އެންމެ ފަހުވަގުތުވެސް އޭނާގެ އަތުގައި ހިފައިގެންހުރެ މަރްޙޫމް ޙުސައިން ވަޙީދު ދެއްވި ހެޔޮ ނަސޭހަތް އަޑުއަހައި، އެގޮތުގެ މަތީގައި ދެމިހުންނަވާނެ ކަަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީީޕީ) ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް މުޙައްމަދު ރާޝިދު (ރާޑޯ) ވިދާޅުވެއްޖެއެވެ.

ރޭ ފޯކައިދޫގައި ކުރިއަށް ދިޔަ އޭނާގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރާޝިދު ވިދާޅުވީ، ދާއިރާއަށް މިއަދު ލިބެމުންދާ ކުރިއެރުމަކީ އެދުވަހު ދާއިރާގެ ރައްޔިތުންނުކުމެ އަނިޔާވެރި ސަރުކާރަކާ ދެކޮޅަށް ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ. އެ ފަސް އަހަރު ދާއިރާ އޮތްގޮތް އިތުރަށް ކިޔައިދޭކަށް ނުޖެހޭނެ ކަމަށާއި، އެދުވަހު ކުރި މަސައްކަތުގެ ނަތީޖާ މިއަދު ވަރަށް ފޮނިކޮށް، ވަރަށް ސާފުކޮށް ހަމަލޮލަށް ފެނިގެންދާއިރު މިއަދު ވެސް މިކުރަނީ އެ މަސައްކަތްކަމަށް އޭނާ ވިދާޅުވިއެވެ.

Ad
rt

ރާޝިދު ވިދާޅުވީ، އެ ދަތުރު އަދި ނުނިމޭ ކަމަށާއި، އެ ދަތުރު އޮތީ ކުރިއަށް ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވަނީ މި އިންތިޚާބާއި 2023 އާއި 2024 ގައި އެބުނާ ކަމެއްނުކޮށް ދިން ޕާޓީ މިރާއްޖެއިން ބަލިކުރުން، އެއީ ބޭނުންވާ ކަމަކީ، އެމީހުންނަކަށް ފުރުސަތެއް ނުދޭނަން، އެއީ ރައްޔިތުންނަށް ޚިދުމަތް ކޮށްދިން ބަޔެއްނޫން، ރައްޔިތުންނަށް ފަރުވާދިން ބަޔެއް ނޫން،" ރާޝިދު ވިދާޅުވިއެވެ.

ރައްޔިތުންނަށް ބޭނުންވާ ތަރައްގީގެ ކަންކަމުގެ އިތުރު ރައްޔިތު މީހާއަށް ބޭނުންވާ އަސާސީ އިތުރުކަންކަން ވެސް ކޮށްދިނީ މި ސަރުކާރުން، އެމްޑީޕީން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އޭނާއަށް ގަބޫލުކުރެވުނު ގޮތުގައި އެމްޑީޕީއަކީ މިހާތަނަށް ރާއްޖޭގައި އޮތް ހަމައެކަނި ރައްޔިތުންގެ އަޑުއަހާ، ރައްޔިތުންނަށް ކަންކޮށްދޭން ވިސްނާ އަދި ކަންކޮށްދޭ ޕާޓީ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑު އިރާދަ ކުރެއްވިއްޔާ އަޅުގަނޑު އެމްޕީގެ ވިސްނުމާއި ފިކުރާ އެއްގޮތަށް، އަޅުގަނޑު އިރާދަކުރެއްވިއްޔާ މިގޮތަށް އެމްޑީޕީގެ މަސައްކަތްތަކުގައި ތާ އަބަދަށް ދެމި ހުންނާނަން، އަޅުގަނޑުމެން ހާއްސަގޮތެއްގައި ފޯކައިދޫ، މަރޮށި، ކޮމަންޑޫ ރައްޔިތުން މިކުރާ މަސައްކަތަކީ މި ބައި-އިލެކްޝަންގައި ތިބޭފުޅުން ނުކުމެ ތިކޮށްދެއްވާ މަސައްކަތަކީ އަޅުގަނޑުމެންގެ އެމްޕީ، އަޅުގަނޑުމެންގެ ހިތުގެ ވިންދު އަޅުގަނޑުމެން އެންމެ ލޯބިޔާ ސިޔާސީ ބައްޕަ، މަރްޙޫމް ޙުސައިން ވަޙީދު އަވަހާރަވުމުން އެމަނިކުފާނު ފުރުއްވަމުންދިޔަ ގޮނޑީގެ ބާކީ އޮތް މުއްދަތަށް އަޅުގަނޑު އިންތިޚާބުކުރުމަށް ތިޔަބޭފުޅުންކުރާ މަސައްކަތް" ރާޝިދު ވިދާޅުވިއެވެ.

"އަޅުގަނޑު ދެމި ހުންނާނީ ﷲ އިރާދަކުރެއްވިއްޔާ ﷲގެ ރަޙްމަތުން އަޅުގަނޑުގެ އެމްޕީ އެންމެ ފަހުވަގުތުވެސް އަޅުގަނޑުގެ އަތުގައި ހިފައިގެންހުރެ އަޅުގަނޑަށް ދެއްވި ހެޔޮ ނަސޭހަތް އަޑުއަހައި އެގޮތުގެ މަތީގައި، އަޅުގަނޑުމެން މިއަދު މިގޮނޑިއަށް ހުތުރު ބަހުން ބަވާނެ މީހަކު، އެމްޕީއަށް އެއްޗެހިގޮވާނެ މީހަކު، އެއްޕީއަށް ނުރުހުންފާޅުކުރާނެ މީހަކު، އެމްޕީ ތާއީދުކުރި ސަރުކާރަށް ބުރަ ބަސް ބުނާނެ މީހަކަށް އަޅުގަނޑުމެން ފުރުޞަޠު ނުދޭނަން، އެ ވައްތަރު ބޭފުޅަކަށް އެ ފުރުޞަޠު ދެވޭކަށް ނޯންނާނެ، ނުވެސް ދޭނަން،" ރާޝިދު ވިދާޅުވިއެވެ.

ރާޝިދު ވިދާޅުވީ، އޭ ދޭން ބޭނުންވާ ޔަގީންކަމަކީ ރައްޔިތުންކުރާ ބުރަ މަސައްކަތުން އޭނާ ގޮނޑިއަށް އިންތިޚާބުވުމަށްފަހު އޭނާ ހުންނަވާނީ ރައްޔިތުންނާ ވަރަށް ގާތުގައި ކަމެވެ. އަދި މަސައްކަތްކުރަށްވާނީ ކޮމަންޑޫ ދާއިރާއިރާގެ ފޯކައިދޫ، ކޮމަންޑޫ، މަރޮށި އަދި ދިވެހި ރައްޔިތުންނަށް، އެމްޑީޕީގެ އެޖެންޑާ19 އިން ލިބެންޖެހޭ އެންމެހާ މަންފާތަކާއި، ފައިދާތަކާއި އަދި ފޮނިމީރުކަން ހޯދައިދިނުމަށް ކަމަށެވެ. އަތުކުރި އޮޅާލައިގެން އެކަންކަން ހާސިލް ކޮށްދިނުމަށް އޭނާ ހުންނަވާނެ ކަމަށާއި، އަދި ސާބިތުކަމާއެކު މަޖިލީހުގައި ރައްޔިތުންގެ ބަސް އިއްވައި ދޭނެކަމަށް ރާޝިދު ވިދާޅުވިއެވެ.

ކެންޑިޑޭޓް ނަމްބަރު 1 ރާޝިދަކީ ފޯކައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އެވެ. އަދި ފޯކައިދޫ ކައުންސިލްގެ ކުރީގެ ނައިބު ރައީސެވެ. އޭނާ ނިސްބަތް ވަނީ ވެސް ފޯކައިދޫއަށެވެ. ކޮމަންޑޫ ދާއިރާގައި ސަރުކާރުން ފަށާފައިވާ މަޝްރޫޢުތައް އެއްވާމެއްގައި ނިންމުމަށް ރާޝިދު އިންތިޚާބު ކުރަންޖެހޭ ކަމަށް އޭނާގެ ސަޕޯޓަރުން ދަނީ ބުނަމުންނެވެ.

އެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ރައްޔިތުންގެ ބައި-އިލެކްޝަން ބާއްވަން އީސީއިން ނިންމާފައި ވަނީ، އަންނަ ފެބުރުވަރީ 05 ވާ ހޮނިހިރު ދުވަހު އެވެ.