ހދ. ކުމުންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއިން އިންތިޒާމްކޮށްގެން އެރަށު ސްކޫލްގެ ދަރިވަރުންގެ މެދުގައި ކުރިއަށް ގެންދިޔަ އަންމާ ފޮތް ހިތުދަސްކުރުމުގެ ޕްރޮގްރާމްގެ ބައިވެރިންނަށް އިނާމު ދީފިއެވެ.
"ތިލަދުން" އަށް މައުލޫމާތު ދެއްވަމުން އަންހެނުންގެ ކޮމިޓީގެ ރައީސް ފާތިމަތު ރީނާޒް ވިދާޅުވީ މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ 7 ވަނަ ދުވަހު ކަމަށެވެ. އެގޮތުން މިޕްރާމްގައި އެސްކޫލްގެ 12 ދަރިވަރުން ވަނީ ބައިވެރިވެފައެވެ.
އެކޮމިޓީއިން މައުލޫމާތު ދީފައިވާ ގޮތުގައި މި ޕްރޮގްރާމްގެ ނަތީޖާ ފާޅުކޮށް ބައިވެރިންނަށް އިނާމު ދީފައިވަނީ މިއަދު ބޭއްވުނު ހަފްލާއެއްގައެވެ. މި ހަފްލާގައި މުބާރާތުގެ ޖަޖުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވާފައިވަނީ ކައުންސިލް މެމްބަރު ސާއިދާ މޫސާއެވެ.
މި ޕްރޮގްރާމްގެ ބައިވެރިންނަށް، ކައުންސިލް މެމްބަރު ނަޝާ އާދަމް ސެޓްފިކެޓް ހަވާލުކޮށްދެއްވާފައިވާއިރު، ބައިވެރިންނަށް އިނާމު ހަވާލުކޮށްދެއްވީ އަންހެނުންގެ ކޮމިޓީގެ ނައިބު ރައީސާ ރާޝިދާ މޫސާއެވެ.
މިޕްރޮގްރާމްގައި ކުދިންގެ ކިޔެވުމުގެ އަޑާއި، ރާގާއި، މަޙްރަޖުގެ އިތުރުން ހިތުދަސްވެފައިވާ މިންވަރު ބަލާފައިވެއެވެ.
މީގެ އިތުރުންވެސް ކުމުންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއިން މިފަދަ ޕްރޮގްރާމް ތަކާއި ކޯސްތައް ކުރިއަށް ގެންގޮސްފައިވާ ކަން ފާހަގަ ކޮށްލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!