މާލޭގައި 14 އަހަރުގެ ކުއްޖަކު މަރާލި މީހަކަށް އިއްވި 16 އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން ދަމަހައްޓައިފި އެވެ.
2016 ވަނަ އަހަރު، މަޖީދީމަގުގައި ކުޑަކުދިންތަކެއްގެ މެދުގައި ހިންގި މާރާމާރީއެއްގައި ކުއްޖެއްގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލުމުން 2019 ވަނަ އަހަރު ޖުވެނައިލް ކޯޓުން 16 އަހަރާއި އަށް މަހުގެ ޖަލު ހުކުމެއް އިއްވީ އެ ހާދިސާ ހިނގިއިރު 17 އަހަރު ފުރިފައިވާ ކުއްޖަކަށެވެ.
އޭނާއަށް މިހާރު 18 އަހަރު ފުރުނަސް، އޭނާގެ މައުލޫމާތު އާންމު ކުރުމަކީ މަނާ ކަމެކެވެ. އެ މަރަށްފަހު މާލޭގައި ސިލްސިލާ މާރާމާރީތަކެއް ހިންގައި، އެހެން ކުއްޖަކު ވެސް މަރާލި އެވެ.
އެ މީހާ ޖަލު ހުކުމް އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އޭނާ އެ ކުއްޖާގެ ކަރަށް ވަޅިއަކުން ހަމަލާދިން ކަން ހެކިންގެ ބަހުން ސާބިތުވާއިރު، ވަޅިއެއް ހިފައިގެން އެ ސަރަހައްދުގައި އޭނާ އުޅުނުކަމުގެ ހެކި ވެސް އެބަހުރި ކަމަށެވެ. އަދި އެ ކުއްޖާ މަރުވެފައިވަނީ ކަރަށް ލިބުނު ޒަހަމްތަކުގެ ސަބަބުން ކަމަށްވާތީ އޭނާގެ އަމަލާއި އެ ކުއްޖާ މަރާ ގުޅިފައިވުމުން އެކަމުން އޭނާ ބަރީއަ ނުވެވޭނެ ކަމަށް ވެސް ހުކުމުގައި ބުނެފައިވެ އެވެ.
އޭނާ 16 އަހަރަށް ޖަލަށްލީ މަރުވި ކުއްޖާގެ ވާރިސުން މަރުގެ ދިޔަ ބޭނުންވުމުންނެވެ. މަރުގެ ދިޔަ ނަގައިދިނުމާބެހޭ ގަވާއިދު އޭރު އުވިފައި އޮތުމުން މަރުގެ ދިޔަ ހޯދަން ވަކިން ދައުވާ ކުރުމުގެ ހައްގު އޮންނާނެ ކަމަށް ޖުވެނައިލް ކޯޓުން އޭރު ނިންމި އެވެ. އެހެންވެ، މަރުގެ ދިޔައިގެ ގޮތުގައި ދައްކަންޖެހޭ މިންވަރެއް އޭރު ކޯޓަކުން ކަނޑައެއްނާޅަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!