ބޮޑު ތިލަދުންމަތީގެ 19 ރަށެއްގައި އައިލެންޑް ރިސޯސް ރިކަވަރީ ސެންޓަރުތައް ޢިމާރާތްކޮށްދޭނެ ފަރާތްތައް ހޯދަން ސަރުކާރުން އަނެއްކާވެސް ބީލަމަށް ހުޅުވައިފިއެވެ.

މިނިސްޓްރީ އޮފް ފިނޭންސްއިން ޢާންމުކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ ޒޯން 1 އައިލެންޑްސްގެ ގޮތުގައި ހިމެނޭ 19 ރަށެއްގައި، ދިވެހި ސަރުކާރަށް އޮޕެކް ފަންޑް ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ލޯން އެހީގައި ލިބުނު ފައިސާއިން އައިލެންޑް ރިސޯސް ރިކަވަރީ ސެންޓަރުތައް ޑިޒައިން އެންޑް ބިލްޑް އުސޫލުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

Ad
rt

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދުމުގެ މަތިން 19 ރަށެއްގައި މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސް އިން ވަނީ ޝަރުތު ހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިދިޔަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުވެސް ވަނީ ހުޅުވާލާފަ އެވެ. އޭގެ ފަހުން މި އަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުވެސް މިކަމަށް އެދި ވަނީ އިޢުލާނެއްކޮށްފަ އެވެ. ނަމަވެސް އިއްޔެ އަލަށް ކުރި އިޢުލާނާއިއެކު ބީލަން ހުށަހެޅުމުގެ ދައުވަތު ވަނީ ބާތިލްކޮށްފަ އެވެ.

މި މަސައްކަތަށް ޝަރުތު ހަމަވާ ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ނެޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެންސީބީ) އުސޫލުންނެވެ. މި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރޭޝަން ފީ ބަލައިގަންނާނީ 13 ފެބްރުއަރީ 2022 ވާ އާދީއްތަ ދުވަހުން ފެށިގެން 21 މާރޗް 2022 އާއި ހަމައަށް، ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 0800 އިން 1400 އަށް ފިނޭންސް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް – ބަނޑޭރި ޕޭ މެދުވެރިކޮށެވެ.

މަސައްކަތާއި ގުޅޭ އެންމެހައި ލިޔެކިޔުންތައް 14 ފެބްރުއަރީ 2022 އިން ފެށިގެން ސޮފްޓްކޮޕީ ފޯމެޓްގައި މިނިސްޓްރީގެ ވެބްސައިޓް އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ 28 ފެބްރުއަރީ 2022 ވާ ހޯމަ ދުވަހުގެ 1330 ގެ ކުރިން aishath.nadheema@finance.gov.mv އަށް އީމެއިލްކުރެއްވުމަށްފަހު tender@finance.gov.mv އަށް ކޮޕީކުރެއްވުމަށް މިނިސްޓްރީއިން އެދިފައިވެއެވެ.

އައިލޭންޑް ރިސޯސް ސެންޓަރު ގާއިމުކުރަން ހުޅުވާލާ 19 ރަށް:
ހއ.މާރަންދޫ،
ހއ. އުލިގަމް،
ހއ. މޮޅަދޫ،
ހއ. ތަކަންދޫ،
ހއ. މުރައިދޫ
ހއ. ދިއްދޫ
ހދ. ނޮޅިވަރަން،
ހދ. ކުމުންދޫ،
ހދ. ވައިކަރަދޫ،
ހދ. މަކުނުދޫ،
ހދ. ފިނޭ،
ހދ. ހިރިމަރަދޫ
ހދ. ކުރިނބީ
ށ. ބިލަތްފަހި،
ށ. ފީވައް،
ށ. ފޭދޫ،
ށ.ކަނޑިތީމު،
ށ. ޅައިމަގު އަދި
ށ. ނޫމަރާ

ދަ އޮޕެކް ފަންޑް ފޯރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އަކީ 1976 ވަނަ އަހަރު އޯގަނައިޒޭޝަން އޮފް ދަ ޕެޓްރޯލިއަމް އެކްސްޕޯޓިންގ ކަންޓްރީޒްގެ މެމްބަރު ގައުމުތަކުން ކުރިއަރަމުން އަންނަ ގައުމުތަކަށް އެހީ ފޯރުކޮށްދިނުމުގެ މަޤުޞަދުގައި އުފައްދާފައިވާ މާލީ އެހީދޭ އިދާރާއެކެވެ. ކުރިއަރަމުންދާ ގައުމުތަކުގައި ފަޤީރުކަން ނައްތާލުމަށާއި އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިކޮށްދިނުމަށް، އެ ގައުމުތަކާއި އަދި ބައިނަލްއަޤްވާމީ އެހީދޭ އެހެނިހެން ފަރާތްތަކާއި ގުޅިގެން އޮފިޑުން އެކި މަސައްކަތްތައް ކުރަމުންދެއެވެ. މިގޮތުން އޮފިޑުން އެ ގައުމުތަކަށް ބޭނުންވާ ޒަރޫރީ އުމްރާނީ ވަޞީލަތްތައް ތަރައްޤީކުރުމަށާއި، ރައްޔިތުންނަށް ފޯރުކޮށްދޭ އިޖްތިމާއީ ޚިދުމަތްތައް ހަރުދަނާކުރުމަށާއި، އުފެއްދުންތެރިކަން އިތުރުކޮށް، ވިޔަފާރި ކުރިއެރުވުމަށް މާލީ އެހީތެރިކަން ފޯރުކޮށްދެއެވެ. އޮފިޑުން ފޯރުކޮށްދޭ އެހީގެ މައިގަނޑު އަމާޒަކީ ގައުމުގެ ރައްޔިތުންނަކީ ކުރިމަގު އުޖާލާ، ފުދުންތެރި ބަޔަކަށް ވުމަށްޓަކައި އެބައިމީހުންނަށް އެންމެ ބޭނުންވާނެ ޒަރޫރީ ބޭނުންތައް ފުރިހަމަކޮށްދިނުމެވެ. މިގޮތުން ކާބޯތަކެއްޗާއި، ހަކަތައާއި، ސާފު ބޯފެނާއި، ނަރުދަމާގެ ނިޒާމާއި، ސިއްޙީ ޚިދުމަތް އަދި ތައުލީމު ފޯރުކޮށްދިނުމުގެ މަޝްރޫޢުތަކަށް ހިލޭ އެހީ އާއި ލޯނު އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދެއެވެ.

އޮފިޑުން ދިވެހިރާއްޖެއަށް އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދީފައި ވަނީ 1977 ވަނަ އަހަރު ބެލެންސް އޮފް ޕޭމަންޓްސް ސަޕޯޓްގެ ގޮތުގައެވެ. އެއަށްފަހު ބަނދަރު ހެދުމާއި، މަސްވެރިކަމާއި، ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމާއި، ތަޢުލީމް އަދި ތިމާވެށީގެ ދާއިރާގެ އެކިއެކި މަޝްރޫޢުތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި ސެނިޓޭޝަން އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ދަށުން ރާއްޖެ އަށް 50,000,000 އެމެރިކާ ޑޮލަރު ހަމަޖެހިފައިވަނީ 2015 ވަނަ އަހަރުގެ ތެރޭގަ އެވެ. މި އެހީގެ ދަށުން މިހާރު 45 ރަށެއްްގައި ތަފާތު އެކި ޕްރޮޖެކްޓްތައް ނިމި ބައެއް ރަށްރަށުގައި އެކި މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.