އަވަށްޓެރި ސްރީލަންކާގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މަރުވެފައި އޮއްވައި ފެނުނު ދިވެހި ޒުވާނާގެ މަރުގެ މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ޓީމެއް އިއްޔެ އެ ގައުމަށް ފުރައިފިއެވެ.

ލަންކާގެ ވެއްލަވައްތަގެ ގޮނޑުދޮށުގައި ޒަހަމްތަކަކާއެކު މަރާލާފައި އޮއްވާ ފެނުނު ޒުވާނާއަކީ، ދ. މީދޫއަށް އުފަން އުމުރުން 24 އަހަރުގެ އަފްހާމް ނަސީރު އެވެ.

Ad
rt

ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ސީޕީ އަފްހާމްގެ މަރާއި ގުޅިގެން ލަންކާގެ ފުލުހުން ކުރިއަށް ގެންދާ ތަހުގީގުގައި ދިވެހި ފުލުހުން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

އަދި ފުލުހުންގެ ސީނިއާ އޮފިސަރަކާއި އިންވެސްޓިގޭޓިވް ކޮމާންޑްގެ އޮފިސަރަކު އެ ގައުމަށް އިއްޔެ ގޮސްފައިވާކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން އަފްހާމްގެ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް ބަލައި އެ ކަންކަން ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

އިންފޮމޭޝަން ޓެކްނޮލޮޖީ (އައިޓީ) ދާއިރާއިން ލަންކާގައި ތައުލީމު ހާސިލުކުރަމުންއައި އަފްހާމް މަރުވެފައި އޮއްވައި ފެނުނީ ރޭލު ދަގަނޑެއްގެ ކައިރިންނެވެ. އެ ސަރަހައްދުން އޭނާ ގެންގުޅުނު ބައެއް ސާމާނު ވެސް ފެނިފައިވެ އެވެ.

އެ މަރުގެ ހަގީގަތް ދެނެގަތުމަށް އަފްހާމްގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ވެސް އިއްޔެ ވަނީ ހަދާފައެވެ.