މޫނު ބުރުގާ އެޅުމަކީ އެއްވެސް ފަރާތަކަށް މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރުމަށް އޮތް ހުރަހަކަށްވެގެން ނުވާނެކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އިން ބުނެފިއެވެ.
ސްކޫލްތަކުގައި މޫނު ބުރުގާ އަޅައިގެން ކިޔަވާ ދިނުމާ ގުޅޭގޮތުން އެންއެންޕީން ދެކޭގޮތް ބަޔާންކުރުމަށް މިއަދު އާންމުކުރި ނޫސް ބަޔާނެއްގައި ބުނީ، ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމާއި، އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަސްދަރުކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމަށެވެ.
އެހެންކަމުން މޫނު ބުރުގާ އެޅުމަކީ އިސްލާމްދީނުގައި ލާޒިމްކޮށްފައިވާ ކަމެއްކަމާމެދު ދީނީ އިލްމުވެރިންގެ މެދުގައި ހިލާފް އުފެދިފައިވާއިރު، މޫނު ބުރުގާ އެޅުމަކީ ލާޒިމްކަމެއްކަމަށް ދެކޭ ރައްޔިތުން ދިވެހިރާއްޖޭގައި ދިރިއުޅޭކަމީ ޤަބޫލު ކުރަންޖެހޭ ހަގީގަތެއްކަމަށް އެ ޕާޓީން ދެކޭކަމަށް ބުނެފަވެއެވެ.
އެ ސަބަބަށްޓަކައި މޫނު ބުރުގާ އެޅުމަކީ މިފަރާތްތަކަށް ޤާނޫނުއަސާސީން ލިބިދޭ އެއްވެސް ހައްޤަކަށް ނުވަތަ މިނިވަންކަމަކަށް އުނިކަން އަންނަންޖެހޭނެ ސަބަބެއް ކަމަށް ނުދެކޭ ކަމަށް އެ ޕާޓީން ބުނެފައެވެއެވެ.
"މި ޕާޓީން ޤަބޫލުކުރާ ގޮތުގައި މޫނު ބުރުގާ އެޅުމަކީ އެއްވެސް ފަރާތަކަށް މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރުމަށް އޮތް ހުރަހަކަށްވެގެން ނުވާނެއެވެ." އެމްއެންޕީން ބުނެފަވެއެވެ.
އެމްއެންޕީން ބުނީ، މިފަދަ ކަމެއް މަނާކޮށް އެއްވެސް ފަރާތެއްގެ ހައްޤެއް ހިފަހައްޓާކަމަށްވާނަމަ، އެކަން ކުރަންވާނީ މިކަމާ ގުޅޭގޮތުން ދީނީ އިލްމުވެރިން ހިމެނޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވި، އެކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ބަހުސްކޮށް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއްގެ ދަށުންކަމަށް ދެކޭކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!