ކުޑަކުދިންނަށް ޖެހޭ ނުރައްކާތެރި ބައްޔެއް ކަމަށްވާ، މަލްޓި ސިސްޓަމް އިންފްލެމޭޓްރީ ސިންޑްރަމް (މިސްކް) ރާއްޖެއިން އަނެއްކާވެސް ފެންނަން ފަށައިފިއެވެ.
އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހްމަދު ފައިސަލް ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ކޮވިޑަށްފަހު ކުޑަކުދިންނަށް ޖެހެމުންދާ މިބަލީގައި މިވަގުތުވެސް 4 ކުއްޖަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށެވެ.
އޭގެ ތެރެއިން އެންމެ ހާލު ދެރައީ އިތުރު ބަލިތަކެއްވެސް ހުންނަ ކުއްޖެއް ކަމަށާއި ރަށަކުން ގެނެއްސަ އޮތް ކުއްޖެއްވެސް މިކުދިންގެ ތެރޭގައި ހިމެނޭ ކަމަށް ފައިސަލް ވިދާޅުވިއެވެ.
މިދިޔަ ޑިސެމްބަރު މަހު ގެނެސްފައިވާ މިކުއްޖާ މީގެ 4 ދުވަސް ކުރިން ހުންއައިސް ހޮޑުލާ ބަނޑުދިޔާވި ކަމަށާއިި އަދި މިހާރު އެ ކުއްޖާގެ ލޭގެ ޕުރެޝަރު ދަށްވާ ކަމަށް ޑރ. ފައިސަލް ވަނީ މައުލޫމާތު ދީފައެވެ.
2 އަހަރާއި 10 އަހަރާއި ދެމެދުގެ ކުދިންނަށް ޖެހޭ މިބަލީގައި ހަށިގަނޑުގެ އެކި ނިޒާމުތަކަށް ނުރައްކާތެރި އަސަރުތަކެއް ކުރެއެވެ. އެގޮތުން މިބަލި ޖެހިފައިވާ ކުއްޖެއްގެ ފަރާތުން، ބޭރަށް ހިންގުމާއި ހޮޑުލުން، ބްލަޑް ޕްރެޝާ ދަށް ވުން، ގަދައަށް ހުންއައުން، ގައިގައި ރިއްސުން، އަތްފައި ދުޅަވުން، ހަށިގަނޑުގެ އެކި ތަންތަން ރަތްވުން، ހާއްސަކޮށް ލޮލާއި ދޫ ރަތްވުން، ހަންފޮޅުން، ބިހިނެގުން ފަދަ އަލާމާތްތައް ފެނެއެވެ.
ނަމަވެސް މިބަލީގެ އެންމެ ބޮޑު އަލާމާތެއްގެ ގޮތުގައި ފާހަގަވެފައިވަނީ ގަދައަށް ހުން އައުމެވެ. އެގޮތުން މި ބަލި ޖެހިފައިވާ ކުއްޖެއްގެ ހަށިގަނޑުގެ ހޫނުމިން ގާތްގަނޑަކަށް 39، 40 ޑިގްރީ ސެލްސިއަސްގައި ހުރެއެވެ. މިގޮތުގައި އެންމެ މަދުވެގެންވެސް 3 ދުވަސް ހޭދަވެއެވެ. އަދި ބަލިން އެއްކޮށް ފަސޭހަ ވުމަށް ހަފްތާއަކަށްވުރެ ގިނަ ދުވަސް ނަގައެވެ.
ކޮވިޑް ފަދައިން މިބައްޔަކީ ގައިންގައިން އަރާ ބައްޔަކަށް ނުވި ނަމަވެސް މިއީ ފުރާނައަށް ނުރައްކާވެދާނެ ބައްޔެއްކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ. އަދި މިބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަަޅަކީ ކޮވިޑްއިން ރައްކާތެރިވުން ކަމަށް ފާހަގަ ކުރައްވާ އެފިޔަވަޅުތައް އެޅުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި މިބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އިރުޝާދު ދެއްވާފައިވެއެވެ.
ރާއްޖޭގައި މިދިޔަ އަހަރުގެ ތެރޭގައިވެސް މިބަލީގައި ކުޑަކުދިން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާއިރު ބައެއް ކުދިންނަށް އައިސީޔޫގައި ވެސް ވަނީ ފަރުވާ ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!