ރައްޔިތުންގެ މަޖިލީހުގެ ސްޕާ މެޖޯރިޓީ އެމްޑީޕީއަށް ދިނުމުން "ކުޅުނީ ބަތްކައްކާ" ކަމަށާއި، އިތުރު ގޮނޑިއެއް އެޕާޓީއަށް ދޭންޖެހޭ ސަބަބެއް ނެތްކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ އެއް ނައިބު ރައީސް، މި ސަރުކާރުގެ ކުރީގެ ޖެންޑާ މިނިސްޓަރު ސިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

އެމްއެންޕީ)ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް އަބުދުލް ޙަންނާނު އިދުރީސްގެ މާލޭ ކެމްޕެއިން ޖަގަހައިގައި މިރޭ ކުރިއަށްދާ ޖަލްސާގައި ވާހަކަދައްކަވަމުން ސިދާތާ ވިދާޅުވީ، ހަންނާނަކީ މަޑުމައިތިރި އަޚްލާގް ރަނގަޅު ބޭފުޅެއްކަމަށެވެ.

Ad
rt

މަޖިލީހަށް އިންތިޚާބުވެއްޖެނަމަ ހަންނާނު ހުރުބަހުން ވާހަކަ ދައްކައި، ހުތުރު މަންޒަރު ނުދައްކާނެ ކަމަށާއި އެހެންނަމަވެސް ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރަން ހަންނާނު ފަސް ނުޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު ވެސް ހަންނާނު އެކަން ސާބިތުކޮށްދީފި، މިހާރު އިންތިޚާބުވެފައި ތިބި މެންބަރުން މަޖިލީހުގައި ދާއިރާގެ ހައްގުގައި ވަކާލާތުނުކުރާވަރަށް މިހާރު ވެސް ހަންނާނު ވަކާލާތު ކުރަށްވައިފި" ސިދާތާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމްޑީޕީއަށް މަޖިލީހުގެ ސްޕާ މެޖޯރިޓީ ދީގެން ވީކަމެއް ނެތްކަމަށާއި، ކޮމަންޑޫ ދާއިރާގެ ރައްޔިތުން އަދިވެސް ފެންވަރަނީ ނަޖިސްފެނުންކަމަށެވެ.

އެމްބިއުލާންސެއްނެތި، ގާޑިޔަލުގައި މީހުން އުފުލާކަން ވެސް ސަރުކާރަށް އިނގުނީ އެމްއެންޕީން އެކަން ސަރުކާރުގެ ސަމާލުކަަމަށް ގެނެސް ޓްވީޓް ކުރުމުންކަމަށް ސިދާތާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޮމަންޑޫ ދާއިރާއަށް ހޮވަންވީ ހަންނާނު ކަމަށާއި، އެ ދާއިރާގެ ރަށްޔިތުންގެ އަޑު އިއްވާނޭ ކެންޑިޑޭޓަކީ ހަންނާނު ކަމަށެވެ.