އަތޮޅުތެރެއަށް ބޭނުންކުރުމަށް ގެނެސްފައިވާ އެމްބިއުލާންސްތަކުގެ ތެރެއިން ށ. ކޮމަންޑޫއަށް ފޮނުވާ އެމްބިއުލާންސް ރޭގައި ފޮނުވާފައިވާކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސްޓީއޯ) އާއި ހަވާލުކޮށްގެން ގެނައި މި އެމްބިއުލާންސްތަކުގެ ތެރެއިން މީގެކުރިން ށ. އަތޮޅުގެ ފޯކައިދޫ އަދި މަރޮށްޓަށް ވެސް ވަނީ އެމްބިއުލާންސް ފޮނުވާފައެވެ. އެ އެމްބިއުލާންސްތައް ފޮނުވީ މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ 30 ވަނަ ދުވަހުއެވެ.
އެފަހަރު އެމްބިއުލާންސް ފޮނުވި ރަށްތަކުގެ ތެރޭގައި ހއ. އަތޮޅުން އުލިގަމާއި ފިއްލަދޫ އަދި ހދ އަތޮޅުން ހދ. މަކުނުދޫ އާއި ހދ. ނޮޅިވަރަމް ހިމެނެއެވެ.
މީގެ އިތުރުން އެންބިއުލާންސް ފޮނުވާފައި ރަށްތަކަކީ ނ. މިލަދޫއާއި އެއަތޮޅު ހެނބަދޫއަށެވެ. އަދި ރ. އިނގުރައިދޫ، ޅ. ކުރެންދޫ، ބ. ތުޅާދޫ، ކ. ހުރާ، އދ. ދަންގެތި، ފ. ބިލެއްދޫ ތ. މަޑިފުށި، ލ. މާމެންދޫ، ގއ. ގެމަނަފުށި، ތ. ގާދިއްފުށި، ބ. ކުޑަރިކިލު އަދި އއ. ތޮއްޑޫއަށްވެސް ވަނީ އެމްބިއުލާންސް ފޮނުވާފައެވެ.
ރަށްރަށަށް ބޭނުންވާ އެމްބިއުލާންސްތަކުގެ ތެރެއިން 20 އެމްބިއުލާންސް ރާއްޖެ ގެނެސްފައިވަނީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުއެވެ. 96 އެމްބިއުލާންސް ގެނައުމަށް އެސްޓީއޯއާ ހަވާލުކޮށްފައިވަނީ އެ އަހަރުގެ ޖޫން މަހު އެވެ.
އަލަށް ގެންނަ އެމްބިއުލާންސްތަކުގެ ސަބަބުން ޚިދުމަތް އިތުރަށް ފުޅާވެ، އަތޮޅުތަކުގައި މިހާރު ކުރިމަތިވަމުންދާ ގިނަ ގޮންޖެހުންތަކަށް ހައްލު ލިބިގެންދާނެ ކަމަށްވެސް ހެލްތް މިނިސްޓްރީން ވަނީ ފާހަގަ ކުރަށްވާފައެވެ.
ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސް ހަމަކުރުމަކީ މިސަރުކާރުގެ ވައުދެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!