މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް އަބުދުލް ޙަންނާނު އިދުރީސްގެ މެނިފެސްޓޯގައި ހިމެނޭ ވައުދުތައް ވީހާވެސް ގިނަ ރައްޔިތުންނާ ހިއްސާކުރުމުގެ ދަތުރެއް މިހާރު ދާއިރާއަށް ކުރަށްވަމުންދާއިރު، ކޮމަންޑޫ ދާއިރާގެ ފޯކައިދޫއަށް އޭނާ ވަނީ ނުވަ ވައުދެއް ވެވަޑައިގެންފައެވެ.
ކޮމަންޑޫ ދާއިރާއަށާއި، ތިން ރަށަށް ވަކިން ވެސް ހަންނާނުގެ މެނިފެސްޓޯގައި ވައުދުތައް ހިމަނާފައިވާއިރު، މި ވައުދުތަކަކީ އޭނާއާއި އެމްއެންޕީގެ ލީޑަޝިޕް ތިން ފަހަރެއްގެ މަތިން ދާއިރާގެ ރަށްތަކަށް ދަތުރުކުރުމަށްފަހު ރަށްޔިތުންގެ އަޑުއަހައި، އެކުލަވަލާފައިވާ ވައުދުތަކެކެވެ.
މިގޮތުން ފޯކައިދޫއަށް ބަލާއިރު އެރަށަށް ވަރަށް މުހިންމު ކަންކަން އެ ވައުދުތަކުގެ ތެރޭގައި ވަނީ ހިމަނާފައެވެ. އޭގެތެރޭގައި ކޮލެޖެއްގެ ކެމްޕަހެއް ފޯކައިދޫގައި ޤާއިމްކުރުމަށް މަސައްކަތްކުރެއްވުމާއި، ޒަމާނީ ތަޢުލީމާއި ޓެކްނޮލޮޖީއަށް ކިޔަވާކުދިން އަހުލުވެރިކުރުމަށް ކޮމްޕިއުޓަރ ލެބެއް އެރަށުގައި ތަރައްޤީކޮށްދިނުން ހިމެނެއެވެ.
މީގެއިތުރުން ހެލްތް ސެންޓަރ ތަރައްޤީކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް އެހީތެރިވެދިނުމާއި، ހެލްތް ސެންޓަރުގައި މާބަނޑު މީހުންނަށް ވިހާނެ އިންތިޒާމް ހަމަޖައްސައިދިނުމަކީ ވެސް އެރަށަށް މިވަގުތައް ވަރަށް މުހިންމުވެފައިވާ ކަންކަމެވެ.
ރައްޔިތުންނަށް ވައުދުތައް ހިއްސާކުރަން ހަންނާނު ފައްޓަވާފައިވާ ދޮރުންދޮރަށް ހިނގުމުގެ ހަރަކާތުގެތެރެއިން ފޯކައިދޫގައި،
އެރަށުގެ ޒުވާނުންނަށް އަމާޒުކޮށްގެން ހަންނާނު ވެފައިވާ ވައުދުތަކުގެ ތެރޭގައި ތައުލީމީ ކަންކަމުގެ އިތުރުން ޒުވާނުންނަށް ރަނގަޅު ފެންވަރެއްގެ ވޮލީ ކޯޓެއް އަޅައިދިނުމާއި، ކުޅިވަރުގައި ޒުވާނުންނަށް އިތުރު ފުރުސަތު ހޯދައިދިނުމަށް އެދާއިރާ ތަރައްޤީކުރުމަށް އެހީތެރިވެދިނުން ހިމެނެއެވެ.
އިސްލާމީ ވަހުދަތު ވަރުގަދަކުރުމަށް ދީނީ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން، ފައިސާގެ މުޢާމަލާތްތައް ފަސޭހަކޮށްދިނުމަށް އޭޓީއެމް ބަހައްޓަން މަސައްކަތްކުރުމާއި އަދި ފުދުންތެރި ރައްޔިތަކު ބިނާކުރުމަށް ފަހާ ކޯސް، މޭކަޕް ކޯސް އަދި ކައްކާ ކޯސް ހިންގައިދިނުން ފޯކައިދޫއަށް ހާއްސަ ހަންނާންގެ ވައުދުތަކުގެ ތެރޭގައި ހިމެނެއެވެ.
ޙަންނާނު އިދުރީސްގެ މެނިފެސްޓޯގައި ހިމެނޭ ވައުދުތައް ވީހާވެސް ގިނަ ރައްޔިތުންނާ ހިއްސާކުރުމުގެ ދަތުރުގައި މިހާރު ހަންނާނާއި، ޓީމް ތިއްބެވީ ފޯކައިދޫ، ކޮމަންޑޫއަށްފަހު މަރޮށީގައެވެ.
ކެންޑިޑޭޓު ނަމްބަރު 3، ހަންނާނުގެ ވައުދުތައް ހިމެނޭ މެނިފެސްޓޯ އިފްތިތާޙް ކުރުމަށް ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވެފައި ވަނީ އެ މެނިފެސްޓޯގައި ނުވާވަރުކަމެއް އަދި ނުފުއްދޭވަރުގެ ވައުދެއް ހިމަނާފައި ނުވާނެ ކަމަށެވެ. ހަންނާނަކީ ތައުލީމީ ދާއިރާއިން ގިނަގުނަ ތަޖުރިބާތަކެއް ލިބިވަޑައިގެން ހުންނެވި ޒުވާން ވިޔަފާރިވެރިއެކެވެ. އޭނާ ނިސްބަތްވެވަޑައިގަންނަވަނީ ކޮމަންޑޫއަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!