގެ ޗެމްޕިއަން ނ.މާފަރާއި ދެކޮޅަށެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު ދެ ޓީމް އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެމަށް ޖެހި ޕެނަލްޓީގައި ވެސް މާހީގެ ކުޅަދާނަކަން ވަރަށް ބޮޑަށް ވަނީ ފެނިގެން ގޮސްފައެވެ. މާފަރުން ހަތަރު ޕެނަލްޓީ ފޮނުވާލިއިރު އޭގެ ތެރެއިން ތިން ޕެނަލްޓީ މަތަކޮށް މާހީ ވަނީ އޭނާގެ ފެންވަރު ސާބިތުކޮށްދީ ޒޯން-1 ގެ ތަށި ކުޅުދުއްފުއްޓަށް ކާމިޔާބު ކޮށްދީފަވެ. އެ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވެސް ހޮވިފައި ވަނީ މާހީއެވެ.

ޒޯން1 ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މާހީއަށް ޝަރަފްވެރި މެޚްމާން އެސްޓީއޯގެ އެމްޑީ އަމްރު ޓްރޮފީ ދެނީ، ފޮޓޯ: ކުޅުދުއްފުށީ ސްޕޯޓްސް އަޕްޑޭޓް

2018 ވަނަ އަހަރު މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ، ހދ.އަތޮޅު މުބާރާތުގައި ވާދަކުރި ޓީމް ކުޅުދުއްފުށީގެ އެއް ނަމްބަރު ކީޕަރުގެ މަޤާމް، މާހީގެ އުމުރުން އެންމެ 18 އަހަރުގައި ހަވާލު ކުރުމަކީ ވެސް މާހީގެ ހުނަރުވެރިކަން އަންގައިދޭ ކަންކަމެވެ.

ޒޯން 1 ފައިނަލް މެޗްގެ ތެރެއިން، އަތޮޅު އަދި ޒޯން މުބާރާތުގައި ވެސް މާހީ ވަނީ މޮޅު ކުޅުމެއް ދައްކާފައި، ފޮޓޯ: ކުޅުދުއްފުށީ ސްޕޯޓްސް އަޕްޑޭޓް

މާހީ ވަނީ 2019 ވަނަ އަހަރު އެފްއޭއެމް އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރި ވިކްޓްރީ ޓީމްގެ ގޯލު ވެސް ބަލަހައްޓާފައެވެ. މީގެއިތުރުން މާހީ އަންނަނީ ރަށު ލެވެލްގައި އެކި މުބާރާތްތަކުގައި ވާދަކޮށް މޮޅު ކުޅުމެއް ދައްކައި ކާމިޔާބީތައް ހޯދަމުންނެވެ.