ކުޅުދުއްފުށި ސިޓީގައި ކޯވިޑް-19ގެ ހާލަތު ގޯސްވަމުން ދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.

މިގޮތުން އެކައުންސިލުން ވަނީ ކޯވިޑްގެ ހާލަތު ގޯސްވަމުން ދާތީ ޒަރޫރީ ބޭނުންތައް ފިޔަވާ އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުމާއި ގިނަ މީހުން އެއްތަނަކަށް އެއްވެ އުޅުން ފަދަ ކަންކަން ހުއްޓާލުމަށް އިލްތިމާސް ކޮށްފައެވެ.

Ad
rt

މީގެއިތުރުން މާސްކު ރަނގަޅަށް ބޭނުންކޮށް، ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުމަށާއި، ބަލީގެ އެއްވެސް އަލާމާތެއް ފެންނަނަމަ ލަސްނުކޮށް ޓެސްޓުކުރުމަށް ވެސް ސިޓީ ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައިވެއެވެ.

ކުޅުދުއްފުށި ސިޓީގެ ކޯވިޑް ކޭސްތައް މިހާރު ވަނީ 190 އިން މައްޗަށް އަރާފައެވެ. އިއްޔެ އެކަނިވެސް 54 މީހުން ވަނީ އެސިޓީއިން މިބައްޔަށް ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި ސިޓީ ކައުންސިލްގެ މުވައްޒަފުން ވެސް ހިމެނެއެވެ.

ކުޅުދުއްފުށީ ސިޓީގެ އިތުރުން ހދ. އަތޮޅުގެ އެހެން ރަށްތަކުގެ ކޯވިޑް ހާލަތު ވެސް ދަނީ ގޯސްވަމުންނެވެ. އެގޮތުން މިވަގުތުވެސް ނެއްލައިދޫ، ހަނިމާދޫ އަދި ނޮޅިވަރަމްފަރު މޮޏިޓަރިން ހާލަތުގައި އޮތްއިރު ބައެއް އެހެން ރަށްތަކަކުން ދަނީ އިތުރު ކޭސްތައް ފެންނަމުންނެވެ. އަދި ހދ. އަތޮޅުގެ އިތުރުން ބޮޑު ތިލަދުންމަތީގެ ށ. އަދި ހއ. އަތޮޅުގެ ބައެއް ރަށްތަކުން ވެސް ދަނީ އިތުރު ކޭސްތައް ފެންނަމުންނެވެ.

ރާއްޖެ ކޯވިޑްގެ އާ ރާޅެއްގެ ދަށުގައި އޮތްއިރު ކޯވިޑްގެ ހާލަތު ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މި މަހުގެ 17 އިން ފެށިގެން ވަނީ "ރެޑް އެލާޓް"އަށް ބަދަލުކޮށްފައެވެ. އިއްޔެ އެކަނިވެސް މުޅިރާއްޖެއިން 1594 މީހަކު ވަނީ އަލަށް މިބަށްޔަށް ޕޮޒިޓިވްވެފައެވެ. އޭގެތެރޭގައި މާލޭ ސަރަހައްދުން ޕޮޒިޓިވްވި 857 މީހުންނާއި، އަތޮޅު ތަކުން ޕޮޒިޓިވްވި 438 މީހުން ހިމެނެއެވެ.