އެފްރިކަން ކަޕް އޮފް ނޭޝަންސް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ސެނެގާލުން ކާމިޔާބު ކޮށްފިއެވެ. އާދީއްތަ ދުވަހުގެ ރޭ ކެމަރޫންގެ އޮލެމްބޭ ސްޓޭޑިއަމްގައި މިސްރާއި ދެކޮޅަށް ކުޅުނު ފައިނަލް މެޗުގެ ސެނެގާލް ކާމިޔާބު ކޮށްފައިވަނީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 0-0 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެފައި އޮތުމުން ނަތީޖާ ނެރެންޖެހި ޕެނަލްޓީގައި 4-2 އިން މިސްރު މައްޗަށް ކުރި ހޯދައިގެންނެވެ.

މި މުބާރާތުގެ ފައިނަލަށް ސެނެގާލް އައިސްފައި ވަނީ ސެމީ ފައިނަލުގައި 3-1 ގެ ނަތީޖާއިން ބުރްކިނާ ފާސޯ ބަލިކޮށްގެނެވެ. މި މުބާރާތުގެ ނޮކައުޓް ބުރުގައި މިސްރު ވާދަކުރި ހަތަރު މެޗުގައި ވެސް ފުރިހަމަ ވަގުތު ހަމަވިއިރު އެ ޓީމަށް ނަތީޖާ ނެރެވިފައި ނުވެއެވެ. ރައުންޑް އޮފް ސިކްސްޓީންގެ ބުރުގައި ޕެނަލްޓީ ޖަހައިގެން އައިވަރީ ކޯސްޓް މައްޗަށް ކުރި ހޯދިއިރު، ކުއާޓާގައި މޮޅުވެފައި ވަނީ ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ދެވަނަ ހާފުގައި ސަލާހް ކާމިޔާބުކުރި ލަނޑުންނެވެ. އެއަށްފަހު ސެމީ ފައިނަލުން މޮޅުވެފައި ވަނީ ޕެނަލްޓީގައި ކެމަރޫންގެ މައްޗަށް ކުރި ހޯދައިގެންނެވެ. ފައިނަލް މެޗުގައި ވެސް ޕެނަލްޓީ ޖަހަން ޖެހުނު އިރު އެ މެޗުން މިސްރު މި ވަނީ ބަލިވެފައެވެ.

Ad
rt

މި މުބާރާތުގެ ފައިނަލްގައި ސެނެގާލުން ވަނީ 2019 ވަނަ އަހަރު ވެސް ވާދަ ކޮށްފައެވެ. އެ ފަހަރު މުބާރާތް ސެނެގާލް ބަލިކުރުމަށް ފަހު ކާމިޔާބު ކޮށްފައި ވަނީ އަލްޖީރިއާއެވެ.

މި މެޗުގައި ސެނެގާލްގެ ފަރާތުން ރަނގަޅު ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. މިގޮތުން އެ ޓީމަށް ވަނީ މެޗުގެ ކުރީކޮޅު ލަނޑުޖަހާނެ ރަނގަޅު ފުރުޞަތެއް ލިބި ބޭނުން ނުހިފިފައެވެ. މެޗުގެ ހަތަރު ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ސެނެގާލްގެ ތަރި މާނޭ ފޮނުވާލި ނަމަވެސް އެ ޕެނަލްޓީ މިސްރުގެ ކީޕަރު އަބޫ ގަބާލް ވަނީ މަތަކޮށްފައެވެ.

މެޗުގައި ލަނޑު ޖަހާނެ ފުރުޞަތު މިސްރުން ވެސް ތަނަވަސް ކޮށްފައިވާއިރު، މިސްރުގެ ތަރި ސަލާހް އަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުޞަތެއް ލިބި ބޭނުން ނުހިފިފައެވެ.

ނަތީޖާ ނެރެން ޕެނަލްޓީ ޖެހިއިރު، ފުރަތަމަ ޕެނަލްޓީ ސެނެގާލްގެ ކުލިބާލީ ވަނީ ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. މިސްރުގެ ޒީޒޫ ވެސް ވަނީ އެ ޓީމަށް ފުރަތަމަ ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ. ސެނެގާލްގެ ދެ ވަނަ ޕެނަލްޓީ އަބްދޫ ޑިއާލޯ ކާމިޔާބުކުރިއިރު، މިސްރުން ދެ ވަނަ ޕެނަލްޓީ ފޮނުވާލި އަބްދުލްމޮނެމް ޖެހި ޕެނަލްޓީ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ސެނެގާލަށް ލީޑުނަގައިދޭން ގޮސް ބްރޫނޯ ސާ ޖެހި ޕެނަލްޓީ ކީޕަރު ގަބާލް ވަނީ މަތަކޮށްފައެވެ. މިސްރުގެ ތިން ވަނަ ޕެނަލްޓީ ޖަހަންދިޔަ ހަމްދީ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފައެވެ. ސެނެގާލްގެ ހަތަރު ވަނަ ޕެނަލްޓީ ޖަހަންދިޔަ ޒުވާން ކުޅުންތެރިޔާ ބަމްބާ ޑިއެން ވަނީ ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. މިސްރުގެ ހަތަރު ވަނަ ޕެނަލްޓީ ޖަހަންދިޔަ މޮހަނާދް ލަޝީން ޖެހި ބޯޅަ ސެނެގާލްގެ ކީޕަރު މެންޑީ މަތަކުރި އެވެ. އަދި އެ ޓީމުގެ ފަސް ވަނަ ޕެނަލްޓީ ޖަހައި، މެޗުން މޮޅުކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދިނެވެ. މެޗުގައި ލިބުނު ޕެނަލްޓީ މާނޭ އަތުން ބޭކާރުވި ނަމަވެސް އޭނާ ވަނީ މި ފުރުސަތުގެ ބޭނުންހިފައި ސެނެގާލްގެ ފަސް ވަނަ ޕެނަލްޓީ ޖަހައި، އެ ޓީމު މޮޅުކޮށްދީފަ އެވެ. މިސްރުގެ ފަސް ވަނަ ޕެނަލްޓީ ޖަހަން މަޑުކުރި ސަލާހުގެ ޕެނަލްޓީއާ ހަމައަށް ނުގޮސް ސެނެގާލުން ޗެމްޕިއަންކަން ހޯދީ އެވެ.

މި މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ކެމަރޫންގެ ކެޕްޓަން ވިންސެންޓް އަބޫބަކާރު ހޮވިފައިވާއިރު، މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވޮފައި ވަނީ ސެނެގާލްގެ ސަޑިއޯ މަނޭއެވެ.