މޫނުބުރުގާ އަޅައިގެން ސްކޫލް ތަކުގައި ކިޔަވާދިނުމާ ދެކޮޅަށް މި ސަރުކާރާ ކުރީ ސަރުކާރުން ދައްކަނީ ދެކޮޅު ނުޖެއްސޭ ބަހަނާ ތަކެއްކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، މޫނުބުރުގާ އަޅައިގެން ސްކޫލް ތަކުގައި ކިޔަވާދިނުމާ ދެކޮޅަށް މި ސަރުކާރާ ކުރީ ސަރުކާރުން ދައްކަނީ ދެކޮޅު ނުޖެއްސޭ ބަހަނާ ތަކެއްކަމަށާއި، އަދި އެއީ ހުޅަގުގެ ޤައުމުތަށް ރުއްސުމަށް ދައްކާ ވާހަކަތަކެއް ކަމަށެވެ.
ސައްތައިން ސައްތަ މުސްލިމް ޤައުމެއްގައި މިފަދަ ކަންކަން މަނާކުރުމަކީ ކުރެވިގެންވާނޭ ކަމެއްނޫން ކަމަށް އަންނަ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެކަން ރަސްމީކޮށް ޢިއުލާން ކުރަށްވާފައިވާ އުމަރު ވިދާޅުވިއެވެ.
"މާސްކްއަޅައިގެން ކިޔަވާދިނުމާ، މޫނުބުރުގާ އަޅައިގެން ކިޔަވާދިނުމާ ހުރީކޮންތަފާތެއްތޯއެވެ؟ ދުނިޔޭގެ އެންމެން ކަހަލަގޮތަކަށް ފޭސް މާސްކް އަޅައިގެން އުޅޭތާ 2 އަހަރުވެފައިވާއިރު، ދުނިޔޭގެ އެއްވެސް ޤައުމަކުން، މޫނުބުރުގާ އާއި ދެކޮޅަށް ދެން ދައްކަންއޮތީ ކޮން ހުއްޖަތެއްތޯ އެވެ؟" އުމަރު ވިދާޅުވެފަވެއެވެ.
ދަރިވަރުންނަށް ފިލާވަޅު ފަހުމުވުމުގައި އިޝާރާތްތައް މުހިއްމު ދައުރެއް އަދާކުރޭ: އެޑިޔުކޭޝަން
އުމަރު މިހެން ވިދާޅުވެފައިވާއިރު، މި މަހުގެ 20 ވަނަ ދުވަހު އެޑިޔުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ މޫނުބުރުގާ އަޅައިގެން ސްކޫލުތަކުގައި މަސައްކަތް ކުރުމުގެ ހުއްދަ ދީފައިވަނީ 2019 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ކަމަށެވެ. އަދި އެ އުސޫލަށް ފަހުން އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށާއި، އޭގެ ކުރިން ސްކޫލުތަކުގައި މޫނުބުރުގާ އަޅައިގެން މަސައްކަތް ކުރުމަކީ މަނާ ކަމެއް ކަމަށް ބުނެފައިވެއެވެ.
ކަނބަލުން މޫނު ނިވާކުރަނީ ވެސް އަދި މޫނު ފެންނަގޮތަށް ތިބެނީ ވެސް ކީރިތި ޤުރުއާނުގައިވާ ދަލީލެއްގެ މައްޗަށް ބިނާކޮށް ކަމަށް އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަން( އައިއޯސީސީ)ގެ އެއް ނައިބު ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު ޑރ. އަނާރާ ނައީމް ވަނީ ވިދާޅުވެފައެވެ. ކަނބަލުން މޫނު ނިވާކުރަނީ ކީރިތި ޤުރުއާނުގައިވާ ދަލީލެއްގެ މައްޗަށް ބިނާކޮށް ކަމަށާއި، އެއީ سورة الأحزابގެ ވަނަ 59 އާޔަތް ކަމަށް އަނާރާ ވަނީ ވިދާޅުވެފައެވެ. އަދި މޫނު ފެންނަގޮތަށް ތިބެނީވެސް ޤުރުއާނުގައިވާ ދަލީލެއްގެ މައްޗަށް ބިނާކޮށް ކަމަށާއި، އެއީ سورة النور ގެ 31 ވަނަ އާޔަތްކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެއްބަޔަކު އަނެއްބަޔަކު ކުއްވެރިނުކޮށް އުޅުން މުހިއްމު ކަމަށް ޑރ. އަނާރާ ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!