ކްރިމިނަލް ކޯޓުގައި ނުނިމި ހުރި މައްސަލަތަކުގެ އަދަދު ކުރިއަށް ވުރެ އިތުރުވެފައިވާ ކަން ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ކްރިމިނަލް ކޯޓުން އާންމުކުރި މިދިޔަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2020 ވަނަ އަހަރު ނިމުނުއިރު އެ ކޯޓުގައި ނުނިމި އޮތީ 1،732 މައްސަަލަ އެވެ.

Ad
rt

އެކަމަކު މިދިޔަ އަހަރު ނިމުނުއިރު 1،804 މައްސަލައެއް އެ ކޯޓުގައި ނުނިމި އޮތް ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.

އެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު 773 މައްސަލައެއް އެ ކޯޓަށް އަލަށް ހުށަހެޅުނުއިރު، އެ މުއްދަތުގައި ކޯޓުން ނިންމީ 701 މައްސަލަ އެކެވެ. އަދި 9،973 އަޑުއެހުމެއް މިދިޔަ އަހަރު ތާވަލް ކުރިއިރު އޭގެ ތެރެއިން ބޭއްވީ 5،121 އަޑުއެހުމެއް ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.

މިދިޔަ އަހަރު ބަންދާ މެދު ގޮތެއް ނިންމަން 2،722 މީހަކު ކޯޓަށް ހާޒިރު ކުރިއިރު އޭގެ ތެރެއިން 14 ޕަސެންޓް ފިޔަވައި ދެން ތިބި އެންމެން ބަންދުކުރަން ކޯޓުން އަމުރު ނެރެދީފައިވާ ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ. އަދި ތަހުގީގުތަކާ ގުޅިގެން 1،529 އަމުރެއް ހޯދަން އެދުނުއިރު، އޭގެ ތެރެއިން 103 އަމުރެއް ފިޔަވައި ދެން ހުރި އަމުރުތައް ވެސް ނެރެދިން ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.

މީގެ އިތުރުން 23،000 އަށް ވުރެ ގިނަ މީހުންގެ ކުށުގެ ރެކޯޑް ސާފު ކުރުމުގެ މަސައްކަތް ވެސް މިދިޔަ އަހަރު ކްރިމިނަލް ކޯޓުން ކުރިއަށް ގެންގޮސްފައިވާ ކަމަށް އެ ހިސާބުުތަކުން ދައްކަ އެވެ.