ދައުލަތުގެ ބެލުމުގެ ދަށުން ކ. ގުރައިދޫ ގައި ބަލަހައްޓަމުން ގެންދާ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ގައި ތިބޭ ދޮށީ އުމުރުގެ މީހުންނަށް ދެވޭ ޚިދުމަތް ރަނގަޅު ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއި، އޭޖްޑް ކެއަރ މޯލްޑިވްސް އާއެކު މެމޮރަމްޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ)އެއްގައި މިއަދު ސޮއިކޮށްފި އެވެ.
ޖެންޑާ މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ޖެންޑާ ނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ އެވެ. އޭޖްޑް ކެއަރ މޯލްޑިވްސްގެ
ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އެންޑް ފައުންޑަރ، ޑރ. އާމިނަތު ޖަމީލް އެވެ.
މިރަސްމިއްޔާތުގައި މިނިސްޓަރ ޢާއިޝަތު މުޙައްމަދުދީދީ ދެއްކެވި ވާހަކަފުޅުގައި މި އެއްބަސްވުމުގެ ސަބަބުން ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި ދޮށީ އުމުރުގެ މީހުންނަށް ދެވޭ ޚިދުމަތްތުގެ ފެންވަރު ރަނގަޅުވެ، އެމީހުން ބެލެހެއްޓުމަށް ތިއްބަވާ ފަރާތްތަކަށް އަމާޒުކޮށްގެން ތަމްރީނު ޕްރޮގްރާމެއް ފަރުމާކޮށް ހިންގުމަށް ހަމަޖެހިފައިވުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވިދާޅުވިއެވެ. އަދި މިފަދަ ޕްރޮގްރާމަކީ ހުރިހާ ފަރާތްތަކަށްވެސް ނުހަނު ބޭނުންތެރި ޕްރޮގްރާމެއްކަން ފާހަގަކުރަށްވައި، އޭޖްޑް ކެއަރ އާއި އެކު ވެވުނު އެއްބަސްވުމުގެ ސަބަބުން ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުންދޭ ޚިދުމަތްތަކަށް، ހެޔޮ ބަދަލުތަކެއް ގެނެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި އޭޖްޑް ކެއަރ މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އެންޑް ފައުންޑަރ، ޑރ. އާމިނަތު ޖަމީލް ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒާއި އެކު ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އޭގެ ތެރެއިންވެސް ދޮށީ އުމުރުގެ މީހުންނަށް ދެވޭ ޚިދުމަތް ރަނގަޅު ކުރުމުގެ ގޮތުން ހިންގަން ހަމަޖެހިފައިވާ ޕްރޮގްރާމަކީ ނުހަނު ބޭނުންތެރި ޕްރޮގްރާމަކަށްވާއިރު، މިއީ ރަނގަޅު ފެށުމެއް ކަމަށް އޭނާ ވަނީ ފާޙަގަ ކުރަށްވާފައެވެ.
މިރަސްމިއްޔާތުގައި ކ.ގުރައިދޫ، ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ޔޫޝައު ޝިހާން ވިދާޅުވީ މި އެމްއޯޔޫގެ ސަބަބުން ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މަސައްކަތް ކުރައްވަމުން ގެންދަވާ މުވައްޒަފުންނަށް ސެޓިފައިޑް ތަމްރީނު ޕްރޮގްރާމްތަކެއް ހިންގިގެން ދިއުމަކީ އެފަރާތްތަކަށް ލިބިގެންދާނެ ނުހަނު ބޮޑު ކުރިއެރުމެކެވެ. ސަބަބަކީ މިހާތަނަށް އައި އިރުވެސް މިދާއިރާއިން މިފަދަ އެއްވެސް ޕްރޮގްރާމެއް ހިންގިފައި ނެތުމާއި އެކު ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މަސައްކަތް ކުރައްވާ ފަރާތްތަކުންވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ ހަމަ އެކަނި އެމުވައްޒަފުންނަށް ލިބިފައި ހުރި ތަޖްރިބާގައި ކަމަށް ޝިހާން ފާހަގަކުރެއްވިއެވެ.
ޖެންޑާ މިނިސްޓްރީން ވިދާޅުވާ ގޮތުގައި މިއެއްބަސްވުމުގެ މައިގަނޑު މަޤުޞަދަކީ، ކ. ގުރައިދޫ ގައި ހުންނަ ޚާއްސަ އެހީ އަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބޭ ދޮށީ ޢުމުރުގެ މީހުންނަށް ދެވޭ ޚިދުމަތްތައް ރަނގަޅު ކޮށް ރައްކާތެރި ހިތްހަމަ ޖެހޭ މާހައުލެއް ޤާއިމު ކުރުމުގައި އެހީތެރިވުމެވެ.
މި އެއްބަސްވުމުގެ ދަށުން ޖެންޑާ ނިސްޓްރީއާއި، އޭޖްޑް ކެއަރ މޯލްޑިވްސް ގުޅިގެން ހިންގާ ހަރަކާތްތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ހަރަކާތްތަކަކަށް ހެދުމަށްޓަކައި ދެ ފަރާތުން އެއްބަސްވެވޭ ކަންކަމުގެ ތެރޭގައި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ކެއަރގިވާރސް ގެ ހުނަރު އިތުރުކުރުމަށް، ކޮންމެ 4 މަހަކުން އެއްފަހަރު ތަމްރީން ހިންގުމާއި، ޙާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ މުވައްޒަފުންނާއި މަޝްވަރާކޮށް ފިޒިއޮތެރަޕީ ކަސްރަތު އަދި އެހެނިހެން
ހަރަކާތްތައް ޤަވާއިދުން ހިންގޭނެ ސްކެޑިއުލް ހެދުމުގައި އެހީތެރިވެދިނުމާއި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ރެކްރިއޭޝަން ގެ ޙަރަކާތް ރޭވުމުގައި އެހީތެރިވެދިނުމުގެ އިތުރުން ޑައިޓީޝަނެއްގެ އެހީގައި ފައިދާ ހުރި ޑަޔަޓް ޕްލޭނެއް ހެދުން އަދި ކޮންމެ 3 މަހަކުން ރިވިއު ކުރުން ފަދަ ކަންކަން ވަނީ ހިމަނާފަ އެވެ.
އެއް އަހަރު ދުވަހުގެ މުއްދަތަށް ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން އެ މަރުކަޒުގައި ތިބޭ ދޮށީ އުމުރުގެ މީހުންނަށް ދެވޭ ޚިދުމަތްތައް ރަނގަޅުކޮށް ރައްކާތެރި ހިތްހަމަޖެހޭ މާހައުލެއް ގާއިމް ކުރެވިގެންދާނެ ކަމަށް ޖެންޑާ މިނިސްޓްރީން ވިދާޅުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!