ޗާޓާޑް ޕްރޮފެޝަނަލް އެކައުންޓެންޓުން ތަމްރީންކުރުމަށް މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަނުން ހުޅުވާލި 150 ސްކޮލަޝިޕަށް 493 ފަރާތަކުން ކުރިމަތިލައިފިއެވެ.

ހަޔާ އެޑިޔުކޭޝަނުން 150 ސްކޮލަޝިޕަށް ފުރުޞަޠު ހުޅުވާލީ މިދިޔަ ޑިސެމްބަރު 30 ގައެވެ. މި ފުރުސަތުގެ ސުންގަޑި ހަމަވީ އިއްޔެ މެންދުރު 14:00 ގައެވެ.

Ad
rt

މި މުއްދަތުގައި އެ 150 ސްކޮލަޝިޕަށް 493 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށް ހަޔާ އެޑިޔުކޭޝަނުން ވިދާޅުވެއެވެ.

މިއަހަރު ބޭއްވުނު ފަބްލިކް އެކައުންޓެންޓް ފޯރަމްގައި ވާހަކަފުޅުދައްކަވަމުން މި ދާއިރާއަށް މީހުން ބިނާކުރުމަށް ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ކުރައްވަން ޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް، ވިދާޅުވެފައިވުމާއެކު، މި ސްކޮލަޝިޕް ސްކީމަކީ ރައީސުލްޖުމްހޫރިއްޔާ އެ ވިދާޅުވި މަސައްކަތްޕުޅުތަކުގެ އެއް ބައިކަމަށް މި ސްކޮލާޝިޕްތައް ޢިއުލާން ކުރުމާއިގުޅިގެން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ތިބެގެން ކިޔަވަން ހުޅުވާލި މި ސްކޮލަޝިޕްތަކުގައި އޭސީސީއޭ ސްކިލްސް ލެވެލް، އޭސީސީއޭ ޕްރޮފެޝަނަލް ލެވެލް، ސީމާ މެނޭޖްމަންޓް ލެވެލް އަދި ސީމާ ސްޓްރެޓީޖިކް ލެވެލްއަށް ކިޔެވޭނެ އެވެ.

ސްކޮލާޝިޕް ސްކީމްގެ ދަށުން ދޭ އިނާޔަތްތައް:

  • ރަޖިސްޓްރޭޝަން ފީ
  • އެނުއަލް ސަބްސްކްރިޕްޝަން ފީ (ކިޔެވުން ފުރިހަމަ ކުރަމުންދާ މުއްދަތުގައި)
  • އެގްޒެމްޝަން ފީ
  • އެގްޒާމް ފީ
  • ބުކް އެލަވަންސް
  • ޓިއުޝަން ފީ (ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ޔުނިވާސިޓީ ނުވަތަ ކޮލެޖެއްގައި ކިޔަވާނަމަ)

ސްކޮލަޝިޕަށް ކެންޑިޑޭޓުން ހޮވުމުގައި ގިނަ މޮޑިއުލްތައް ނިންމާފައިވާ ފަރާތްތައް ނުވަތަ ކުރިން ފުރިހަމަކޮށްފައިވާ ކޯހެއްގެ ސަބަބުން ގިނަ މޮޑިއުލްތަކަކަށް އެގްޒެމްޝަން ލިބޭ ފަރާތްތަކަށް އިސްކަންދިނުމާއެކު އެކަޑަމިކް މެރިޓަށް ޕޮއިންޓްދީގެން އެންމެ މަތިން ޕޮއިންޓް ލިބޭ ތަރުތީބުން ކެނޑިޑޭޓުން ހޮވަން އިސްކަންދެވޭނެ ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ސްކޮލާޝިޕްގެ ދަށުން ނޮމިނޭޓް ކުރެވޭ ފަރާތްތައް މިނިސްޓްރީއިން ނޮމިނޭޓްކުރާ ތާރީޚުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި ކިޔަވަން ފަށަން ޖެހެ އެވެ. ތިން މަސް ދުވަހުގެ ތެރޭގައި ކިޔަވަން ނުފަށައިފިނަމަ ސްކޮލަޝިޕް ކެންސަލް ކުރުމުގެ އިޚްތިޔާރު ހަޔާ އެޑިޔުކޭޝަނަށް ލިބިގެންވެ އެވެ.

މިއީ، ޗާޓާޑް ޕްރޮފެޝަނަލް އެކައުންޓަންޓުން ތަމްރީންކުރުމަށް ޚާއްޞަކޮށްގެން ހުޅުވާލި މިފަދަ ފުރަތަމަ ސްކޮލާޝިޕެވެ. މި ސްކޮލާޝިޕް ސްކީމުން ޕަބްލިކް ސެކްޓަރ އަށް 50 ފުރުސަތު ޚާއްސަކޮށްފައިވާއިރު، ސަރުކާރުގެ އެކިއެކި އިދާރާތަކާއި އޮފީސްތަކުގެ މާލީ ދާއިރާގައި މިހާރުވެސް މަސައްކަތް ކުރަމުންދާ ވަރަށް ގިނަ ފަރާތްތަކެއް ޝައުގުވެރިކަން ވަނީ ފާޅުކޮށްފަ އެވެ.

ޗާޓާޑް ޕްރޮފެޝަނަލް އެކައުންޓަންޓުންގެ ގޮތުގައި ޕަބްލިކް ސެކްޓާގައި ގިނަ އަދަދެއްގެ މަސައްކަތްތެރިން ހަރަކާތްތެރިވާން ފެށުމުގެ ނަތީޖާއެއްގެ ގޮތުން މި ދާއިރާ އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށް ހަޔާ އެޑިޔުކޭޝަނުން ވިދާޅުވެއެވެ.