އިންޑޮނޭޝިޔާގެ ވެރިކަން ކުރާ ޖަކާޓާ ތޮއްޖެހި، ކާރުބާރު ބޮޑުވެފައިވުމުން، އެ ގައުމުގެ ވެރިކަން ކުރާނެ ރަށެއްގެ ގޮތުގައި ކަލިމަންޓާން ހަމަޖެއްސުމަށް އިންޑޮނޭޝިޔާފެ ޕާލިމެންޓުން ސަރުކާރަށް ރުހުންދީފިއެވެ.
އިންޑޮނޭޝީޔާގެ ރައްޔިތުންގެ މަޖިލީހުން ވެރިކަން ކުރާ ރަށް ބަދަލު ކުރުމަށް ފާސްކޮށްފައިވަ ނީ މަޖިލީހުގައި ނެގުނު ވޯޓުގެ ތެރެއިން 8 ފެކްޝަންގެ ވޯޓު ލިބިގެންނެވެ. ވެރިކަން ކުރާ ރަށް ބަދަލު ކުރުމާއި ދެކޮޅަށް ވޯޓުދީފައިވަނީ އެންމެ ފެކްޝަނަކުންނެވެ.
އިންޑޮނޭޝިޔާގެ މަޖިލީހުގެ ރައީސް ވިދާޅުވެފައި ވަނީ އެގައުމުގެ މަޖިލީހުގައި ހިމެނެނީ ޕޮލިޓިކަލް ޕާޓީތަކަށް ނިސްބަތްވާ 9 ފެކްޝަންއެއްކަމަށެވެ.
ވެރިކަން ކުރާ ރަށާއި ބެހޭ ގޮތުން މަޖިލީހަށް ހުށަހަޅާފައިވާ ޕްލޭންގައި ވާގޮތުން ނަމަ ވެރިކަން ކުރަން ނިންމާފައިވާ ރަށުގެ ބޮޑުމިނުގައި ޖަންގަލި ސަރަހައްދު ހިމެނޭ ގޮތަށް 256،143 ހެކްޓަރު ހުރެއެވެ. އަދި އެ ރަށް ތަރައްޤީ ކުރެވޭނީ 5 ފިޔަވައްސަކަށް ބަހާލައިގެންކަމަށް ވެސް ފިނޭންސް މިނިސްޓްރީއިން ހުށަހަޅާފައިވާކަމަށް މަޖިލީހުން ވަނީ ހާމަކޮށްފައެވެ.
ވެރިކަން ކުރަން ކަނޑައަޅާފައިވާ ރަށުގެ ހުރިހާ ކަމެއް 2045 ވަނަ އަހަރާއި ހަމައަށް ކުރިއަށްދާއިރު، 2022 އަދި 2024 ގެ ތެރޭގައި ފުރަތަނަ ފިޔަވަހީގެ މަސައްކަތްތައް ފެށޭވަރުވާނެކަމަށް ވެސް ފިނޭންސް މިނިސްޓަރާއި ހަވާލާދީ މަޖިލިސްއިން ހަމަކޮށްފައިވެއެވެ.
ވެރިކަން ބަދަލުކުރާ ރަށް ތަރައްޤީކުރުމަށް މުޅި ޖުމްލަ 32 ބިލިއަން އެމެރިކާ ޑޮލަރު (466 ޓްރިލިއަން އިންޑޮނޭޝިޔާ ރުޕިޔާ) ޚަރަދުވާނެކަމަށް ވަނީ އަންދާޒާކޮށްފައެވެ.
އިންޑޮނޭޝިޔާގެ ރައްޔިތުންގެ މަޖިލީހުގެ ޓީވީއަށް މަޢުލޫމާތުދެއްވަމުން މިނިސްޓާ އޮފް ނެޝަނަލް ޑިވެލޮޕްމެންޓް ޕްލޭނިންގް ސުހަރްސޯ މޮނޯރުފާ ވިދާޅުވީ، އެގައުމުގެ ވެރިކަން ކަލިމަންޓާންއަށް ބަދަލުކުރުމުން ގައުމުގެ ކުރިމަގަށް ގިނަގުނަ ފައިދާތަކާއި އިޤްތިޞާދީ ގޮތުންވެސް ކުރިއެރުންތައް ލިބޭނެކަމަށެވެ. އަދި މިއީ ގައުމުގެ ލާބަޔާއި މަންފާއަށް ވިސްނައި ގެނެވިފައިވާ ހެޔޮ ބަދަލެއްކަމަށްވެސް ވިދާޅުވެފައިވެއެވެ.
ޖަކާޓާ ތޮއްޖެހި އިޤްތިޞާދީ ގޮތުންވެސް އެރަށުގައި ދަތިތައް ކުރިމަތިވަމުން އައުމާއި ގުޅިގެން އިންޑޮނޭޝިޔާގެ ވެރިކަން ކުރާ ރަށް ބަދަލުކުރުމަށް އެގައުމުގެ ރައީސުލްޖުމްހޫރިއްޔާ ޖޯކޯ ވިޑޯޑޯ އެންމެ ފުރަތަމަ މަޖިލީހަށް ހުށަހަޅާފައިވަނީ 2019 ވަނަ އަހަރުގެ ތެރޭގައެވެ.
ޖަކާޓާއަކީ ގުދުރަތީ ގޮތުންވެސް ގިނަ މައްސަލަތަކެއް ކުރިމަތިވަމުން އަންނަ ރަށެއްކަން ފާހަގަވެފައިވާއިރު، ފެންބޮޑުވުމާއި ގުދުރަތީ ގިނަ ކާރިސާތައް ގިނަ އަދަދަކަށް އެރަށަށް ކުރިމަތިވަމުން އަންނަކަން ރައީސްވަނީ ފާހަގަކުރައްވާފައެވެ.
ޖަކާޓާގައި 10 މިލިއަން މީހުން ދިރިއުޅެނުން އަންނަ އިރު، ޔުނައިޓެޑް ނޭޝަންސްއިން ހާމަކޮށްފައިވާ ގޮތުގައި ޖަކާޓާ ހިމެނޭ ސަރަހައްދުގައި އެކަނިވެސް 30 މިލިއަން މީހުން ދިރިއުޅެމުން އަންނަކަމަށް ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!