ޑީއާރުޕީން އެމްޓީސީސީއަށް ދައްކަންޖެހޭ ފައިސާތަކެއްގެ މައްސަލާގައި އެ ޕާޓީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހައްޔަރު ކޮށްގެން ކޯޓަށް ގެންނަން އަމުރުކޮށްފި އެވެ.

ޖާބިރު ހައްޔަރުކޮށްގެން ސިވިލް ކޯޓަށް ގެންނަން އަންގާފައިވަނީ މާދަމާ އެވެ. ބަންދުކޮށްގެން މީހުން ކޯޓަށް ގެންނަނީ ހުކުމާ އެއްގޮތަށް ފައިސާ ނުދެއްކުމުން ހުކުމް ތަންފީޒު ކުރުމަށެވެ.

Ad
rt

އެމްޓީސީސީއަށް 1.1 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޑީއާރުޕީގެ މައްޗަށް ކޯޓުން ކުރިން އޮތީ ހުކުމްކޮށްފަ އެވެ. އެއީ 2007 ވަނަ އަހަރާއި 2009 ވަނަ އަހަރާ ދެމެދު އެ ޕާޓީން ހޯދި ޚިދުމަތްތަކަށް ދައްކަންޖެހޭ ފައިސާ އެވެ.

ޑީއާރުޕީގެ ލީޑަރުކަމާ ޖާބިރު ހަވާލުވެ ވަޑައިގަތްއިރު ވެސް އެ ދަރަނިތައް އޮތީ ނުދައްކަ އެވެ. އޭނާ ވިދާޅުވަމުން ގެންދަވަނީ އެ ދަރަނިތަކަށް ޒިންމާވާން ޖެހޭނީ އޭރު އެ ޕާޓީގެ ލީޑަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަމަށެވެ.