އެމްޑީއެންގެ ފިކުރަށް ޖާގަ ދިނުމަށް ބޭނުންނުވާ ކަމަށްބުނެ ރ.ދުވާފަރުގައި އެރަށު ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވެ ހިނގައިލުމެއް ކުރިއަށް ގެންގޮސްފިއެވެ.
އެރަށު ރައްޔިތުން އެ ހިނގާލުމެއް ނުކުމެފައި ވަނީ އެކި ޝުއޫރުތައް ލިޔެފައި ހުރި ގަނޑުކޮޅުތައްވެސް ހިފައިގެންނެވެ. ރައްޔިތުން ވަނީ، ލާދީނީ ފިކުރާއި ދެކޮޅު ކަމާއި، އިސްލާމް ދީނުގެ ދިފާއުގައި ތިބުމަށް މި މުޒާހަރާގައި ގޮވާލިއެވެ.
ސަރުކާރުގެ އިސް މަގާމްތަކުގައި ތިބި އިސްލާމް ދީނާއި ހިލާފު މީހުން މަގާމުތަކުން ދުރު ކުރުމަށާއި، އިސްލާމުންގެ ގޮތުގައި ތިބެ ސަރުކާރުން ކުރާ އެކަހަލަ ކަންކަން ހުއްޓުވުމަށް، އެކަން ކުށްވެރިކޮށްކުރި މިމުޒާހަރާގައި 250 އާއި 300 އާއި ދެމެދުގެ އަދަދަކަށް ރަށުގެ ރައްޔިތުން ބައިވެރިވެފައިވާކަމަށް މަޢުލޫމާތުލިބިފައިވެއެވެ.
އެމްޑީއެންއިން ނެރެފައިވާ "ޕްރެލިމަނަރީ އެސެސްމެންޓް އޮފް ރެޑިކަލިޒަމް އިން މޯލްޑިވްސް" ރިޕޯރޓާ ގުޅިގެން ގިނަ ޢަދަދެއްގެ ރައްޔިތުން އެޖަމްޢިއްޔާ އުވައިލުމަށް ގޮވައިލާފައިވެއެވެ. އެރިޕޯޓުގައި ހުރި އިސްލާމްދީނާ ފުށު އަރާ އަދި ސަލާމާއި ޞަލަވާތްލެއްވުނު ނަބިއްޔާގެ ޝަޚުޞިއްޔަތަ ތަހުނީކުވާ ފަދަ ފިކުރުތަކާއި ވިސްނުންތަކާ މެދު ގިނަ ރައްޔިތުން ނުރުހުން ފާޅުކުރުމާ ގުޅިގެން ފުލުހުންވަނީ އެރިޕޯޓާ ގުޅޭ ތަޙުޤީޤެއް ފަށާފައެވެ. އަދި އެތަޙުޤީޤު މުއްދަތައް އެޖަމްޢިއްޔާގެ ހަރަކާތްތައް ޔޫތުމިނިސްޓްރީއިން މެދުކަނޑުވާފައިވެއެވެ.
އެމްޑީއެންގެ ރިޕޯޓާ ގުޅިގެން ރާއްޖޭގެ ގިނަ ރައްތަކެއްގެ ކައުންސިލްތަކުން އެރިޕޯޓު ކުއްވެރިކޮށް ޤާނޫނީ ގޮތުން އެޖަމްޢިއްޔާއާމެދު އަޅަންޖެހޭ ފިޔަވަޅު އަޅައިދިނުން އެދި ބަޔާންތައް ނެރެފައިވެއެވެ. އިސްލާމިކް މިނިސްޓްރީއިން އެރިޕޯޓު ތަޙުޤީޤުކޮށްދެއްވުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންފައިވެއެވެ. އަދި ފުލުހުން ބުނެފައިވަނީ އެރިޕޯޓާ ގުޅޭ ތަޙުޤީޤުގެ އިތުރުން އެކި ފަރާތްތަކަށް ބިރުދައްކައި އިންޒާރުދިނުމުގެ މައްސަލަތައް އެއިދާރާއިން ތަޙުޤީޤުކުރަމުން ގެންދާނެ ކަމުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!