އިންތިޚާބުތަކަށް ނުފޫޒު ފޯރުވުމަށް އެކި ފަރާތްތަކުން ކުރާ ކަންކަން ހުއްޓުވުމަށް ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އިން ބުނެފިއެވެ.
އެ ޕާޓީން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުން ހާމަވެގެންދިޔަ އެއްކަމަކީ ދިވެހިރާއްޖޭގައި ނުފޫޒެއް ނެތި، އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު އިންތިޚާބުތައް ބޭއްވުމަށް ހުރި ގޮންޖެހުންތައް ކަމަށެވެ. އަދި އިންތިޚާބުތަކާ ގުޅޭ ޤާނޫނުތަކަށް ގިނަ ބަދަލުތަކެއް ގެންނަންޖެހޭ ކަން ވެސް އިނގިގެންދާކަމަށް ވަނީ ބުނެފައެވެ.
އެ ޕާޓީން ބުނި ގޮތުގައި އިންތިޚާބުތަކަށް ނުފޫޒު ފޯރުވުމަށް އެކި ފަރާތްތަކުން ކުރާ ކަންކަން ހުއްޓުވުމަށް ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް އެ ޕާޓީން ކުރަމުންގެންދާނެއެވެ.
ދިވެހިއްޖޭގައި ގިނަ ޕާޓީ އެކުލެވޭ ޑިމޮކްރަސީއެއްގެ ތެރެއިން ސިޔާސީ ޕާޓީތައް އުފެދި ހަރަކާތްތެރިވަމުންދާތާ ފަނަރަ އަހަރު ވެފައިވާއިރުވެސް ދިވެހިރައްޔިތުން އެދޭ ތަރައްޤީއާއި ފުދުންތެރިކަން އައިސްފައި ނުވާކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. އަދި އެ ޕާޓީއަކީ ފުދުންތެރި ރައްޔިތެއް އުފެއްދުމަށާއި ދިވެހި ޤައުމިއްޔަތު ދިރުވާ އާލާކުރުމަށް އުފެއްދި ޕާޓީއެއްކަމަށާއި، އެއީ ދިވެހިންނަށް ލިބުނު އުންމީދީ ދަންމަރެއް ކަމަށް ވެސް ބުނެފައިވެއެވެ.
"މި ޕާޓީ އުފެއްދިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދިވެހިރާއްޖޭގެ އެންމެ ދޮށީ ޕާޓީތައް ބައިވެރިވާ އިންތިޚާބެއްގައި ބިރެއްނެތި ބައިވެރިވެ ހިއްވަރާއެކީ މަސައްކަތްކުރުމަކީ މި ޕާޓީގެ ކުރިމަގު ނުހަނު އުޖާލާކަން އަންގައިދޭ ކަމެކެވެ. އެމްއެންޕީން އަބަދުވެސް މަސައްކަތްކުރާނީ ދިވެހި ރައްޔިތުންނަށް އުފާފާގަތިކަމާއި ފުދުންތެރިކަމާއި ދިވެހި ޤައުމުގެ ޤައުމިއްޔަތު ދިރުވާ ހާލު ދިވެހި ކޮންމެ ރައްޔިތަކަށްވެސް ޤައުމަށް ޚިދުމަތްކުރުމަށް ފަހި ފުރުސަތުތަކެއް ފަހިކުރަމުންދާ ޕާޓީއެއްގެ ގޮތުގައެވެ." އެމްއެންޕީން ބުނެފަވެއެވެ.
އެ ޕާޓީން ވަނީ، މިއަދު ބޭއްވުނު ރައްޔިތުންގެ މަޖީލުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި އެ ޕާޓީގެ ކެންޑިޑޭޓް ޢަބްދުލް ޙަންނާން އިދުރީސްއަށް ވޯޓު ދިން ކޮމަންޑޫ ދާއިރާގައި ހިމެނޭ ކޮމަންޑޫ، ފޯކައިދޫ އަދި މަރޮށީގެ ރައްޔިތުންނަށް އެ ޕާޓީގެ ކެންޑިޑޭޓް ޙަންނާނާއި، ޕާޓީގެ ރައީސް ކާނަލް (ރިޓަޔާޑް) މުޙައްމަދު ނާޒިމާއި، ޕާޓީގެ ލީޑާރޝިޕާއި އަދި ޕާޓީގެ އެންމެހާ މެމްބަރުންގެ ފަރާތުން ޝުކުރު އަދާކޮށްފައެވެ. އަދި ހަންނާނަށް ވޯޓު ނުދޭ އެ ދާއިރާގެ ރަށްޔިތުންނަށް ވެސް ވަނީ ޝުކުރު އަދާކޮށްފައެވެ.
މީގެއިތުރުން މި ބައި އިލެކްޝަން ކާމިޔާބު ކުރި އެމްޑީޕީގެ ކެންޑިޑޭޓް މުޙައްމަދު ރާޝިދަށް އެ ޕާޓީގެ ފަރާތުން ވަރަށް ހޫނު މަރުޙަބާއެއް ކިޔާ ކަމަށް ވެސް ބުނެފައެވެ.
މިއަދުގެ އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ގޮނޑި ކާމިޔާބުކުރި ރާޝިދަށް ވަނީ 1401 ވޯޓު ލިބިފައެވެ. ޕީޕީއެމް ކެންޑިޑޭޓް ފަތުހީއަށް 1161 ވޯޓު ލިބިފައިވާއިރު އެމްއެންޕީ ކެންޑިޑޭޓް ހަންނާނަށް ލިބުނީ 323 ވޯޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!