މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސް ފޯވާޑް އެންތަނީ މާޝިއަލް ލޯނު އެއްބަސް ވުމެއްގެ ދަށުން ސްޕެއިންގެ ސެވިއްޔާއަށް ބަދަލުވުމުގެ ކަންކަން ހަމަޖެހިފައިވާ ކަމުގައި ރިޕޯޓުތައް ބުނެފިއެވެ.

އުމުރުން 26 އަހަރުގެ މާޝިއަލް ލޯނު އެއްބަސް ވުމެއްގެ ދަށުން ސެވިއްޔާއަށް ބަދަލުވެފައި މި ވަނީ މި ސީޒަންގެ ނިޔަލަށެވެ. ރިޕޯޓުތައް ބުނާގޮތުން މާޝިއަލް ސެވިއްޔާއަށް ބަދަލުވެފައި މިވަނީ ފަސް މިލިއަން ޕައުންޑްގެ ފީއަކަށެވެ. މާޝިއަލް ސެވިއްޔާގައި ހޭދަކުރާ މުއްދަތުގައި އޭނާއަށް ލިބެންޖެހޭ މުސާރައިގެ ކަންކަން ވެސް ހަމަޖައްސާނީ އެ ކުލަބުންނެވެ.

Ad
rt

މާޝިއަލް ފްރާންސްގެ މޮނާކޯއިން މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެފައި ވަނީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު 36 މިލިއަން ޕައުންޑަށެވެ. މާޝިއަލް މެންޗެސްޓާ ޔުނައިޓެޑާއިއެކު ފުރަތަމަ ހަދާފައި ވަނީ ހަތަރު އަހަރުގެ އެއްބަސްވުމެކެވެ. އެއަށްފަހު 2019 ވަނަ އަހަރު ޔުނައިޓެޑާއިއެކު ފަސް އަހަރުގެ އެއްބަސް ވުމެއް ހަދާފައިވާއިރު، ޔުނައިޓެޑާއިއެކު އޭނާ ހަދާފައިވާ އެއްބަސް ވުން ހަމަވާނީ 2024 ވަނަ އަހަރުގެ ސީޒަންގެ ނިޔަލަށެވެ.

މާޝިއަލް ވަނީ މެންޗެސްޓާ ޔުނައިޓެޑަށް ކުޅެދިން 269 މެޗުގައި 79 ލަނޑު ޖަހާފައެވެ. ޔުނައިޓެޑާއިއެކު މާޝިއަލް ވަނީ އިނގިރޭސި އެފްއޭކަޕާއި ލީގުކަޕުގެ އިތުރުން ޔޫރޮޕާ ލީގު ވެސް ކާމިޔާބު ކޮށްފައެވެ.

މާޝިއަލް ވަނީ ފްރާންސް ގައުމީ ޓީމަށް 30 މެޗު ކުޅެދީފައެވެ. އެ މެޗުތަކުގައި އޭނާއަށް ކާމިޔާބު ކުރެވުފައި ވަނީ އެންމެ ދެ ލަނޑެވެ.

ފަހަކަށް އައިސް ޔުނައިޓެޑްގެ ފުރަތަމަ އެގާރައިން މާޝިއަލްއަށް ފުރުޞަތު ނުލިބެއެވެ. ވުމާއެކު މާޝިއަލް ވަނީ ކުލަބު ބަދަލުކުރަން ބޭނުންވާ ކަމުގައި މީގެ ކުރިން ވެސް ބުނެފައެވެ. މާޝިއަލް މި ސީޒަންގައި ޔުނައިޓެޑަށް ކުޅެފައި ވަނީ އެންމެ އެގާރަ މެޗުގައެވެ. އެ މެޗުތަކުގައި އޭނާއަށް ކާމިޔާބު ކުރެވިފައި ވަނީ އެންމެ ލަނޑެކެވެ.