ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނާއި ގުޅިގެން ރައްޔިތުުންނަށް އިބިލީހުގެ ވަސްވާސް "ވިއްކާތަން" ފެންނަމުންދާ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ޓިކެޓްގައި އެދާއިރާއަށް ވާދަކުރަށްވާ ކެންޑިޑޭޓް ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ގާނޫނީ ވަކީލު މޫސާ ފަތުހީ އާދަމް ވިދާޅުވެއްޖެއެވެ.
ފަތުހީއަށް ތާއީދު ހޯދުމަށް މިއަދު އެ ދާއިރާގައި ކުރިއަށް ދިޔަ ކެމްޕޭން ޖަލްސާއެއްގައި ވަހަކަ ދައްކަވަމުން ފަތުހީ ވިދާޅުވީ، ރާއްޖޭގެ "ބަފާ ކަމަށް އަމިއްލައަށް ގަބޫލުކުރާ ބައެއް މީހުން" ވަރަށް ދެރަވަރު ވާހަކަ ދައްކަމުން ދާކަމަށެވެ.
އޭނާ ވިދާޅުވީ، އާއިލީ ގުޅުމާއި، ރަހްމަތްތެރިކަމުގެ ގުޅުން ނުކެނޑުމަށް އިސްލާމް ދީނުގައި ވެސް އޮންނަ ކަމަށާއި، އާއިލީ ގުޅުން ކަނޑައިފިނަމަ އެއީ ދީނުން ބޭރުވެފައިވާ މީހެއް ކަމަށެވެ. އަދި އާއިލީ ގުޅުމަކީ އަމިއްލައަށް ގުޅޭ ގުޅުމެއްނޫން ކަމަށާއި، އެ ގުޅުން ކަނޑައިފި މީހަކަށް ހަލާކާ ގެއްލުމާއި ހުރިކަމަށް ދީނުގައި ބަޔާންވެފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް ފެނޭ މި އިންތިޚާބާއި ގުޅިގެން އިބިލީހުގެ ވަސްވާސް ރައްޔިތުުންނަށް ވިއްކާތަން، ﷲ ތަޢާލާގެ ވަހީބަސް ގަބޫލުކުރާ، އިސްލާމް ދީން ގަބޫލުކުރާ އެއްވެސް މީހަކު ނުބުނާނެ އެއްވެސްވެސް ކަމެއްގައި، މައިބަފާ ވަންތަކަމާއި، ދަރިވަންތަކަމާއި އަދި އާއިލީ ގުޅުން ކަނޑާށޭ، ﷲ ތަޢާލާ ގުދުރަތުން ގުޅުވައިފި ގުޅުމެއް ނައްތާލައިފި މީހަކީ އެ ކަނލާގެ ތަދުބީރުކުރެއްވި ގޮތާ ދެކޮޅުހެދި މީހެއް" ފަތުހީ ވިދާޅުވިއެވެ.
ފަތުހީ ވިދާޅުވީ، މައިންބަފައިންގެ ފައިތިލަދަށުން މެނުވީ އެއްވެސް ދަރިއެއް ސުވަރުގެ ވަނުމެއްނުވާ ކަމަށާއި، ދަރިންނަށް ވަސްވާސް ދޭނީ އިބިލީސް ކަމަށެވެ. އަދި ކޮމަންޑޫ ރައްޔިތުންނަށް ހެޔޮއެދިގެން އަންނަ މީހަކު އިބިލީހުގެ ވާހަކަ ވިއްކާނެތޯ އޭނާ ވަނީ ސުވާލު ކުރަށްވާފައެވެ.
ފަތުހީ ވަނީ ވަތަނަށް ކަމޭހިތުމުގެ މުހިންމުކަން މާތް ނަބިއްޔާގެ ސިޔަރަތުން ވެސް އެނގެންދާ ކަމަށާއި، ވަތަން ދެކެ ލޯބިވެ، ވަތަން ހިމާޔަތް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ވަތަންދެކެ ލޯބި ނުވި މީހަކަށް ތިމާގެ އާއިލާއަށް ދިއްކޮށްލެވޭނެ އޯގާތެރިކަމުގެ އަތެއް ނޯންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ފަތުހީގެ ވާހަކާގައި ވަނީ ރިޔާސީ ބަޔާނަށް ވެސް ފާޑު ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އެއީ ރިޔާސީ ބަޔާނެއް ނޫންކަމަށާއި، ސިޔާސީ ބަޔާނެއް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!