މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަންގެ މަގާމު ފުރުއްވި، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފް، އެ ޕާޓީގެ ޗެއާޕާސަން ކަމުގެ ދައުރު ނިންމާލެއްވީ ހުދުމުހުތާރު، އަނިޔާވެރިކަމުން މިރާއްޖެ މިންޖުކޮށްދެއްވާފައި ކަމަށް އެމްޑީޕީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް (ޝިއްޕެ) ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި، ޙަސަން ލަތީފް ފުރުއްވަމުން ގެންދެވި އެމްޑީޕީގެ އެ މަގާމުގެ ފަސް އަހަރުގެ ދައުރު މިއަދު ވަނީ ހަމަވެފަ އެވެ.
ޝިއްޕެ މިއަދު ކުރެއްވި ޓްވީޓެއްގައި ޙަސަން އެމްޑީޕީއަށާއި، ޤައުމަށް ކޮށްދެއްވި ޚިދުމަތް ފާހަގަ ކުރަށްވަމުން ވިދާޅުވީ، މިރާއްޖޭގެ މުސްތަގުބަލަށް އެދި އެމްޑީޕީގެ ޗެއާޕާސަންގެ ގޮތުގައި ޙަސަން ލަތީފް ދައުރު ނިންމާލެއްވީ ހުދުމުހުތާރު، އަނިޔާވެރިކަމުން މިރާއްޖެ މިންޖުކޮށްދެއްވާފައި ކަމަށެވެ.
"ޑިމޮކްރަޓިކް ވެލިއުސްތައް ހިފެހެއްޓެވި، އެމްޑީޕީގެ ކާމިޔާބު ޗެއާޕާސަންއެއް، އެކުގައި ކުރީ އުފާވެރި މަސައްކަތެއް" ޝިއްޕެ ވިދާޅުވިއެވެ.
ހަސަންގެ ދައުރަކީ އެމްޑީޕީގެ ޙަޔާތުގައި ކާމިޔާބު ދައުރެކެވެ. އޭނާގެ ނަން ވަނީ ވޭތުވި ފަސް އަހަރު އިންތިޚާބުތަކުގައި އެމްޑީޕީ ހޯދި ބޮޑެތި ކާމިޔާބީތަކާއެކު އެ ޕާޓީގެ ތާރީޚުގައި ކުލަގަދަކޮށް ލިޔެވިފައެވެ.
ހަސަންގެ ދައުރު ހަމަވެފައިވާއިރު، މިއަދު އެމްޑީޕީން ވަނީ އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމަށް ފުރުޞަޠު ހުޅުވާލާފައެވެ. އެ އިންތިހާބު ބާއްވަން ހަމަޖައްސާފައިވަނީ އޭޕްރީލް 16، 2022 ގައިއެވެ.
ރާއްޖޭގައި މިވަގުތު އޮތް އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީ، އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އަދި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ކުރިމަތިލައްވަން ނިންމަވާފައިވާކަމަށް ވަނީ އަޑުތައް ފެތުރިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!