މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް އަބުދުލް ޙަންނާނު އިދުރީސްގެ މެނިފެސްޓޯގައި ހިމެނޭ ވައުދުތައް ވީހާވެސް ގިނަ ރައްޔިތުންނާ ހިއްސާކުރުމުގެ ދަތުރެއް ދާއިރާއަށް ކުރަށްވައި، މާލެ ސަރަހައްދުގައި ދިރިއުޅޭ އެ ދާއިރާގެ ރަށްޔިތުންނާ ގާތުން ވެސް އެ ވައުދުތައް މިހާރު ހިއްސާކުކޮށްފައިވާއިރު، ކޮމަންޑޫ ދާއިރާގެ ކޮމަންޑޫއަށް އޭނާ ވަނީ ބާރަ ވައުދެއް ވެވަޑައިގެންފައެވެ.

ކޮމަންޑޫ ދާއިރާއަށާއި، ތިން ރަށަށް ވަކިން ވެސް ހަންނާނުގެ މެނިފެސްޓޯގައި ވައުދުތައް ހިމަނާފައިވާއިރު، މި ވައުދުތަކަކީ އޭނާއާއި އެމްއެންޕީގެ ލީޑަޝިޕް ތިން ފަހަރެއްގެ މަތިން ދާއިރާގެ ރަށްތަކަށް ދަތުރުކުރުމަށްފަހު ރަށްޔިތުންގެ އަޑުއަހައި، އެކުލަވަލާފައިވާ ވައުދުތަކެކެވެ.

Ad
rt

މިގޮތުން ކޮމަންޑޫއަށް ބަލާއިރު އެރަށަށް ވަރަށް މުހިންމު ކަންކަން އެ ވައުދުތަކުގެ ތެރޭގައި ވަނީ ހިމަނާފައެވެ. އޭގެތެރޭގައި ކުރިން އިސްޓޯލް ކުރުމަށްފަހު، ބިން ހިއްކުމުގެ މަޝްރޫޢޫއަށް މިހާރު އަންއިންސްޓޯލްކޮށްފައިވާ ސްލިޕްވޭ، އަލުން އިންސްޓޯލް ކޮށްދިނުމަކީ އޭނާގެ މުހިންމު އެއް ވައުދެވެ. އަދި ކޮމަންޑޫ މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް އައިސްޕްލާންޓް އެރަށުގައި ގާއިމުކޮށް ދިނުމާއި، މަސްވެރިން ބާނާ މަސް ކަނޑާނެ ތަނެއް ހަދައިދިނުމަކީ ވެސް އޭނާގެ ވައުދުތަކެވެ.

މީގެއިތުރުން ކޮމަންޑޫގެ ލޭންޑް ޔޫސް ޕްލޭން އަވަސްކުރުމަށް ޤާނޫނަށް ބަދަލުގެނައުމަށް ހުށަހެޅުމާއި، ފަސްގަނޑު އޮތް ސަރަހައްދު ހުސްވުމުން އެތަނުގައި ހަޓް ޖަހާ ތަރައްޤީކުރުމަށް އެހީތެރިވުމާއި، ރަށްފަތި ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް މެދުކެނޑުމެއްނެތި މަސައްކަތްކުރުމާއި އަދި ހުރިހާ އުމުރު ފުރާއަކަށް އަމާޒުކޮށް ޖިމްއެއް ހަދައިދިނުމަކީ ވެސް ހަންނާނުގެ ވައުދުތަކެވެ.

ކޮމަންޑޫއަށް ހަންނާނުގެ އިތުރު ވައުދުތައް

  • ސިއްޙީ ދާއިރާ ތަރައްޤީކުރަން މަސައްކަތްކުރުން،
  • ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ އެލަވަންސް ބޮޑުކުރުމަށް މަސައްކަތްކުރުން،
  • ޒުވާން ޖީލު މަސްތުވާތަކެތިން ސަލާމަތްކުރުމަށް ޕްރޮގްރާމްތައް ހިންގުން،
  • ތަޢުލީމީ މަރުކަޒުގެ ޚިދުމަތްތައް ވަރުގަދަކޮށް، ތަޢުލީމު އުނގެނުމަށް ކައިރި ރަށްރަށުން އަންނަ ކިޔަވާކުދިން ބައިތިއްބާނެ ތަންތަން ތަރައްޤީކުރުމަށް އެހީތެރިވުން،

މީގެއިތުރުން ދާއިރާގައި ފަތުރުވެރިކަން ފެށިގެންދާއިރު، ކާމިޔާބު މަސައްކަތަކަށް އެ މަސައްކަތް ހެދުމަށާއި، ދާއިރާގެ ރައްޔިތުންގެ ދަތުރުފަތުރުގެ ލުއިފަސޭހަކަމަށް ކޮމަންޑޫގައި އެއާޕޯޓް ތަރައްގީ ކުރުމަށް ކެނޑިނޭޅި ސަރުކާރަށް ޕްރެސަރ ކުރުމަކީ ވެސް ހަންނާނުގެ ވައުދެކެވެ.

ކެންޑިޑޭޓު ނަމްބަރު 3، ހަންނާނުގެ ވައުދުތައް ހިމެނޭ މެނިފެސްޓޯ އިފްތިތާޙް ކުރުމަށް ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވެފައި ވަނީ އެ މެނިފެސްޓޯގައި ނުވާވަރުކަމެއް އަދި ނުފުއްދޭވަރުގެ ވައުދެއް ހިމަނާފައި ނުވާނެ ކަމަށެވެ. ހަންނާނަކީ ތައުލީމީ ދާއިރާއިން ގިނަގުނަ ތަޖުރިބާތަކެއް ލިބިވަޑައިގެން ހުންނެވި ވިޔަފާރިވެރިއެކެވެ. އޭނާ ނިސްބަތްވެވަޑައިގަންނަވަނީ ކޮމަންޑޫއަށެވެ.