2023 ގައި ރައީސްކަމަށް އިންތިޚާބުކުރުމަށް ރައްޔިތުންގެ ތެރޭގައި ތަފާތު ކުރުމެއްނެތި ހަމަޔާއި އިންސާފަށް ވެރިކަންކުރާނެ މީހެއް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އިން ދައްކާނެކަމަށް އެ ޕާޓީގެ އެއް ނައިބު ރައީސް، އަދި ޕީޖީ ލީޑަރު، ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބުދުﷲ ރިޔާޟް ވިދާޅުވެއްޖެއެވެ.

ރިޔާޟް މިހެން ވިދާޅުވީ، "ވެރިކަން ލިބިއްޖެނަމަ އެހެންބަޔަކަށް ޖާގައެއް ނެތް، ވަޒީފާތަކަށް ނަގާނީ ޕީޕީއެމް ކުދިން" މި ސުރުޚީގެ ދަށުން އޮންލައިން ނޫހަކުން ސާޢިއުކޮށްފައިވާ ޚަބަރެއް ޓްވީޓާގައި ހިއްސާކުރަށްވަމުން ކުރެއްވި ޓްވީޓެއްގައެވެ.

Ad
rt

އެ ޚަބަރަކީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބު އިދިކޮޅު ޕީޕީއެމަށް ކާމިޔާބު ކުރެވިއްޖެ ނަމަ ސަރުކާރާއި ސަރުކާރުގެ މުއައްސަސާތަކުގެ މަގާމުތައް ވެސް ދޭނީ އެ ޕާޓީގެ މެމްބަރުންނަށް އެކަނި ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވިކަމަށް ގެނެސްފައިވާ ޚަބަރެކެވެ. މި މަހުގެ 28 ވަނަ ދުވަހުގެ ރޭ ރައީސް ޔާމީން އެހެން ވިދާޅުވިކަމަށް އެ ޚަބަރުގައި ބުނެފައި ވަނީ އަންނަ މަހުގެ ފަސްވަނަ ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވާ މޫސާ ފަތުހީ އާދަމަށް ތާއީދު ހޯދުމަށް މާލޭގެ ރެސްޓޯރެންޓެއްގައި އެ ދާއިރާގެ ބައެއް މީހުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ކަމަށެވެ. އެކަމަށް ފާޑުކިޔުން ބޮޑުވެފައިވަނިކޮށް، ޕީޕީއެމުން ވަނީ އެކަން ދޮގުކޮށް ބަޔާނެއް ވެސް ނެރެފައެވެ.

އެ ޚަބަރަށް އިޝާރާތްކުރަށްވާ ކުރީގެ ޕޮލިސް ކޮމިޝަނާ ކަން ވެސް ކުރެއްވި ރިޔާޟް ވިދާޅުވީ، 2023 ގައި ދިވެހިރާއްޖޭގެ ރައީސްކަމަށް ރައްޔިތުން އިންތިޚާބު ކުރާނީ ރައްޔިތުންގެ ތެރޭގައި ތަފާތު ކުރުމެއްނެތި ހަމަޔާއި އިންސާފަށް ވެެރިކަންކުރާނެކަމަށް ޤަބޫލްކުރެވޭ މީހެއް ކަމަށެވެ.

"ﷲގެ އިރާދަފުޅުން އެފަދަމީހަކު އެމްއެންޕީއިން ރައްޔިތުންނަށް ދައްކާނަން" ރިޔާޟް ވިދާޅުވިއެވެ.

އިތުރު ޓްވީޓެއްގައި ރިޔާޟް ވަނީ އެމްއެންޕީގެ އަމާޒު ވަރަށް ސާފް ކަމަށާއި، ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކެންޑިޑޭޓެއް ނެރުނީ އަނެއް 2 ކެޑިޑޭޓް ބަލިކޮށް އިންތިޚާބު ކާމިޔާބު ކާމިޔާބު ކުރަން ކަމަށް ވިދާޅުވެފައެވެ. އެހެން ވިދާޅުވެފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ހޯދަން އެމްޑީޕީން ބޭއްވި ބައްދަލުވުމެއްގައި އެމްއެންޕީން އުޅެނީ ޕީޕީއެމަށް ގޮނޑި ހޯދައިދޭން ކަމަށް އެމްޑީޕީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުޙައްމަދު ޝިފާޒް ވިދާޅުވުމުން އެކަމަށް ރަށްދުދެއްވައި ރިޔާޟް ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި އޭނާ އިތުރަށް ވިދާޅުވީ އެމްޕީން މަސައްކަތް ކުރަމުންދާ މަސައްކަތަކީ، ފުދުންތެރި ރައްޔިތެއް އުފެއްދުމަށް ކެނޑިނޭޅި ކުރާ މަސައްކަތްކަމަށާއި، އަދި އެއީ ރައްޔިތުންނަށް ހައްގުމިންވަރު ހޯދައިދިނުމަށް ވަކާލާތުކުރުމަށް ކުރާ މަސައްކަތެއް ކަމަށެވެ. އެމްއެންޕީން ނުކުމެތިބީ އެމްޑީޕީ ނުވަތަ ޕީޕީއެމް ނޫންގޮތެއް ބޭނުންވާ ރައްޔިތުންނަށް އެފުރުސަތު ހޯދައިދިނުމަށް ކަމަށް ވެސް ވިދާޅުވެފަވެއެވެ.