ހދ. ކުމުންދޫ ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައި ހުރި ހުރިހާ އިމާރާތަކަށް، އިއާދަކުރަނިވި ހަކަތައިން ކަރަންޓުދިނުމަށް އެކައުންސިލުން އަމާޒު ހިފައިފި އެވެ.

ހދ އަތޮޅު ކައުންސިލްގެ ނައިބް ރައީސް އަދި ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދު، އެރަށުގައި އިޢާދަކުރަނިވި ހަކަތައިން ކަރަންޓް އުފައްދާ ނިޒާމެއް ގާއިމް ކުރުމަށް މިއަދު މިކުރެވުނު އިއުލާނާއިއެކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 2023 ގެ ނިޔަލަށް ކުމުންދޫ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ހުރިހާ އިމާރާތްތަކެއްގެ ކަރަންޓު އިއާދަކުރަނިވި ހަކަތައިން އުފެއްދުމަކީ އެކައުންސިލްގެ އަމާޒެއް ކަމަށެވެ.

Ad
rt

އެކަމުގެ ސަބަބުން އެކައުންސިލްގެ ބަޖެޓްގެ ރިކަރަންޓް ޚަރަދުން ބޮޑު ޚަރަދެއް ސަލާމަތްކުރެވޭނެ ކަމަށްވެސް އަމީން ވިދާޅުވެފައިވެއެެވެ.

ކުމުންދޫގައި އިޢާދަކުރަނިވި ހަކަތައިން ކަރަންޓް އުފައްދާ ނިޒާމެއް ޤާއިމްކުރުމަށް ބީލަމަށް ހުޅުވާލައި އެކައުންސިލުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތައް އަމިއްލަތަކެތީގައި އެރަށުގެ ދެ އިމާރާތެއްގައި އިޢާދަކުރަނަވި ހަކަތައިން ކަރަންޓް އުފައްދާ ނިޒާމް ޤާއިމް ކުރުމަށް ބޭނުންވާ ކަމަށެވެ. އެ ދެ އިމާރާތަކީ ކުމުންދޫ ކައުންސިލް އިދާރާ އަދި އެރަށުގެ މަސްޖިދުއް އަންވާރު މިސްކިތެވެ.

އެގޮތުން މި ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިމަހުގެ 17 ވަނަ ދުވަހުގެ 10:00 ގެ ކުރިން އެކައުންސިލް އިދާރާއަށް ވަޑައިގެން ނުވަތަ https://forms.office.com/r/WW4LQcTdyF މި ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ވާން ޖެހެއެވެ. އަދި އެއިދާރާގެ ނަމްބަރ 6520034 އަށް ގުޅުއްވައިގެންވެސް ރަޖިސްޓްރީ ވެވޭނެއެވެ.

ބީލަންވެރިންނަށް މައުލޫމާތު ސާފު ކޮށްދިނުން އޮންނާނީ މިމަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 13:00 ގައި އެކައުންސިލް އިދާރާގައެވެ. ބީލަން ހުށައެޅުން އޮންނާނީ އަންނަ ފެބުރުއަރީ މަހުގެ 1 ވަނަ ދުވަހު އެއިދާރާގެ ކޮންފަރެންސް ހޯލްގައެވެ.