ކޯވިޑް-19 ބަލީގައި ރާއްޖެއިން 21 އަހަރުގެ ޒުވާނަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވި ގޮތުގައި ނިޔާވެފައި ވަނީ ހުޅުމާލެ ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދިޔަ ދިވެހި ޒުވާނެއް ކަމަށެވެ. އެއީ ފިރިހެނެކެވެ.

Ad
rt

އޭނާ ނިޔާވެފައި ވަނީ މިއަދު މެންދުރުފަހު 3:40 ހާކަށް ހާއިރުއެވެ.

މިއީ ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި 283 ވަނަ މީހާއެވެ.

ކޯވިޑް ބަލީގައި ރޭ ވެސް މީހަކު ނިޔާވިއެވެ. އެއީ ވެސް ހުޅުމާލެ ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދިޔަ މީހެކެވެ. 75 އަހަރުގެ މި އަންހެން މީހާ ނިޔާވީ ރޭ 1:42 ހާކަށް ހާއިރުއެވެ. އަދި ފަހަކަށް އައިސް ކޮންމެ ދުވަހަކު ހެން މީހަކު ދަނީ މި ބަލީގައި ނިޔާވަމުންނެވެ.

ރާއްޖޭގެ ކޯވިޑްގެ ހާލަތު ވަރަށް ނާޒުކް ފައްތަރެއްގައި އޮތުމަށްފަހު ޕޮޒިޓިވްވާ ނިސްބަތް މަޑުމަޑުން ވަނީ ދަށަށް ދާން ފަށާފައެވެ.

މުޅިރާއްޖެއިން ޕޮޒިޓިވްވާ ނިސްބަތް އެންމެ މަތި ދުވަސްވަރުގޮތުގައި މި ދުވަސްވަރު ހިމެނޭއިރު އިއްޔެ ވެސް ވަނީ 1589 މީހަކު ޕޮޒިޓިވްވެފައެވެ. އެއީ މާލޭ ސަރަހައްދުން ޕޮޒިޓިވްވި 400 މީހުންނާއި، އަތޮޅުތެރޭގެ ރަށްތަކުން ޕޮޒިޓިވްވި 843 މީހުންނާއި އަދި ރިސޯޓްތަކުން ޕޮޒިޓިވްވި 80 މީހުންނެވެ.

ރާއްޖެއިން މިހާތަނަށް މިބަށްޔަށް ޕޮޒިޓިވްވި ޖުމްލަ އަދަދަކީ 148،580 އެވެ. މިވަގުތު އެކްޓިވް ކޭސްތަކުގެ އަދަދަކީ 17،637 އެވެ.