ލިބޭ އާމްދަނީގެ ކުރިއެރުމުގައި ކަށަވަރުކަމެއް ނެތުމުގެ ދިގުލީ ސުވާލަށް ސަރުކާރުން މިވަނީ ޖަވާބު ހޯދާފަ ކަމަށާއި، މިނިމަމް ވޭޖާއެކު ހުރިހާ ޞިނާޢަތެއްގެ މަސައްކަތްތެރިންގެ ޖީބުތައް ބަރުވެއްޖެ ކަަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ލިބޭ އާމްދަނީގެ ކުރިއެރުމުގައި ކަށަވަރުކަމެއް ނެތުމުގެ ދިގުލީ ސުވާލަށް ސަރުކާރުން މިވަނީ ޖަވާބު ހޯދާފައި ކަމަށެވެ.
"އެއީ އެންމެ ކުޑަވެގެން މަސައްކަތްތެރިއަކަށް ދެވޭނެ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ކަނޑައެޅުން. ހުރިހާ ޞިނާޢަތެއްގެ މަސައްކަތްތެރިންގެ ޖީބު މިކަމުން ބަރުވެއްޖެ." ރައީސް ވިދާޅުވިއެވެ.
ވަކިން ޚާއްޞަކޮށް، ފަތުރުވެރިކަމުގެ ސިނާޢަތުގެ 13,000 ދިވެހި މުވައްޒަފުންނަށްވާ ރަނގަޅު އަދި މާބޮޑު ކަމަށާއި، އަދި ސަރުކާރުގައި މަސައްކަތްކުރާ 15,400 މުވައްޒަފުންނާއި، ސަރުކާރު ކުންފުނިތަކުގެ 5,100 މުވައްޒަފުންނަށް މި ހެޔޮ ބަދަލު މިވަނީ ގެނެސްދެވިފައިކަމަށް ރައީސް ވިދާޅުވިއެވެ.
ފަތުރުވެރިކަމުގެ ދާއިރާއިން 10 އިންސައްތައިގެ ސަރވިސް ޗާޖްގެ ގޮތުގައި މިހާރު ނަގަން ޖެހޭނެކަމަށާއި، އަދި އޭގެ 99 އިންސައްތަ، މުވައްޒަފުންނަށް ހަމަހަމައަށް ބެހުމަކީ، ހުސްވި ޖަނަވަރީން ފެށިގެން ޤާނޫނުން ލާޒިމުކުރާ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ޞާލިޙް ވިދާޅުވީ، ރަނގަޅު ބަދަލެއް އަންނަނީ ހެޔޮ ނިޔަތެއް އޮވެގެން ކަމަށެވެ.
"ހއ. ދިއްދޫ އަޙްމަދު ރަޝީދަކީ ޢާއިލާއާ މާދުރުގައި މެދުރާއްޖެތެރޭގެ ރިޒޯޓެއްގައި މަސައްކަތްކުރާ މުވައްޒަފެއް. ފާއިތުވި 16 އަހަރު އަސާސީ މުސާރައިގެ ގޮތުގައި އޭނާ ގެޔަށް ގެންދަން އެންމެ ގިނަވެގެން ލިބުނީ މަހަކަށް 5,600 ރުފިޔާ. އެހެންނަމަވެސް، މިނިމަމް ވޭޖްގެ ހެޔޮ ބަދަލާއެކު، 8,000 ރުފިޔާ މިހާރު އަސާސީ މުސާރައަށް ލިބޭ. ސަރވިސް ޗާޖާއެކު، މިދިޔަ ޖަނަވަރީ މަހު 55,000 އަށްވުރެ ގިނަ ރުފިޔާ އޭނާ ގެޔަށް ގެންދަން ލިބުނު." ރައީސް ވިދާޅުވިއެވެ.
ރައީސް ޞާލިޙް ވިދާޅުވީ، ވީވަޢުދަށްވުރެ ވެފައިވާގޮތް މާ ރަނގަޅު ކަމަށެވެ. އަދި ރައްޔިތަކަށްވާ ކޮންމެ ރަނގަޅަކީ ޤައުމަށް ލިބޭ ކުރިއެރުމެއް ކަމަށް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!