މިނިމަމް ވޭޖް ތަންފީޒުކުރަން ފެށުމާއެކު މިދިޔަ މަހުން ފެށިގެން ފެނަކަ ކޯޕަރޭޝަނުގެ 80 އިންސައްތަ މުވައްޒަފުންގެ މުސާރަ ބޮޑުވެއްޖެއެވެ.

އެ ކުންފުނިން ނެރުނު ހިސާބުތައް ދައްކާގޮތުގައި، ޖުމްލަ 3،346 މުވައްޒަފެއްގެ މުސާރައަށް ވަނީ ބޮޑު ބަދަލެއް އައިސްފައެވެ. މީގެ ތެރޭގައި 495 މަސައްކަތު މީހުންނާއި 1،952 ޓެކްނިކަލް އަދި އޮފިސަރުންނާއި ސުޕަވައިޒާ ލެވެލްގެ 700 މުވައްޒަފުން ހިމެނެއެވެ.

Ad
rt

އެގޮތުން ކުރިން ބޭސިކް މުސާރައިގެ ގޮތުގައި 2،800ރ. ލިބުނު މުވައްޒަފުންނަށް މި ބަދަލާއެކު 4،650ރ. އަށް ވަނީ އިތުރުވެފައެވެ. އަދި މީގެ ކުރިން ޖުމުލަ އުޖޫރަ މިހާރު 9،222ރ. އަށް ވަނީ އިތުރުވެފައެވެ.

މިނިމަމް ވޭޖު ކަނޑައެޅުމުގެ ކުރިން އެ ކުންފުނީގެ ބައެއް މުވައްޒަފުންނަށް 5،590ރ. ލިބުނު އިރު މިހާރު އެ މުވައްޒަފުންގެ މުސާރަ ވަނީ 9،222ރ. އަށް ބޮޑުވެފައެވެ.

މިނިމަމް ވޭޖަށް އަމަލުކުރަން ފަށާފައި ވަނީ މި އަހަރުގެ ޖެނުއަރީން ފެށިގެންނެވެ. މިނިމަމް ވޭޖު ކަނޑައަޅާފައި ވަނީ ހަތަރު ކެޓަގަރީއަކަށެވެ. އެއީ ސިވިލް ސާވިސް އާއި ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތައް އަދި ބޮޑެތި ވިޔަފާރިތަކެވެ.

އެންމެ ބޮޑެތި ކުންފުނިތަކުން މިނިމަމް ވޭޖުގެ ގޮތުގައި 8،000ރ. މުވައްޒަފުންނަށް ދޭން ޖެހޭއިރު މެދުފަންތީގެ މުވައްޒަފުންނާއި ސިވިލް ސާވިސް މުވައްޒަފުންނަށް މިނިމަމް ވޭޖުގެ ގޮތުގައި 7،000ރ. އަދި ކުދި ވިޔަފާރިތަކުން މިނިމަމް ވޭޖުގެ ގޮތުގައި 4،500ރ. ދޭން ޖެހޭނެއެވެ. ފެނަކަ ހިމެނެނީ އެންމެ ބޮޑެތި ކުންފުނިތަކުގެ ތެރޭގައެވެ.