ޖަލަށް ވައްދަން ތައްޔާރު ކޮށްފައިވާ ތަކެއްޗާއެކު ހުޅުމާލެއިން ބަޔަކު ހައްޔަރުކޮށްފި

244EA72B-45EF-4CCA-9051-68D9C0F2A19B

ޖަލަށް އެތެރެކުރުމަށް ތައްޔާރުކޮށްފައިހުރިކަމަށް ބެލެވޭ ތަކެއްޗާއެކު ހަ މީހަކު ހުޅުމާލެއިން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ އެ މީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފޭސް ދެއަކުން މިއަދު ހެނދުނު ކަމަށެވެ.

ފުރަތަމަ ފުލުހުން ހައްޔަރުކުރީ ތިޖޫރީއެއް ހިފައިގެން އުޅުނު ދެ މީހަކުކަމަށެވެ.

އެގޮތުން، ތިޖޫރީއެއް ހިފައިގެން ފޭސް ދޭއްގެ ޓަވަރަކަށް އެރި ދެ މީހުންނަށް ފުލުހުން ފެނުމުން ތިޖޫރީ އެއްލާލައި އެ މީހުންވަނީ ފިލަން މަސައްކަތްކޮށްފައިކަމަށާއި ފުލުހުން އެ ދެ މީހުން ހުއްޓުވައި އެ މީހުން ގެންގުޅުނު ތިޖޫރީއާއި އެ ދެ މީހުން ބަލައި ފާސްކުރިއިރު އެއްވެސް އެއްޗެއް ފެނިފައި ނުވާ ކަމަށެވެ. އެ މީހުންނާ ސުވާލުކޮށް އިތުރަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި، އެ ތިޖޫރީއަށް އަޅައިގެން ގެންގުޅުނު ކަމަށް ބެލެވޭ ތަކެއްޗާއެކު ހަތަރު މީހަކު ހިޔާ ދޭއްގެ އެޕާޓްމަންޓަކުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ބުނެއެވެ.

 “18 މޯބައިލް ފޯނާއި، 28 ޗާޖަރާއި، 28 ހެޑް ސެޓާއި، 10 މެމޮރީ ކާޑާއި، 12 ސިމް ކާޑު އަދި އެހެނިހެން ތަކެތި އެޕާޓްމަންޓުން ފެނިފައިވޭ”

މި ތަކެއްޗަކީ ޖަލަށް އެތެރެކުރުމަށް ތައްޔާރުކޮށްފައިހުރި ތަކެތި ކަމަށް ފުލުހުން މިހާތަނަށް ބެލިބެލުމުން އެނގިފައިވާކަމަށް ބުނެފައިވެ އެވެ.

މައްސަލައާ ގުޅިގެން 18 އަހަރުގެ މީހަކާއި 20 އަހަރުގެ ހަތަރު މީހަކާ އަދި 24 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެއެވެ. މި އެންމެންނަކީވެސް ދިވެހި ފިރިހެނުންކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *