ހދ. ނެއްލައިދޫ ސްކޫލްގެ ހުރިހާ މުވައްޒަފުުންގެ ފަރާތުން އެރަށުގެ ހާއްސަަ އެހީއަށް ބޭނުންވާ، އެ ސްކޫލްގެ ދަރިވަރު، މުހައްމަދު އަދިއްޔު އާދަމްއަށް އެހީތެރިކަމެއް ފޯރުކޮށްދީފިއެވެ.
"ތިލަދުން" އަށް މައުލޫމާތު ދެއްވަމުން ނެއްލައިދޫ ސްކޫލްގެ ޕްރިންސިޕަލް އިސްމާއިލް ރަޝީދު ވިދާޅުވީ މިހަރަކާތުގެ ދަށުން އަދިއްޔުއަށް 12،000 ރުފިޔާ ހަދިޔާ ކޮށްފައިވާ ކަމަށެވެ. އަދި އެއީ ސްކޫލްގެ ހުރިހާ މުވައްޒަފުންގެ އެއް ދުވަހުގެ މުސާރައާއި ގާތް ކުރާ އަދަދެއް ކަމަށް ޕްރިންސިޕަލް ވަނީ ވިދާޅުވެފައެވެ.
ޗައިލްޑް އޯޓިޒަމް ވިތް ހައިޕަރކިނެޓިކް ޑިސްއޯޑަރ އަށް ފަރުވާ ކުރަމުން އަންނަ 11 އަހަރުގެ އަދިއްޔުއަށް އެހީތެރިވުމުގެ ގޮތުން އެސްކޫލްއިން ހަދިޔާ ކޮށްފައިވާ މިފައިސާ އަދިއްޔުގެ ބެލެނިވެރިޔާއަށް ހަވާލުކޮށްފައިވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހުއެވެ.
މީގެ އިތުރުން މިކަމުގައި ސްކޫލްގެ ހުރިހާ މުވައްޒަފުން ދެއްވި އެއްބާރުލުން ފާހަގަ ކޮށް ސްކޫލްގެ ޕްރިންސިޕަލް ވަނީ އެފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.
ނެއްލައިދޫ ސްކޫލް މުވައްޒަފުން އަދިއްޔުއަށް އެހީ ހަވާލުކުރުމުގެ ތެރެއިން، ފޮޓޯ: ނެއްލައިދޫ ސްކޫލް
އަދިއްޔުއަކީ އެންމެ ކުޑައިރުންސުރެ މިބައްޔަށް ފަރުވާ ހޯދަމުންދާ ކުއްޖެކެވެ. އެގޮތުން ވާހަކަ ދެއްކުމުގެ އުނދަގުލުގެ އިތުރުން ބަލި ހާލަތު ދޭތެރެއަކުން ގޯސްވެ ހޮޑުލައި، އަޑުއިވުމުގެ މައްސަލަތައް ދީމާވުމުގެ އިތުރުން ނިދަން އުނދަގޫވުން ފަދަ ކަންކަން އަދިއްޔު ވަނީ ތަހައްމަލް ކުރަން ޖެހިފައެވެ.
އަދިއްޔުގެ ބައްޔަށް ފަރުވާ (ސްޓެމްސެލް ތެރަޕީ ) ހޯދުމަށް ޓަކައި ފައިސާ ހޯދުމުގެ ގޮތުން އެރަށުގެ "ނެރު" ޖަމްޢިއްޔާއިންވެސް ވަނީ ފަންޑްރެއިސިންގެ އިވެންޓްތަކެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އަދިއްޔުގެ ބައްޔަށް އިންޑިއާގެ މުމްބާއިން ފަރުވާ ހޯދުމަށްޓަކައި 12000 ޑޮލަރު ޚަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށް އަދިއްޔުގެ އާއިލާއިން ވަނީ ބުނެފައެވެ. އެއީ ދިވެހި ރުފިޔާއިން -/185040 (އެއްލައްކަ އަށްޑިހަ ފަސް ހާސް ސާޅިސް ސާޅިސް ރުފިޔާ) އެވެ.
އަދިއްޔުއަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް:
ނަން: އައިޝަތު ދިމްނާ (ކުއްޖާގެ މަންމަ) 7697847
- ރުފިޔާ އެކައުންޓް ނަމްބަރ: 7730000246946
- ޑޮލަރު އެކައުންޓް ނަމްބަރ: 7730000246947
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!