ޓްވިޓާގައި ނެގި ޕޯލަކުން ގިނަ ބަޔަކު ބޭނުންވަނީ އެމްޑީޕީގެ ޗެއާޕާސަނަކަށް ހުސެއިން އަމްރު ހޮވަން ކަން ހާމަވެއްޖެއެވެ.

ޓްވިޓާ އެކައުންޓެއް ކަމަށްވާ ހަސަން ކުރުސީ އެކައުންޓުން ހުޅުވާލި މި ޕޯލްގައި 19،099 މީހުން ވަނީ ވޯޓު ދީފައެވެ. މީގެ ތެރެއިން 59 އިންސައްތަ މީހުން ވޯޓު ދިނީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުވެސް އަދާ ކުރައްވަމުން ގެންދަވާ އަމްރުއަށެވެ.

Ad
rt

އަމްރުއާއެކު މި ޕޯލްގައި ވާދަ ކުރެއްވީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުއެވެ. އޭނާއަށް ލިބުނީ ވޯޓު ލި މީހުންގެ 41 އިންސައްތަ ވޯޓެވެ.

މި ޕޯލް ނަގާފައި މިވަނީ މަހުލޫފު އާއި އަމްރު އެމްޑީޕީގެ ޗެއާޕާސްގެ މަގާމަށް ވާދަކުރައްވަން އުޅޭ ކަމުގެ ވާހަކަތައް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ. އަމްރު ވާދަކުރައްވާ ކަން ބައެއް މީޑިއާތަކަށް ކަށަވަރު ކޮށްދިން ނަމަވެސް މަހުލޫފު އަދި ކަށަވަރުކޮށްނުދެއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި މިހާރު ހުންނެވި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފުގެ ދައުރު ހަމަވާނީ އަންނަ މަހުގެ 11 އަށެވެ. އޭނާ އެ މަގާމަށް އިންތިހާބުކުރީ 2017 ވަނަ އަހަރުއެވެ.

އެމްޕީޑީޕީގެ ޗެއާޕާސަންގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރަނީ ފަސް އަހަރުގެ މުއްދަތަށެވެ.