މާފުށީ ޖަލުގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ވުމުން އެތަން އާންމު ހާލަތަކަށް ގެނެސްފައިވާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވިދާޅުވެއްޖެއެވެ.
ކަރެކްޝަނަލް ސާވިސް އިން މިއަދު ވިދާޅުވީ، މާފުށީ ޖަލުން ކޯވިޑަށް ޕޮޒިޓިވްވި ހުރިހާ ގައިދީން ބަލިން ރަނގަޅު ވެފައިވާ ކަމަށެވެ. އެހެންކަމުން މާފުށީ ޖަލު މިހާރު އާންމު ހާލަތަށް ގެނެސްފައިވާ ކަމަށެވެ.
ޖަލު އާންމު ހާލަތަށް ގެނެވުމާއެކު، ގައިދީންނާއި ބަންދު މީހުންނަށް އާއިލީ އަދި ވަކީލް ބައްދަލުވުންތަކާއި ކޯޓުގެ އަޑުއެހުންތައް ކުރިއަށް ގެންދާނީ އާ އަންމު ހާލަތާ ގުޅިގެން އެކުލަވާލާފައިވާ އުސޫލާ އެއްގޮތަށް ކަމުގައިވެސް ކަރެކްޝަނަލް ސާވިސް އިން ވަނީ ވިދާޅުވެފަވެއެވެ.
މާފުށި ޖަލުގައި ތިބި ގައިދީންގެ ތެރެއިން 272 ގައިދީ އަކު ކޯވިޑް ބައްޔަށް ޕޮޒިޓިވްވި އެވެ.
އެއް ގައިދީ އަކަށް ފެސިލިޓީއެއްގައި ފަރުވާ ދޭންޖެހުނުއިރު، ބާކީ ގައިދީން ފަރުވާ ހޯދާފައިވަނީ ޖަލުގައި ތިބެގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!