މިދިޔަ 2021 ވަނަ އަހަރު ފެމިލީ ކޯޓުން 2399 ކައިވެނި ކޮށްދީފައިވާއިރު 1192 މީހެއް ވަރި ރަޖިސްޓަރީ ކުރި ކަމަށް އެކޯޓުން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެ ކޯޓުން އާންމުކުރި މަޢުލޫމާތުތަކަށް ބަލާއިރު މިއީ ކައިވެނިތަކުގެ އަދަދާ އަޅާ ބަލާއިރު ވަރިކުރި އަދަދު ދެބައިކުޅަ އެއްބަޔާ ގާތްކުރާ އަދަދެކެވެ.
ފެމިލީ ކޯޓަށް 2،400 އަށް ވުރެ ގިނަ މައްސަލަ ހުށައަޅާފައި ވެއެވެ. 2020 ވަނަ އަހަރުގެ މައްސަލަ ތަކާއި އެކު 2165 މައްސަލައެއް ވޭތުވެދިޔަ އަހަރު ނިންމާފައިވެއެވެ.
2021 ވަނަ އަހަރު ދަރިންގެ ހަރަދުގެ ގޮތުގައި 31 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގައިދިންއިރު އިއްދައިގެ ހަރަދުގެ ގޮތުގައި ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގައިދީފައިވާކަމަށް ހިސާބުތަކުން ދައްކައެވެ.
2020 ވަނަ އަހަރުގެ ހިސާބުތަކަށް ބަލާއިރު މުޅި ރާއްޖެއިން 4997 ކައިވެނި ކޮށްފައިވާއިރު 2984 ވަރި ކޮށްފައިވެއެވެ. މިއީ ކޮވިޑް19 ގެ ޕެންޑެމިކް ގެ ކުރިއާއި އަޅާ ބަލާއިރު މަދު އަދަދެކެވެ.
— Family Court (@FamilyCourtMv1) January 24, 2022
2019 ވަނަ އަހަރުގެ ތެރޭގައި އެވްރެޖްކޮށް ދުވާލަކު 14ވަރި ކުރެވުނެވެ. 2019ވަނަ އަހަރުގައި ކުރެވިފައިވަނީ 3550 ވަރިއެވެ. 5069 ކައިވެންޏެވެ.
މިދިޔަ އަހަރު ދިވެހިންގެ ތެރެއިން 92 ދިވެއްސަކު ވަނީ ބިދޭސީންނާއި ކައިވެނި ކޮށްފައެވެ. ފެމެލީ ކޯޓުން ބުނީ އެ މީހުންގެ ތެރެއިން ބިދޭސީ ފިރިހެނުންނާއި 25 ދިވެހި އަންހެނަކު ކައިވެނި ކުރި ކަމަށެވެ. އަދި 67 ދިވެހި ފިރިހެނަކު ބިދޭސީ އަންހެނުންނާއި ކައިވެނި ކޮށްފައިވާ ކަމަށެވެ.
ރާއްޖެއަކީ އާބާދީ އާއި ބަލާއިރު މުޅި ދުނިޔެ އިން އެންމެ ވަރި ގިނަ ގައުމެވެ. ރާއްޖޭގެ ވަރީގެ ނިސްބަތް ހުރީ 10.97 ރޭޝިއޯގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!