މިއަދު ހަވީރު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް އަބުދުލް ޙަންނާނު އިދުރީސްގެ ކެމްޕޭން ހަރަކާތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ހަންނާނަށް ތާއީދުކުރާ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި މި ހަރަކާތުގައި އެމްއެންޕީގެ ލީޑަޝިޕްގެ ބޭފުޅުންގެ އިތުރުން ކެންޑިޑޭޓް ހަންނާން ވެސް ބައިވެރިވިއެވެ.
މި ހަރަކާތް ފެށުނީ މިއަދު ހަވީރު 4:00 ގައި ހުޅުމާލޭ ހިޔާ ފްލެޓް ސަރަހައްދު، އެޗް12 ކައިރި ބަސް ސްޓޮޕް ކުރިމަތިންނެވެ.
ހަރަކާތް ފެށުމުގެ ގޮތުން ބައިވެރިންނާ މުޚާތަބުކޮށް އެމްއެންޕީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމާ، ކެންޑިޑޭޓް ހަންނާނާއި އަދި އެ ޕާޓީގެ ނައިބު ރައީސުން ކަމަށްވާ ތިމަރަފުށީ ދާއިރާގެ މެންބަރު އަބުދު ﷲ ރިޔާޟާއި، ކުރީގެ ޖެންޑާ މިނިސްޓަރު ސިދާތާ ޝަރީފް ވަނީ ވާހަކަ ދައްކަވާފައެވެ.

އެއަށްފަހު ހަންނާނުގެ ސަޕޯޓަރުން ވަނީ ހަންނާނަށް ތާއީދުކޮށް ހުޅުމާލެ ވަށާ، ސައިކަލް ބުރެއް ކުރިއަށް ގެންގޮސްފައެވެ.

ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ އަޑު ގާތުން އެއްސެވުމަށްފަހު ރައްޔިތުންގެ އެދޭ ވައުދުތަކެއްގެ މައްޗަށް އެކުލެވޭ ތަސައްވުރަކާއެކު ހަންނާނުގެ ކެމްޕެއިން ހުއްޓުމެއްނެތި ކުރިއަށްދާއިރު އޭނާއާއި އެމްއެންޕީގެ ލީޑަޝިޕްގެ ބޭފުޅުން ކޮމަންޑޫ ދާއިރާއަށް މީގެކުރިން ވަނީ 4 ދަތުރެއް ވެސް ކޮށްފައެވެ.
މީގެއިތުރުން ކެންޑިޑޭޓް ނަމްބަރު 4، ހަންނާނުވަނީ މާލެ ސަރަހައްދުގައި ދިރިއުޅޭ އެ ދާއިރާގެ ރައްޔިތުންގެ އަޑު ގާތުން އެއްސެވުމަށް ދާއިރާގެ ރައްޔިތުން ދިރިއުޅޭ ގޭތަކަށް ވެސް ޒިޔާރަތް ކުރަށްވާފައެވެ.
މިނިވަންކަމާއެކު މަޖިލީހުގައި ވަކާލާތުކޮށް، ރައްޔިތުންނަށް ތަފާތުކުރުމެއްނެތި ޚިދުމަތްކުރާނެ ޚާދިމަކީ ހަންނާނުކަމަށް އޭނާގެ ސަޕޯޓަރުން ދަނީ ބުނަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!