ތަރައްގީގެ ނަމުގައި ސަރުކާރުން ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ނުފޯޒު ފޯރުވުމަށް މަސައްކަތް ކުރަށްވަމުންދާ ކަމަށް ޕީޕީއެމްގެ ނާއިބުރައީސް އަދި މާލޭގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑރ. މުޢިއްޒު ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާ ދިމާކޮށް ފެނިގެންދަނީ ހެދިފައި ހުރި ޤާނޫނުތަކާއި އިލެކްޝަންސް ކޮމިޝަނުން ގެންގުޅޭ އުޞޫލުތަކަށް ވެސް ބެލުމެއް ނެތި އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން އުޅޭ މަންޒަރު ކަމަށެވެ. އެފަދަ އެތައް ކަމެއް ސަރުކާރުން ކުރަމުންދާ ކަމަށާއި މި ކަންކަން ކުރަމުންދަނީ ތަރައްޤީގެ ނަމުގައި ކަމަށް ވިދާޅުވިއެވެ.
ރައްޔިތުންނަށް ތަރައްޤީ ލިބޭ ކަމެއް ނަމަ، އެކަމަކަށް މަރުޙަބާ ކިޔާނެ ކަމަށާއި، ނަމަވެސް ކުއްލިއަކަށް އިންތިޚާބާ ދިމާކޮށް ސަރުކާރުން ކޮމަންޑޫ ދާއިރާއަށް ކަންތައްތަކެއް ކޮށްދެމުން ދިއުމުން ސަރުކާރުގެ އިޚްލާޞްތެރިކަމާމެދު ރައްޔިތުން ވަރަށް ފުންކޮށް ވިސްނާނެ ކަމަށް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
ޑރ. މުޢިއްޒު ވިދާޅުވީ، މި އިންތިޚާބާ ގުޅިގެން ކޮމަންޑޫ ދާއިރާއަށް ވަރަށް ބައިވަރު ތަރައްޤީ އަންނަމުންދާ ކަމަށާއި، އިންތިޚާބާ ގުޅުވައިގެން ބައެއް މަޝްރޫޢު ފަށަމުން ދާކަމަށެވެ. އަދި ފަށާފައި ހުއްޓިފައި ހުރި ބައެއް މަޝަރޫޢުތައް އަލުން ފަށަމުންދާ ކަމަށެވެ.
"މިހެން ގޮސް ތަރައްޤީއާ ގުޅުންހުރި ކުލަވަރުތައް އެބަފެނޭ. މިކަންކަަމަކީ ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަށްޓަކައި އަޅުގަނޑާއި ޕީޕީއެމް އަދި ތަރައްޤީއަށް ލޯބިކުރާ އެންމެން ވެސް މަރުޙަބާ ކިޔާނެ ކަމެއް. އެކަމަކު މީގައި ފާހަގަކޮށްލަންޖެހޭ ކަމަކީ ސަރުކާރުގެ އިޚްލާޞްތެރިކަން އޮތް ވަރެއް. ކޮމަންޑޫ ދާއިރާގެ ރައްޔިތުން ބައްލަވާނެ ސަރުކާރުން މިކަން މިކުރަނީ އިޚްލާޞްތެރި ނިޔަތެއްގައިތޯ. އިންތިޚާބާ ދިމާވެގެން ކަންކަން ވެގެންދާއިރު އެއީ ރައްޔިތުން ވިސްނާނެ ކަމެއް. އެއްވެސް ދާއިރާއަކަށް ތަރައްޤީ އަންނަންޏާ އަޅުގަނޑުމެން އުފާކުރަން." ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ޕީޕީއެމްގެ ކެންޑިޑޭޓާ ގުޅޭގޮތުން ޑރ. މުޢިއްޒު ވިދާޅުވީ، ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވާ މޫސާ ފަތުޙީ އާދަމަކީ ވަރަށް ޤާބިލް ބޭފުޅެއް ކަމަށެވެ. އޭނާ ހޮވަން އެކަށީގެންވަނީ ހަމައެކަނި ކޮމަންޑޫ ދާއިރާއަށް ނޫން ކަމަށާއި ފަތުޙީއަކީ ރައްޔިތުންގެ މަޖިލީހުގެ ކޮންމެ ދާއިރާއަކަށް ކުރިމަތިލެއްވިޔަސް އެ ދާއިރާއަކުން ހޮވުމަށް ވަރަށް އެކަށޭނަ ބޭފުޅެއް ކަމަށް ވިދާޅުވިއެވެ.
ފަތުޙީއަކީ ތަޢުލީމީ ގޮތުންނާއި ތަޖުރިބާގެ ގޮތުން ބެލިޔަސް ވަރަށް ޤާބިލް ބޭފުޅެއް ކަމަށާއި އަދި ޤައުމުގެ ތާރީޚާއި ޙާލަތު ވަރަށް ރަގަޅަށް ދެނެވަޑައިގެން ހުންނެވި ޤައުމީ ފިކުރުގެ ބޭފުޅެއް ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ކޮމަންޑޫ ދާއިރާއަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ޤާބިލް ބޭފުޅަކީ އެއީ ކަމަށާއި މިއީ ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަށް ލިބޭ ރަނުގެ ފުރުޞަތެއް ކަމަށް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!