ޓެކާސްއިން މުޅި ރާއްޖެއަށް އަމާޒުކޮށް ބާއްވާ ޓެކާސް މައިލޯ ޗެމްޕިއަންޝިޕް މޯލްޑިވްސް ކަޕްގެ ށ އަތޮޅުގެ ޗެމްޕިއަންކަން ފޯކައިދޫގެ ފޯކައިދޫ އެފްސީ ހޯދައިފިއެވެ.

ޓެކާސްއިން މައުލޫމާތު ދީފައިވާ ގޮތުގައި ފޯކައިދޫ ޗެމްޕިއަންކަން ހޯދާފައިވަނީ މިލަންދޫ އާ ވާދަކޮށް 3-0 އިން މެޗް ކާމިޔާބު ކޮށްގެންނެވެ. މި މެޗްގެ މޭން އޮފް ދަ މެޗްގެ ގޮތުގައި ހޮވިފައިވަނީ ފޯކައިދޫ ޓީމްގެ ހުސައިން ނަބީހް (11) އެވެ.

Ad
rt

6 ޓީމަކުން ބައިވެރިވެފައިވާ ށ އަތޮޅުގެ މެޗްތައް ކުޅެފައިވަނީ 2 ޓީމް އަކަށް ބަހާލައިގެންނެވެ. ފުރަތަމަ ގުރޫޕްގައި ހިމެނެނީ ފޯކައިދޫ، ނަރުދޫ އަދި ފީވަކެވެ. 2 ވަނަ ގުރޫޕް ގައި ހިމެނެނީ މިލަންދޫ، ފުނަދޫގެ އިތުރުން ނޫމަރާއެވެ.

މީގެއިތުރުން މި މުބާރާތުގެ ޒޯން ޗެމްޕިއަނުންނާއި އަތޮޅު ޗެމްޕިއަނުންނަށް ވެސް އެވޯޑާ މެޑަލް އަދި އެންމެ މޮޅު ފަސް ކުޅުންތެރިންނާއި އެންމެ މޮޅު މެނޭޖަރުގެ އިތުރުން އެންމެ އުއްމީދީ ކުޅުންތެރިޔާ ފަދަ މަގާމުތައް ވެސް ވަނީ ހޮވާފައެވެ. އެގޮތުން އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާއަށް އަދި ޓޮޕް ޕްލޭމޭކާރގެ ގޮތުގައި ހޮވިފައިވަނީ ފޯކައިދޫ ޓީމްގެ އިބްރާހިމް މުޝީރު (69) އަށެވެ. އެންމެ މޮޅު ގޯލްކީޕަރ އަކަށް މިލަންދޫ ޓީމްގެ އަހުމަދު ހުޝާމް ހޮވިފައިވާއިރު އެންމެ ޒުވާން ކުޅުންތެރިއެއްގެ ގޮތުގައި ހޮވިފައިވަނީ މިލަންދޫ ޓީމްގެ އަހުމަދު ޝަނީއެވެ. އަދި އެންމެ މޮޅު މެނެޖާރގެ ގޮތުގައި ހޮވިފައިވަނީ ފޯކައިދޫ ޓީމްގެ މެނޭޖަރ އަބްދުﷲ ރީހާންއެވެ.

މިމުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަކީ:

  • ހުސައިން ނަބީހް ، ފޯކައިދޫ (11)
  • އަހުމަދު ހުޝާމް ، މިލަންދޫ (1)
  • އިސްމާއިލް ޝާފިއު ، ނަރުދޫ (23)
  • އަބްދުﷲ ނާޖީ ، މިލަންދޫ (27)
  • އަބްދުލް މާޖިދު ، ފުނަދޫ (21)

ޓެކާސްގެ އިން ކުރިއަށް ގެންދާ މި މުބާރާތުގައި ދެން ފެށިގެންދާނީ ނ އަތޮޅުގެ މެޗްތަކެވެ. 2 ގުރޫޕްއަކަށް ބަހާލައިގެން ކުރިއަށްދާ މި މެޗްތަކުގައިވެސް 6 ޓީމަކުން ވާދަ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެޓީމްތަކަކީ ކެނދިކުޅުދޫ ، މާފަރު ، މާޅެންދޫ ، ކުޑަފަރި ، ޅޮހި އަދި މަނަދޫއެވެ. މި ޓީމްތަކުން ޗެމްޕިއަނަށްދާ ޓީމަކާއި ބައްދަލު ކުރާނީ ށ އަތޮޅުން ޗެމްޕިއަންކަން ހޯދާފައިވާ ފޯކައިދޫއެވެ. އަދި އެމެޗުން ޗެމްޕިއަނަށް ދާ ޓީމް ހޮވިގެންދާނީ ބްލޮކްގެ އެއްވަނަ ޓީމްގެ ގޮތުގައެވެ. އެ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މާފަރުގައެވެ.

ޓެކާސްގެ ކުރިއަށް ގެންދާ މިކަޕްގެ ޗެމްޕިއަން ޓީމަށް 50000 ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައަޅާފައިވެއެވެ. އަދި ރަނަރަޕް ޓީމަށް 25000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.